ޚަބަރު

އދ.ގެ ސެކްރެޓަރީ ޖެނެރަލަކަށް ދެން ހޮވަންވީ އަންހެނެއް: ޝާހިދު


އދ.ގެ ސެކްރެޓަރީ ޖެނެރަލްކަން މިހާތަނަށް އެއްވެސް އަންހެނަކު ނުކުރާކަމަށާއި، އެހެންކަމުން ދެން އަންނަ ދައުރަކަށް އެމަގާމަށް އަންހެނަކު އައްޔަންކުރުމަށް އދގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

އާއްމު މަޖިލީހުގެ ރައީސް ޝާހިދު މިކަމަށް ގޮވާލެއްވީ އދ.ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 66 ވަނަ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ އދ.ގެ 76 އަހަރުވީ ތާރީޚުގައި ޢާއްމު މަޖިލީހުގެ ރައީސްކަން ކުރެއްވީ 4 އަންހެނުންކަމަށާއި، ސެކްރެޓަރީ ޖެނެރަލްކަން އެއްވެސް އަންހެނަކު ކޮށްފައި ނުވާކަމަށެވެ. އަދި މިކަމަކީ ބަދަލުކުރަން ޖެހޭކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިންތީގެ ހަމަހަމަކަން ގާއިމްކުރުމާއި އަންހެނުން ބާރުވެރިކުރުމުގެ "ގޯލްޑް ސްޓޭންޑަރޑް" ކަނޑައެޅުމުގެ ވާހަކަ އދ.ން ދައްކާއިރު، އެކަމުގެ މިސާލު އދ.ގައި ނުދައްކާ ނުތިބެވޭނެ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އަދި މިކަމުގައި އިސް ނަންގަވައި، ދެން އަންނަ ދައުރަކަށް އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަންހެނަކު ހޮވުމަށް ބާރު އަޅުއްވާނެކަމަށާއި، އެކަމުގައި އގެ މެމްބަރު ގައުމުތަކުން އެމަނިކުފާނާ ބައިވެރިވުމަށް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ. މިނިސްޓަރ ޝާހިދުގެ މި ގޮވާލެއްވުމަށް މެމްބަރުން ގައުމުތަކުން ވަނީ ހޫނު ތަރުހީބެއް ދީފައެވެ.