މިއަދަކީ ރާއްޖޭގެ އެންމެ ފުރަތަމަ މިއުޒިކް ރޭޑިއޯ ޗެނަލް، ދިވެހި އެފްއެމް ވުޖޫދުވިތާ 16 އަހަރު ފުރުނު ދުވަހެވެ. ދިވެހި އެފްއެމް ޚިދުމަތް ދޭން ފަށާފައިވަނީ 2006 ވަނަ އަހަރު ރާއްޖެ އެފްއެމްގެ ނަމުގައިއެވެ.
2006 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 91 މެގަހާރޓްސް އެފް.އެމް ބޭންޑުން ދުރަށް ފޮނުވަން ފެށި، ދިވެހި އެފްއެމްއަކީ މިއުޒިކާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަކަށް ޚާއްސަ އެފް އެމް ޗެނަލެކެވެ. ދިވެހި އެފް އެމް ފުރަތަމަ ފެށިގެންދިޔައީ ދިވެހި ރާއްޖޭގެ އަޑުގެ މިއުޒިކް ޗެނަލްގެ ގޮތުގައިއެވެ. 2015 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 28 ވަނަ ދުވަހުން ފެށިގެން އަދާއި ހަމައަށްވެސް ދިވެހި އެފް އެމް ހިންގަމުންދަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ އެފް އެމް ޗެނަލްގެ ގޮތުގައިއެވެ.
91 މެގަހާރޓްސް ދިވެހި އެފްއެމްގެ ޕްރޮގްރާމްތަށް ފުރަތަމަ ފޮނުވަން ފަށާފައިވަނީ ރާއްޖެ އެފް އެމް ގެ ނަމުގައެވެ. ދިވެހި އެފްއެމްގެ ނަމަށް ޗެނަލްގެ ނަން ބަދަލުކުރެވިގެންދިޔައީ 2012 ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުއެވެ.
ދިވެހި އެފްއެމްއަކީ މުނިފޫހި ފިލުވުމުގެ ތެރެއިން ޒުވާނުންނަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ތަފާތު އެކި މެސެޖްތައް ދިނުމުގެ ގޮތުންނާއި ދިވެހި މުޖްތަމަޢުގައި ހުރި ތަފާތު އެކި މައްސަލަތައް ހައްލުކުރުމުގައި ޒުވާނުންގެ އެއްބާރުލުން ބޭނުންވާކަން އަންގައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ޗެނަލްއެކެވެ.
މިއުޒިކް ޗެނަލްއެއްގެ ގޮތުގައި އުފެއްދި ދިވެހި އެފް އެމް މުނިފޫހި ފިލުވުމުގެ ދާއިރާއާއި ގުޅުންހުރި ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި ކަންކަމާއި ގުޅޭ މަޢުލޫމާތުގެ އިތުރުން ތަފާތު ލަވަތަކާއި އެކު ކުރިއަށްގެންދާތާ މިހާރު މިވަނީ 16 އަހަރުވެފައެވެ.
ދިވެހި އެފްއެމްގެ އަހަރީ ދުވަހާގުޅޭގޮތުން ވާހަކަދައްކަވަމުން ދިވެހި އެފްއެމްގެ ހެޑް މިޒްނާ އަޙްމަދު ވިދާޅުވީ، މިއަހަރުގެ އަހަރީ ދުވަހާގުޅިގެން ޚާއްސަ ރިކުއެސްޓް ޝޯވއެއް ގެނެސްދޭން ނިންމާފައިވާކަމަށެވެ. މި ޝޯވކުރިއަށްދާނީ ހެނދުނު 6 އިން ފެށިގެން މެންދުރު 12 ޖެހުމާހަމައަށެވެ. މި ޝޯވގައި ބައިވެރިވާ އެހުންތެރިންގެ ތެރެއިން ކުރުއަތުން ހޮވޭ 16 ބައިވެރިއަކަށް ޚާއްސަ އިނާމެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.
މިއީ އާއްމުކޮށް ދިވެހި އެފްއެމުން ގެނެސްދޭ ރިކުއެސްޓް ޝޯވތަކާ ޚިލާފަށް މި ޝޯވގައި ބައެއް ތަފާތު ކަންކަން ކުރިއަށްދާނެކަން މިޒޫ ފާހަގަކުރިއެވެ.
"ހަމައެކަނި އެހުންތެރިންނާއި ވާހަކަދައްކާލާ ލަވަ ގެނެސްދޭނެ ޝޯވއެއް ނޫން. މިއީ ހަމަ ދިވެހި އެފްއެމްގެ މާޒީއަށް ގޮސްލާ ހަނދާން އައުކޮށްލުމަށް ގެނެސްދޭނެ ޝޯވއެއް. އެގޮތުން އަޅުގަނޑުމެން އެކި ދުވަސްވަރު ގެނެސްދިން ގޭމްޝޯވތަކުގެ ބައެއް ބައިތައްވެސް މި ޝޯވގައި ކުރިއަށްދާނެ. މިސާލަކަށް ބޮކިފަތި ކަހަލަ" މިޒްނާ ވިދާޅުވިއެވެ.
ދިވެހި އެފްއެމްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުކުރު ދުވަހު ގެނެސްދޭ އެކި ޝޯވތަކާ ލައިވްތަކުގައި އެފްއެމްގައި އެކި ދުވަސްވަރު މަތިން މަސައްކަތްކޮށްފައިވާ ޕްރެޒެންޓަރުންވެސް ބައިވެރިވެ، އެމީހުންނާއި ވާހަކަދައްކާލުމުގެ ފުރުޞަތު އެހުންތެރިންނަށް ލިބިގެންދާނެކަމަށްވެސް މިޒްނާ ވިދާޅުވިއެވެ.
ދިވެހި އެފްއެމްގެ ޕްރޮގްރާމްތައް ރާއްޖެއެފްއެމްގެ ގޮތުގައި އެންމެ ފުރަތަމަ ފަށައިގެން އައި އިރު، ދިވެހި އެފް އެމްގައި މަސައްކަތް ކުރަމުން އައީ އެންމެ 6 މުވައްޒަފުންނެވެ. ނަމަވެސް މިހާރު ދިވެހި އެފް އެމްގައި ފުލްޓައިމް މުވައްޒަފުންގެ ގޮތުގައި 8 ޕްރޮޑިއުސަރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ދިވެހި އެފްއެމް އަކީ އެޗެނަލެއްގެ އޮން އެއަރ މެނޭޖްކޮށް ހިންގުމާއި ޗެނަލްގެ ޕްރޮޑަކްޝަން މަސައްކަތުގެ އިސްސަފުގައި ގިނަ އަންހެން ކަނބަލުންތަކެއް މަސައްކަތް ކުރަމުންދާ ޗެނަލްއެކެވެ.
ދިވެހި އެފްއެމްއަށް 16 އަހަރު ފުރުނުއިރު ދިވެހި އެފްއެމްގެ ސްޓޫޑިއޯ އިން ދިވެހި އެފްއެމްގެ އާރް ޖޭ އިން ގެނެސްދީފައިވާ ތަފާތު ޝޯވތަކުގެ އިތުރުން މުނިފޫހި ފިލުވުމުގެ ދާއިރާޔާ ގުޅުންހުރި ޚާއްސަކޮށް މިއުޒިކާއި ގުޅުންހުރި ތަފާތު އިވެންޓްތައް ދިވެހި އެފްއެމުން ވަނީ ވަގުތުން ގެނެސްދީފައެވެ. އަދި ޤައުމީ ފެންވަރުގައި ކުރެވުނު އެތަށް ކަމެއް ދިވެހި އެފްއެމްގެ އެހުންތެރިންނާ ހަމަޔަށް ގެނެސްދީފައިވެއެވެ.
ދިވެހި އެފްއެމްގެ ހުރިހާ ޝޯވތަކަކީވެސް އެހުންތެރިން ވަރަށް ބޮޑަށް ބައިވެރިކޮށްގެން ކުރިއަށްގެންދާ ޝޯވތަކެއްކަމުން ދިވެހި އެފްއެމްގެ ކޮންމެ ޝޯވއަކީވެސް އެހުންތެރިންގެ ވަރަށް ބޮޑު މަގްބޫލުކަމަކާއި އެކު އަދި ވަރަށް ބޮޑު ބައިވެރިވުމަކާއެކު ކުރިއަށްގެންދެވޭ ޝޯވތަކަކެވެ. ހަމައެހެންމެ ދިވެހި އެފްއެމުން އެހުންތެރިންނާއި ހަމައަށް ތަފާތު ނަންނަމުގައި ގެނެސްދޭ ރޭޑިއޯ ޑްރާމާ ސިލްސިލާތަކަކީވެސް އެހުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ލިބިގެންދާ ޑްރާމާތަކެކެވެ.