ޚަބަރު

ސިވިލް ކޯޓަށް އައްޔަންކުރި ފަނޑިޔާރުން ހުވާ ކުރައްވައިފި


ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ދެ ފަނޑިޔާރުން ހުވާ ކުރައްވައިފިއެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފައިވަނީ ސ.ފޭދޫ، ފިތިރޯނުގެ، އަލްއުސްތާޛާ ޒުލައިޚާ ޝީޒާއާއި ގއ.މާމެންދޫ، ފެހިގެ، އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދުއެވެ. ޖޭއެސްސީގެ ރައީސް ހިސާން ހުސެއިންގެ ކުރިމަތީގައި އެ ދެ ފަނޑިޔާރުންނަށް ހުވާލައިދެއްވީ ހައިކޯޓްގެ އިސް ފަނޑިޔާރު ހާތިފް ހިލްމީއެވެ.

އަލްއުސްތާޛާ ޒުލައިޚާ ޝީޒާ ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވަރސިޓީން ބެޗްލާސް އޮފް ލޯސް (އޮނަރސް) ޙާޞިލްކުރައްވައި، ބަރކްބެކް ކޮލެޖް، ޔުނިވަރސިޓީ އޮފް ލަންޑަންއިން މާސްޓަރ އޮފް ލޯސް އިން ކޮންސްޓިޓުޝަނަލް ޕޮލިޓިކްސް، ލޯ އެންޑް ތިއަރީ ޙާޞިލްކުރައްވާފައެވެ. މީގެ އިތުރުން، އަލްއުސްތާޛާ ޒުލައިޚާ ޝީޒާ ވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުންސެލް، ސީނިއަރ ސްޓޭޓް އެޓާރނީ އަދި ސްޓޭޓް އެޓާރނީގެ މަޤާމުގައި 3 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.

އަލްއުސްތާޛު އަޙްމަދު ނިމާލް ވަނީ ވިލާ ކޮލެޖުން ބެޗެލާރސް އޮފް ޝަރީޢާ އެންޑް ލޯ (އޮނަރސް) ޙާޞިލްކުރައްވާފައެވެ. އަލްއުސްތާޛު އަޙްމަދު ނިމާލް ވަނީ ފަރްހާން ޒަމީލް އެންޑް ނިމާލްގެ މެނޭޖިންގް ޕާރޓްނާރގެ ގޮތުގައި 1 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ.