ޚަބަރު

މިދިޔަ އަަހަރު 2 މިލިޔަން ރުފިޔާ ދައުލަތަށް ހޯދަން އަންގާފައިވޭ: އޭސީސީ


ފާއިތުވެދިޔަ 2021 ވަނަ އަހަރު ދައުލަތަށް އަނބުރާ ހޯދަންޖެހޭ 2.1 މިލިޔަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައިވާނެ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހާމަކޮށްފިއެވެ. އޭސީސީން ވަނީ މިދިޔަ އަހަރު އެކޮމިޝަނުން މަސައްކަތް ކުރި ގޮތުގެ އަހަރީ ރިޕޯޓް އާންމުކޮށްފައެވެ.

މި ރިޕޯޓުގައި، މިދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކާއި، ކޮރަޕްޝަނުގެ މައްސަލަތައް ތަޙުޤީޤުކުރުމަށް ކުރެވުނު މަސައްކަތްތަކާއި، ކޮރަޕްޝަނާ ދެކޮޅަށް މުޖުތަމަޢު ހޭލުންތެރިކުރުވުމަށާއި، ދައުލަތުގެ އެކި ދާއިރާތަކުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންކަން މަދުކުރުމަށް ކުރެވުނު މަސައްކަތްތަކާއި، އެމަސައްކަތްތަކުން ނަތީޖާ ޙާޞިލްކުރެވިފައިވާ މިންވަރު ހާމަކޮށްފައިވެއެވެ.

މިދިޔަ އަހަރު އޭސީސީއަށް ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު، 782 މައްސަލައެއް ރަޖިސްޓްރީ ކޮށްފައިވެއެވެ. ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އަތޮޅު ތެރެއަށް ދަތުރުކޮށްގެން ތަޙުޤީޤު ހިންގަންޖެހޭ މައްސަލަތައް ހުއްޓިފައި އޮތްނަމަވެސް، 2021 ވަނަ އަހަރުގެ ފަހުކޮޅުގައި 5 އަތޮޅެއްގެ 48 ރަށަކަށް ދަތުރުކޮށް، ތަޙުޤީޤު ހިންގާފައިވެއެވެ.

2021 ވަނަ އަހަރު ތެރޭގައި 588 މައްސަލައެއް ނިންމާފައިވާއިރު، ކޮރަޕްޝަނުގެ ޢަމަލެއް އެކުލެވިގެންވާ 22 މައްސަލައެއް ޝަރީޢަތަށް ހުށަހެޅުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ. މިއީ ވޭތުވެދިޔަ 5 އަހަރު ދުވަހަށް ބަލާއިރު އެންމެ ގިނަ އަދަދެއްގެ މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި އަހަރެވެ. ވޭތުވެދިޔަ އަހަރު ތެރޭގައި ކޮމިޝަނުން ނިންމާފައިވާ މައްސަލަތަކުގައި ދައުލަތަށް އަނބުރާ ހޯދަންޖެހޭ 2,182,565.78 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައިވެއެވެ.

މިދިޔަ އަހަރު އޭސީސީން ތަހުގީގް ކުރި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ އަތޮޅު އަދި ރަށު ކައުންސިލްތަކުގެ މައްސަލައެވެ. އެގޮތުން ރަށު ކައުންސިލްތަކަށް ނިސްބަތްވާ 197 މައްސަލައަކާއި އަތޮޅު ކައުންސިލްތަކަށް ނިސްބަތްވާ 117 މައްސަލަ އޭސީސީއަށް ހުށަހަޅާފައިވެއެވެ. ދެން އެންމެ ގިނައިން ހުށަހަޅާފައި ވަނީ ސްކޫލްތައް ހިމެނޭހެން އެޑިއުކޭޝަން މިނިސްޓްރީއަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަތަކެވެ. އެއީ 68 މައްސަލައެކެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރައްދުވާ 64 މައްސަލައެއް އޭސީސީއަށް މިދިޔަ އަހަރު ވަނީ ހުށަހަޅާފައެވެ.

މިދިޔަ އަހަރު އޭސީސީން ކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރެއްގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާނެ ޕޮލިސީއެއް އެކުލަވާލައި ޢަމަލުކުރަން ފެށުމެވެ. މި ޕޮލިސީއަކީ، ކުރިއަށް އޮތް 5 އަހަރަށް އަމާޒުކޮށް ކޮރަޕްޝަނާ ދެކޮޅަށް ޤައުމީ ފެންވަރެއްގައި މަސައްކަތްކުރެވޭނެފަދަ ސިޔާސަތުތަކެއް ހިމަނައިގެން އެކުލަވާލި ޕޮލިސީއެކެވެ.