ދުނިޔޭގެ ވިޔަފާރި

ރަޝިޔާގެ ސުޕަރ ޔޮޓެއް އިނގިރޭސިވިލާތުން ހިފަހައްޓައިފި


ރަޝިޔާއާ ދެެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ފުރަތަމަ ފަހަރަށް އިނގިރޭސިވިލާތުން ރަޝިޔާއަށް ނިސްބަތްވާ ސުޕަރ ޔޮޓެއް ހިފަހައްޓައިފިއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ރަޝިޔާއާއި ރަޝިޔާގެ ވެރިންނާއި، ރަޝިޔާގެ ބޮޑެތި ވިޔަފާރިވެރިންނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

ހަބަރުތައް ބުނާގޮތުން އިނގިރޭސިވިލާތުން ހިފަހައްޓާފައިވަނީ ރަޝިޔާގެ ވިޔަފާރިއެއްގެ ސުޕަރ ޔޮޓެކެވެ. މި ޔޮޓުގެ އަގު 38 މިލިއަން ޕައުންޑަށް އަރާއިރު، ޔޮޓުގެ ވެރިފަރާތުގެ މައުލޫމާތު އިނގިރޭސިވިލާތުގެ ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

އިނގިރޭސިވިލާތުގެ ދަތުރުފަތުރާއިބެހޭ ވަޒީރު ގްރާންްޓް ޝަޕްސް ވިދާޅުވީ ޔޮޓުގެ ވެރިފަރާތަކީ އިނގިރޭސިވިލާތުން ފިޔަވަޅު އަޅާފައިވާ މީހަކަށް ނުވިނަމަވެސް، އޭނާއަކީ ރަޝިޔާގެ ރަައީސް ޕުޓީންއާ ގާތް ގުޅުމެއް އޮންނަ މީހެއްކަމަށެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ރަޝިޔާއާއި ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅަމުންދާއިރު، އިނގިރޭސިވިލާތުންވެސް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ.

ކަމާއިބެހޭ ފަރާތްތަކަށް އޮޅުވާލުމަށްޓަކައި 58.5 މީޓަރުގެ މި ޔޮޓް ކެރީބިއަންގެ ރަށަކަށް ރަޖިސްޓްރީކޮށް، މޯލްޓާގެ ދިދަ ޖަހައިގެން ދުއްވިނަމަވެސް، މިއީ ރަޝިޔާއަށް ނިސްބަތްވާ ޔޮޓެއްކަން އިނގިރޭސިވިލާތުގެ ކަމާއިބެހޭ ފަރާތްތަކުން ވަނީ ޔަޤީންކޮށްފައެވެ.

މި ޔޮޓުގެ ވެރިފަރާތުގެ ނަން ހާމަކުރަން ދެކޮޅު ހަދާ ސަބަބެއް އިނގިރޭސި ސަރުކާރުން ހާމައެއް ނުކުރެއެވެ.

"ފީ"ގެ ނަމުން ނަން ދީފައިވާ ގަދަ ނޫ ކުލައިގެ މި ޔޮޓަކީ ސްވިމިންގ ޕޫލާއި ޕެންތްހައުސްއަކާއެކު ތަރައްޤީކޮށްފައިވާ ސުޕަރ ޔޮޓެކެވެ.

ނެދަލެންޑްސްގައި ބަނެފައިވާ މި އުޅަނދުގެ ފުރަތަމަ ދަތުރުކޮށްފައިވަނީ މިިިދިޔަ އަހަރުއެވެ.

އިނގިރޭސިވިލާަށް މިދިޔަ އަންގާރަދުވަހު މި ޔޮޓް ގޮސްފައިވަނީ ސުޕަރ ޔޮޓް އެވޯޑް ރަސްމިއްޔާތަަކަށެވެ. އަދި އިނގިރޭސިވިލާތުގެ ކަމާއިބެހޭ ފަރާތްތަކުން ޔޮޓް ހިފަހައްޓާފައިވަނީ ޖެހިގެން އައި ދުވަހު ފުރަން ތައްޔާރުވެފައިވަނިކޮށެވެ.

އިނގިރޭސިވިލާތުން ރަޝިޔާއަށް ނިސްބަތްވާ ސުޕަރ ޔޮޓެއް ހިފަހައްޓާފައިވާއިރު، މީގެކުރިން ބައެއް އެެހެން ޤައުމުތަކުންވެސް ވަނީ ރަޝިޔާގެ މަހުޖަނުންތަކެއްގެ ޔޮޓްތަކެއް ހިފަހައްޓާފައެވެ.