ދުނިޔޭގެ ވިޔަފާރި

އިނގިރޭސިވިލާތުގެ އިންފްލޭޝަން %6.2އަށް: ތަކެތީގެ އަގު އަނެއްކާވެސް ބޮޑުވެއްޖެ


އިނގިރޭސިވިލާތުގެ އިންފްލޭޝަން ރޭޓު ފާއިތުވި 30 އަހަރުވެސް ނާރާ މިންވަރަށް މައްޗަށް އަރައިފިއެވެ.

އެ ޤައުމުގެ އިންފްލޭޝަން ރޭޓް ފާއިތުވި 3 މަސްދުވަހުވެސް މަތިވަމުން އަންނައިރު، މިދިޔަ ޖަނަވަރީ މަހު އިންފްލޭޝަންވަނީ 5.5 އިންސައްތައަށް މަތިވެފައެވެ. މިއީވެސް ފާއިތުވި 30 އަހަރުވެސް ނާރާހާ މައްޗަށް އިންފްލޭޝަން ރޭޓް މަތިވި ފަހަރެކެވެ. މިއާއެކު އިޤްތިޞާދީ މާހިރުންގެ އަންދާޒާތަކަށް ބަަދަލު އައިސް ޖަނަވަރީ މަހުން ފެބްރުއަރީ މަހަށް އިންފްލޭޝަން 5.9 އިންސައްތައަށް އަރާނެ ކަމަށް ލަފާ ކުރިއެވެ. ނަމަވެސް އިންފްލޭޝަން ރޭޓު ފެބްރުއަރީ މަހުވެސް މިވަނީ އިތުރުވެ 6.2 އިންސައްތައަށް އަރާފައެވެ.

އިނގިރޭސިވިލާތުގެ ތަފާސްހިސާބުތަކާއި ބެހޭ އޮފީހުން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު އިންފްލޭޝަން ރޭޓު މައްޗަށް ދާން ފެށި އެންމެ ބޮޑު ސަބަބަކީ އަހަރު ފެށިގެން އައިރު ތެލުގެ އަގަށް އައި ބަދަލެވެ. އޭގެ ސަބަބުން ތަކެތީގެ އަގު އުފުލި، ތެލާއި އަދި ކަރަންޓު ބިލްތައްވެސް ބޮޑުވާން ފެށިއެވެ. މީގެ އިތުރުން ފިހާރަތަކުން ވިއްކާ ފަރުނީޗަރު އަދި އާންމުކޮށް ބޭނުން ކުރާ އެހެނިހެން ސާމާނުގެ އަގު މަހުން މަހަށް އިތުރުވާ ކަމަށް ވަނީ ދައްކާފައެވެ. މީގެ އިތުރުން ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމަކީވެސް އިނގިރޭސި އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރު ކުރި ކަމެކެވެ.

މިއާއިއެކު އިނގިރޭސިވިލާތުގެ މަރުކަޒީ ބޭންކުން 0.1 އިންސައްތައިގެ ހުރި އިންޓްރެސް ރޭޓު 0.75 އިންސައްތައަށް ވަނީ މަތިވެފައެވެ. މިވަރަށް އިންޓްރެސްޓް ރޭޓު މަތިވެފައިވަނީ ޖެހިޖެހިގެން ބޭއްވި 3 ޕޮލިސީ ބައްދަލުވުމުގެ ތެރެއިން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި މިއީ މިހާރު ފުޅާވަމުން އަންނަ އިނގިރޭސިވިލާތުގެ އިޤްތިޞާދީ ދުވެލި މަޑު ޖެހިޔަ ނުދިނުމަށް އަޅާ ފިޔަވަޅުތައް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އިނގިރޭސިވިލާތުގެ އިންފްލޭޝަން ރޭޓު މައްޗަށް ދިއުން ކޮންޓްރޯލް ކުރުމަށް އެ ޤައުމުގެ މާލީ ވަޒީރު ރިޝީ ސުނަކުއަށް ދަނީ ބާރު ބޮޑުވަމުންނެވެ. ޤައުމުގެ އިންފްލޭޝަން ކުރިއަށް އޮތް ދުވަސްތަކުގައިވެސް މައްޗަށް ގޮސް ޖޫން މަހާއި ހިސާބަށް 8 އިންސައްތައަށް މަތިވާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން މިހާރުވަނީ ލަފާ ކޮށްފައެވެ. މިކަންކަމާއި އެކު ޓެކްސްތަކަށް އަންނަަ ބަދަލާއި އަދި އާންމުންނަށް ގޭތެރޭގެ ޚަރަދުތައް ހިފެހެއްޓުމަށް ދެވޭ އެހީތައް މިއަދު އިއުލާން ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

ޔޫރަޕުގެ ޤައުމުތަކަށް މިވަގުތު އިޤްތިޞާދީ ގޮތުން ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ތެލުގެ އަގަށް އައި ބަދަލެވެ. ކޯވިޑުގެ ހާލަތުން ގިނަ ޤައުމުތައް އަރައިގަނެ އިޤްތިޞާދު ހަމައަކަށް އެޅެން ދަނިކޮށް ޔޫކްރެއިން އާއި ރަޝިޔާއާ ދެމެދު އުފެދުނު މައްސަލަގަނޑުގެ ތެރެއިން ޔޫރަޕުގެ އިއްތިހާދުން ރަޝިޔާއަށް އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅިއެވެ. އަދި މިއާއެކު ރަޝިއާގެ ތެލަށް ބަރޯސާވުން ކުޑަ ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.