މާލޭ ލޭންޑް ޔޫސް ޕްލޭން ފާސްނުވެއޮތީ، އެ ޕްލޭނުގައި ފުރިހަމަ ކުރަންޖެހޭ ގިނަ ކަންތައްތަކެއް ފުރިހަމަކޮށްފައިނުވާތީކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީ ވިދާޅުވެއްޖެއެވެ.
އަކްރަމް ވިދާޅުވީ، މާލޭ ލޭންޑް ޔޫސް ޕްލޭން މިނިސްޓްރީއަށް ފޮނުވުމުން ފާސްކޮށްނުދިނީކަމަށް ބުނެ މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅެއްކަމަށެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، މާލޭ ލޭންޑް ޔޫސް ޕްލޭން ފާސްކޮށްދިނުމަށް އެދި ސިޓީ ކައުންސިލުން އެންމެ ފުރަތަމަ މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވަނީ 12 ޑިސެމްބަރު 2021 ކަމަށެވެ. އަދި ސިޓީ ކައުންސިލުން ފޮނުވި ލޭންޑް ޔޫސް ޕްލޭނުގައި ޤާނޫނުގައި ބަޔާންކުރާ ވަރަށް ގިނަ ކަންކަން މަދުކަމަށާއި، އެކަންކަން ޕްލޭނުގައި ހިމެނުމަށްފަހު އަލުން އެ ޕްލޭން ހުށަހެޅުމަށް މިނިސްޓްރީން ސިޓީ ކައުންސިލަށް އެންގިކަމަށް އަކްރަމް ވިދާޅުވިއެވެ.
އެހެންނަމަވެސް ސިޓީ ކައުންސިލުން އެކަން އެގޮތަށް ކުރައްވާފައިނުވާކަމަށާއި، މިނިސްޓްރީން ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދިނީއޭ ބުނެ މޭޔަރ ހައްދަވަނީ އިތުރުފުޅެއްކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި މިނިސްޓްރީން ފޮނުވާ ސިޓީތަކަށް ޖަވާބުނުދީ، މާލޭ ސިޓީ ކައުންސިލުން ކަންކަން ކުރަމުންދަނީ ކަނޑައެޅިފައިވާ އުޞޫލުން ބޭރުން، ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް ހުރަސް އެޅޭގޮތަށްކަމަށް އަކްރަމް ވިދާޅުވިއެވެ.
"އެކަމެއް ނުކުރައްވާ. ނުކުރައްވާ އޮވެފައި މި އިޢުލާންކުރައްވަނީ އިންޑަސްޓްރިއަލް ވިލެޖުން ތަންތަން ދޭ ވާހަކަ. އެތަނަކީ އަޅުގަނޑުމެން ބްރިޖުގެ މަސައްކަތަށް ބޭނުންވާނެތަނެއްކަން ކުރިންވެސް ދަންނަވާފައިވާނެ. އަނެއްކާ ބްރިޖުގެ މަސައްކަތް ކުރަމުންދާތީ އެއްވެސްކަމެއް ވިލިނގިލީގައި ކުރަންޏާ އަޅުގަނޑުމެންނާއި މަޝްވަރާކުރައްވާށޭ ދަންނަވާފައި އޮންނާނީ. އެކަމެއް ނުކުރޭ. އަޅުގަނޑުމެން ފޮނުވާ ސިޓީއަކަށް ޖަވާބެއް ދެއްވަނީކީނޫން. މުޢިއްޒު ހަމަ ޤާނޫނާ ޚިލާފަށް މުޅިން ހަމަ ރައްޔިތުންނަށް އޮޅުވާލާފައި ކަންތައްތައް ކުރައްވަނީ" އަކްރަމް ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ އަކްރަމް ވިދާޅުވީ، ލޭސްޑް ޔޫސް ޕްލޭން އިސްލާޙުކޮށް އަލުން ނުފޮނުވާ، ސިޓީ ކައުންސިލުން ބައެއް ފަރާތްތަކަށް ހަދައިދީފައިވާ ރަޖިސްޓްރީ ބާތީލުކޮށް އެތަންތަން ސިޓީ ކައުންސިލުގެ ތަންތަނުގެ ގޮތުގައި ރަޖިސްޓްރީކުރަމުންދާކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެކަމަށް އަކްރަމް ވިދާޅުވިއެވެ.
"އެބަހުރި ރަޖިސްޓްރީ އެއްޗެހިވެސް އުވާލައްވާފައި. ތަންތަނަށް ހަދައިދީފައި އޮންނަ ރަޖިސްޓްރީ މިއީ ތިމަންނަމެންގެ ބިމެކޭ ކިޔާފައި. އެކަމަކު އެހެން ނުވިދާޅުވެވޭނެ. ވަކިތާކަށް ކުރީގައި ދީފައިއޮވެ، ރަޖިސްޓްރީކޮށްފައި އޮވެއްޖެއްޔާ، އެ ބިން ވާންޖެހޭނީ އެބައެއްގެ ތަނަކަށް. ލޭންޑް ޔޫސް ޕްލޭނުގައި ނުހިމަނާ މިކޮޅުން އެ ފާސްނުކޮށް، މުއިއްޒަކަށް އެކަމެއް ނުކުރެއްވޭނެ. ބައެއް އިދާރާތަކަށް ދީފައިހުރި ބިންތައް މުއިއްޒު އެބަހުރި މިއީ ތިމަންނަމެންގެ ބިމެކޭ ކިޔާފަ ރަޖިސްޓްރީ ބާތިލުކޮށްފައި. އެބޭފުޅުންގެ ނަމުގައި ރަޖިސްޓްރީ ހަދާފައި. އެހެންނެއް ކަންތަކެއް ނުކުރެވޭނެ" އަކްރަމް ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލުން ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުމަށްފަހު ޕްލޭނިންގ މިނިސްޓްރީއަށް ހުށަހަޅާފައިވަނީ 30 ނޮވެމްބަރު 2021 ގައެވެ. ނަމަވެސް ؛ލޭންޑް ޔޫސް ޕްލޭނުގައި ހިމަނަންޖެހޭ ގިނަ ކަންތައްތަކެއް ހިމަނާފައިނުވާތީ، އެކަންކަން ފުރިހަމަކުރުމަށްފަހު ލޭންޑް ޔޫސް ޕްލޭން އަލުން ހުށަހެޅުމަށް 28 ޑިސެމްބަރު 2021 ވަނަ ދުވަހު ޕްލޭނިންގ މިނިސްޓްރީން ވަނީ ސިޓީ ކައުންސިލަށް ސިޓީއަކުން އަންގަވާފައެވެ.
އެގޮތުން ލޭންޑް ޔޫސް ޕްލޭން އެކުލަވާލާންވާނީ ރައްޔިތުންގެ މަޝްވަރާގެ އިތުރުން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި އިދާރާތަކާއި އަދި ތަރައްޤީއަށް މަސައްކަތް ކުރާ ޖަމިއްޔާ ޖަމާޢަތްތަކާއި މަޝްވަރާކުރުމަށްފަހުކަމަށްވާތީ، އެ ފަރާތްތަކާ މަޝްވަރާކޮށް، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލޭންޑް ޔޫސް ޕްލޭން ރިޕޯޓާއެކު ހުށަހެޅުމަށް ޕްލޭނިންގ މިނިސްޓްރީން ދަންނަވާފައިވެއެވެ. އަދި ރިޕޯޓް ތައްޔާރުކުރާއިރު ބިމުގައި ކުރާ އެކިއެކި ބޭނުމަށް ބިން ކަނޑައެޅިފައިވާ ސައިޒް ނުވަތަ ބޮޑުމިން އެނގޭނެ ތާވާލެއް ހިމެނުން މުހިއްމުކަމަށާއި، މާލެ ކަހަލަ ބައިބޯ ރަށެއްގައި ތައްޔާރުކުރެވިފައިވާ ޕްލޭނާއި މިހާރު ބިން ބޭނުންކުރުމަށް ހުށަހަޅާފައިވާ ޕްލޭނާއި މި ދެ ޕްލޭން އަޅާކިޔުމަށް އެއީ މުހިއްމު މަޢުލޫމާތެއްކަންވެސް މިނިސްޓްރީން ފާހަގަކުރައްވާފައިވެއެވެ.
ހަމައެހެންމެ ސިޓީ ކައުންސިލުން ހުށަހަޅާފައިވާ މާލޭގެ ރީ-ޑިވެލޮޕްމަންޓް ޕްރޮޖެކްޓުތަކުގެ ސަބަބުން މާލޭގެ ބައިބޯމިނަށް އަންނާނެ ބަދަލުތަކަކީ މުހިއްމު ކަމެއްކަމުގައިވާތީ އެކަމުގެ ތަފްޞީލު ލޭންޑް ޔޫސް ޕްލޭނުގައި ހިމެނުމަށް ޕްލޭނިންގ މިނިސްޓްރީން އަންގަވާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 2-107 (ރ)ގެ ދަށުން ލިސްޓުކޮށްފައިވާ ބައިތައް ލޭންޑް ޔޫސް ޕްލޭނުގައި ހިމެނުމަށާއި، މި ޕްލޭންގެ ހުރިހާ ބައިތައް އެކުލެވިގެންވާގޮތަށް ޕްލޭނިންގ ރިޕޯޓެއް ތައްޔާރުކޮށް ހުށަހެޅުމަށްވެސް ޕްލޭނިންގ މިނިސްޓްރީން އޭރުވަނީ ސިޓީ ކައުންސިލަށް އަންގާފައެވެ.