ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާގުޅޭ އެއްބަސްވުމެއްގައި ސިންގަޕޫރާއެކު ސޮއިކޮށްފިއެވެ.
ދިވެހިރާއްޖެއިން ސިންގަޕޫރާއެކު ވެފައިވާ މި އެއްބަސްވުމަކީ ޓްރާސްޕޯޓް ކޯޕަރޭޝަން، އަދި އެއަރކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަނާއި އިންސިޑެންޓް އިންވެސްޓިގޭޝަން ހަރުދަނާކުރުމާއި ގުޅޭގޮތުން ދެ ޤައުމުގެ ދެމެދު ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢައިޝަތު ނަހުލާއެވެ. ސިންގަޕޫރު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އަދި މިނިސްޓަރ އިންޗާރޖް އޮފް ޓްރޭޑް ރިލޭޝަންސް މިނިސްޓަރ އެސް. އިސްވަރަނެވެ.
Maldives and Singapore has signed two Memorandums of Understanding (MOU) – one on Transport Cooperation, and another on Aircraft Accident and Incident Investigation.(1/3) pic.twitter.com/8l94961zgG
— Ministry of Transport and Civil Aviation (@MoTCAmv) March 15, 2022
މި އެއްބަސްވުމުގެ ދަށުން ރާއްޖެއާއި ސިންގަޕޫރާއި ދެމެދު ދަތުރުފަތުރުގެ ދާއިރާގެ ގުޅުން އިތުރަށް ވަރުގަދަ ކުރެވިގެންދާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.
މީގެ ތެރޭގައި ރާއްޖޭގެ ވައިގެ ދަތުރުފަތުރާބެހޭ ތަމްރީނާއި، ކަނޑުދަތުރުފަތުރުގެ ދާއިރާއިން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި މަގުމަތީގެ ޓްރެފިކް މެނޭޖްކުރުމާއި، މަތިންދާބޯޓުތަކަށް ދިމާވާ އެކްސިޑެންޓްތަކާއި ވައިގެ ދަތުރުފަތުރުގައި ހިނގާ ޙާދިސާތައް ތަޙުޤީޤުކުރުން ހިމެނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ސިންގަޕޫރުގައި ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ އަދި ސިންގަޕޫރުގެ މިނިސްޓަރ ވިދާޅުވީ މި އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދު އިތުރަށް ވަރުގަދަކުރުމަށް ދެ ޤައުމުންވެސް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ދާއިރާ ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތަށް އިތުރު ހިތްވަރު ލިބިގެންދާނެކަމަށެވެ.