މިމަހުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 1 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 100350 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 50 އިންސައްތަ އިތުރު އަދަދެކެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 381122 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 255903 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 48.9 އިންސައްތަ އިތުރު އަދަދެކެވެ.
މިމަހުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، މިމަހުގެ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ 5ވަނަ ދުވަހުއެވެ. އެގޮތުން މިމަހުގެ 5ވަނަ ދުވަހު 6369 ފަތުރުވެރިންވަނީ ރާއްޖެއަށް އައިސްފައެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5018 ފަތުރުވެރިން ރާއްޖެއަށް އާދެއެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ، 13.1 އިންސައްތައަކީ ރަޝިއާ ފަތުރުވެރިންނެވެ.
އަހަރު ފެށިގެން އައިއިރު ރާއްޖެއަށް 2ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަމުން ދިޔައީ އިންޑިއާއިން ނަމަވެސް، މިހާރު 2ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތުންނެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 11.1 އިންސައްތަ އަކީ އިނގިރޭސި ފަތުރުވެރިންނެވެ. 10.2 އިންސައްތަ އާއި އެކު ރާއްޖެއަށް ތިންވަނަ އަށް އެންމެ ގިނަ އަދަދަކަށް އަންނަނީ އިންޑިއާ ފަތުރުވެރިންނެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ކުރިއެރުންތައް ލިބެމުންދާއިރު، ރާއްޖެއިން ވަނީ މިއަހަރުތެރޭ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒް ހިފާފައެވެ. އަދި މި އަމާޒް ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށްޓަކައި ސަރުކާރާއި އަމިއްލަ ކުންފުންފުނިތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.