ޚަބަރު

ޑްރަގުގެ ތުހުމަތުގައި ހައްޔަރުކުރީ ޕީއެންސީ ކައުންސިލް މެމްބަރެއް!


މާލޭގެއެއްގައި ވަޅުލާފައި ހުއްޓާ އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅޭކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އިދިކޮޅު ޕީއެންސީ ކައުންސިލް މެމްބަރެއްކަން ހާމަވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޑްރަގް އެންފޯސްމަންޓް އެންޑް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ބުރާސްފަތިދުވަހުގެރޭ ހިންގި އޮޕަރޭޝަނެއްގައި 42 ކިލޯގެ މަސްތުވާތަކެތި ގެއެއްގެ ތެރޭގައި ވަޅުލާފައި ހުއްޓާ ވަނީ ހޯދާފައެވެ. އަދި މިމައްސަލައިގައި ތުހުމަތުކުރެވޭ އެންމެ އިސް މީހާ ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ ޕީއެންސީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)ގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުރި އަހްމަދު ޙުސައިންއެވެ.

ފުލުހުން ހިންގި ޑްރަގް ބޮޑު އޮޕަރޭޝަނެއްގައި ޕީއެންސީގެ ކައުންސިލް މެމްބަރަކު ހައްޔަރުކޮށްފައިވާއިރު، މީގެކުރިންވެސް ހިންގި ބޮޑު އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ޕީއެންސީގެ ކައުންސިލް މެންބަރަކު ހައްޔަރުކޮށްފައިވެއެވެ.

2020 ވަނަ އަހަރުގެ ތެރޭގައި 130 ކިލޯއާއެކު ހައްޔަރުކޮށްފައިވަނީ އެ ޕާޓީގެ މެންބަރެއް ކަމަށްވާ ޝަހީބް އިބްރާހިމެވެ. އޭނާ އަދިވެސް ހުރީ އެމައްސަލައިގެ ތަހުޤީގަށް ބަންދުގައެވެ.