ޚަބަރު

ދެ އަހަރަށްފަހު ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި


ކޯވިޑް-19އާ ގުޅިގެން އިޢުލާނު ކޮށްފައިވާ ޢާއްމު ސިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތު އުވާލައިފިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމުގެ ގޮތުން ރާއްޖޭގައި ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކުގެ ޙާލަތު އެންމެފުރަތަމަ އިއުލާން ކުރީ 2020ވަނަ އަހަރުގެ މާޗު މަހުގެ 12ވަނަ ދުވަހުއެވެ. އެފަހަރު އެ މުއްދަތު އިޢުލާނުކޮށްފައިވަނީ 30 ދުވަހަށެވެ. ނަމަވެސް އޭގެ ފަހުން ކޮންމެ މަހަކު ވެސް އެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

ކޯވިޑްގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅު ތަކުގެ ތެރެއިން ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބުގައެވެ. އެމަނިކުފާނު ވިދާޅުވީ، ޞިއްޙީ ދާއިރާގެ އިސްބޭފުޅުންގެ ލަފާގެ މަތީން ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައި ވާކަމަށެވެ.

"ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް، ކޯވިޑްގެ ވަބާއީ ޙާލަތަށް އިޖާބަ ދިނުމުގައި ރާއްޖެއިންވެސް މިހާރު އަމާޒު ހިފާފައިވަނީ، ބަލީގެ ނުރައްކާ ބޮޑު މީހުން ރައްކާތެރިކުރުމަށާއި، އެނދުމަތިކުރަންޖެހޭ މީހުންނާއި، މަރުވާ މީހުންގެ ނިސްބަތް މަދުކުރުމަށް. އަދި ކޯވިޑް-19އާ ގުޅިގެން ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ މިންވަރަށް ބަލީގެ ޙާލަތު ބަލަހައްޓަމުން ގެންދިޔުމަށް. އެހެންކަމުން، ކޯވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އިޢުލާނު ކުރަމުން އައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު، ޞިއްޙީ މާހިރުންގެ ލަފާގެ މަތިން، މިއަދުން ފެށިގެން ނިމުމަކަށް ގެނައި ވާހަކަ ދަންނަވަން." ރައީސް ވިދާޅުވިއެވެ.

ކޯވިޑާއެކު މި ހޭދަކުރި ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ ދަތިތަކަކާއި އުނދަގޫތައް ތަޙައްމަލް ކުރެވިފައިވާކަމަށާއި، ކޯވިޑުގެ ގެއްލުންތައް ސީދާގޮތުންނާއި ނުސީދާގޮތުން ނުފޯރާ އެންމެ ޢާއިލާއެއްވެސް ރާއްޖޭގައި ނެތްކަމަށް ރައީސް ވިދާޅުވިއެވެ. ކޯވިޑް ބަލީގެ ނުސީދާ އުނދަގޫތައް ތަޙައްމަލްކުރާ އެތައް ބަޔަކު މިހާރުވެސް އެބަތިބިކަމަށާއި، މި ބަލީގައި ރާއްޖެއިން މިހާތަނަށް 297 މީހުން މިދުނިޔެ ދޫކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އެ ހުރިހާ އެންމެންނަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވާފައެވެ. އަދި ކޯވިޑް ބަލީގެ ވޭން ތަޙައްމަލް ކުރަމުންދާ ހުރިހާ އެންމެންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދި ދުޢާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކޮށް، ކޯވިޑުގެ ޙާލަތަށް އަންނަ ބަދަލުތައް ވަރަށް ރަނގަޅަށް ބަލަމުންދާނެކަމަށެވެ. ރާއްޖޭގައި ފެތުރެނީ ކޯވިޑް ޖައްސާ ކޮން ބާވަތެއްގެ ވައިރަހެއްތޯ ދެނެގަތުމަށް، ގަވާއިދުން ޖެނެޓިކް ސީކުއެންސް ޓެސްޓުތައް ކުރެވޭނެ ނިޒާމެއްވެސް މިހާރުވަނީ ރާއްޖޭގައި ޤާއިމުކޮށްފައިކަމަށެވެ. އެ ބަދަލުތައް ދެނެގަނެ، ޙާލަތާ ގުޅޭގޮތުން ފިޔަވަޅުތައް އަޅަމުންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.