މުނިފޫހިފިލުވުން

ދިވެހި އެފްއެމް - މިއީ ފިސާރި ޓީމެއް، ހުރިހާ ޝުކުރެއް އެހުންތެރިންނަށް


މިއުޒިކާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ލޯބިކުރާ އެހުންތެރިންގެ މެދުގައި މިވަގުތު އެންމެ މަޤުބޫލު އެއް ޗެނަލަކީ ހަމަގައިމުވެސް ދިވެހި އެފްއެމްއޭ ބުނުމަކުން މުޅިއަކުން ދޮގަކަށް ނުވާނެއެވެ. ދިވެހި އެފްއެމް ވުޖޫދުވީންސުރެ މިއަދާހަމައަށްވެސް އެހުންތެރިން މުނިފޫހިފިލުވައިދޭން އަންނަނީ ދެގޮތެއްނުވެ މަސައްކަތް ކުރަމުންނެވެ.

ބުރަ އެހެނަސް މި މަސައްކަތް ކުރުމުގައި ދިވެހި އެފްއެމްގެ މުޅި ޓީމު މަސައްކަތް ކުރަމުންދަނީ ވަރަށްވެސް ޖޯޝާ ފޯރީގައި، އެއް ޓީމެއް، އެއް ޢާއިލާއެއްގެ ގޮތުގައެވެ. ދިވެހި އެފްއެމްއަށް މިއަދު 16 އަހަރު ފުރޭ އިރު، އެފްއެމްގެ ޓީމު މެންބަރުންގެ ކޮންމެވެސް ވަރެެއްގެ ތަޢާރަފަކަށް އަދި އެމީހުންގެ މަސައްކަތްތަކަށް މި ރިޕޯޓުގައި ބަލާލާނަމެވެ.

އިނާޔަތު ޢަލީ

އެފް.އެމްގެ އެހުންތެރިންގެ މެދުގައި އިނާޔަތު ޢަލީ ނުވަތަ އިނާއަކީ އައު އަޑެއް އަދި އައު މޫނެއްވެސް ނޫނެވެ. އިނާއަކީ އެފްއެމްގެ އެހުންތެރިންގެ މެދުގައި މަޤުބޫލު ޕްރެޒެންޓަރެކެވެ.

2010 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި ދިވެހި އެފްއެމްގެ ޓީމާގުޅުނު އިނާ މިއަދު މަސައްކަތް ކުރަމުން އަންނަނީ ރޭޑިއޯ ޕްރޮޑިއުސަރ ޕްރެޒެންޓަރެއްގެގޮތުގައެވެ. ހަމައެހެންމެ ޓީވީ ޕްރޮގްރާމްތަކާއި އެކި ހަފްލާތައް ހުށަހަޅައިދިނުމުގެ އިތުރުން، ޕީ.އެސް.އެމް ނިއުސްގެ ޚަބަރުތަކުންވެސް އިނާ ފެނިގެންދެއެވެ.

އިނާ ޤަބޫލުކުރާގޮތުގައި ދިވެހި އެފްއެމް ވުޖޫދުވެގެން އައުމަކީ ރާއްޖޭގެ ރޭޑިއޯގެ ޚިދުމަތަށް ގެނުވި ބޮޑު އިންގިލާބެކެވެ. ވަކިން ޚާއްސަކޮށް ޒަމާނާ ރައްޓެހި، ޒުވާނުންގެ ބައިވެރިވުމާއެކު ރޭޑިއޯގެ ޚިދުމަތް ފުޅާކުރުމުގައި ދިވެހި އެފްއެމްގެ ދައުރު ބޮޑުކަން އިނާ ފާހަގަކުރެއެވެ. ދިވެހި އެފް.އެމް އެންމެ ފުރަތަމަ ރާއްޖެ އެފްއެމްގެ ގޮތުގައި ވުޖޫދުވެގެން އައި ދުވަސްވަރަކީ ރާއްޖޭގައިވެސް ގިނަ އެފްއެމް ޗެނަލްތަކެއް އުފެދިގެން އައި ދުވަސްވަރެކެވެ. އެހެންނަމަވެސް މިއަދާ ހަމައަށްވެސް އެހުންތެރިންގެ އެންމެ މަޤުބޫލު އެފް.އެމް ޗެނަލްގެ ގޮތުގައި ދިވެހި އެފް.އެމް އޮތްއޮތުން އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްގެ ގޮތުގައި އިނާ ދެކެއެވެ.

"ޒަމާނާ ދުވަހާ މި ކަންކަމާ އެއްގޮތަށް ރޭޑިއޯގެ ކޮންޓެންޓުވެސް ހަމަ ރަޙުމަތްތެރި ގޮތަކަށް ޑެލިވަރކުރެވޭގޮތަށް ޕްރޮޑިއުސްކުރާ ޕްރޮޑަކްޝަން ޓީމެއްގެ މަސައްކަތްކުރެވޭތީ އެއީ ވަރަށް އުފާކުރާކަމެއް ދެން" އިނާ ބުންޏެވެ.

ދިވެހި އެފްއެމްއާއެކު އިނާ ހޭދަކުރި މުއްދަތުގެ ތެރޭގައި އެހުންތެރިން ގަޔާވާނެފަދަ އެކި އުފެއްދުންތައް ގެނެސްދީފައިވެއެވެ. އޭގެތެރެއިންވެސް އިނާއަށް އެންމެ ޚާއްސަ އުފެއްދުމަކީ 2018 ވަނަ އަހަރު ގެނެސްދިން ސިލްސިލާއެއްކަމަށްވާ "ދައްކަންވީ ވާހަކަ"އެވެ. އަދި އިނާއަށް އެންމެ މަސައްކަތް ކުރަން ފަސޭހައީ އިޖްތިމާޢީ ދާއިރާއާގުޅުންހުރި އުފެއްދުންތައް އުފެއްދުމަށެވެ. އަދި އެންޓަޓެއިންމަންޓުގެ ތެރެއިންވެސް މީހުންގެ ބަޔަގްރޮފީއާއި އެމީހުންނާއި ގުޅޭގޮތުން އާއްމުކޮށް މީހުންނަށް ނޭނގޭ ކަންކަން އަދި ލަވަ ޕްރޮގްރާމްތައް އެހުންތެރިންނަަށް ގެނެސްދިނުމަށް ޝައުގުވެރިވާކަމަށް އިނާ ބުނެއެވެ.

ރޯދަމަހަށް ޚާއްސަކޮށްގެން މިފަހަރު އިނާ ގެނެސްދޭން ތައްޔާރުވާ ޕްރޮގްރާމަކީ "ދިވެހި އެފްއެމް ކެފޭ"އެވެ. މިއީ ހުކުރު ދުވަސް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހަކުވެސް މެންދުރު 1:00 އިން 1:30 އަށް ގެނެސްދޭ ޕްރޮގްރާމެކެވެ. މިއީ ކެއްކުމާ ބެހޭ ތަފާތު މަޢުލޫމާތުތަކެއް ގެނެސްދޭނެ ޝޯވއެކެވެ. އިނާ އަންނަނީ ރޯދައަށްފަހުވެސް އެހުންތެރިންނަށް ވަރަށް ޚާއްސަ އުފެއްދުމެއް ގެނެސްދޭން ތައްޔާރުވަމުންނެވެ. ނަމަވެސް އެކަން އަދި ސަޕްރައިޒެއްގެގޮތުގައި ބާއްވަން އިނާ ބޭނުންވެއެވެ.

ފަހީދާ އިބްރާހީމް

ފަހީދާ އިބްރާހީމް ނުވަތަ ފަހީއަކީ ދިވެހި އެފްއެމް އެންމެ ފުރަތަމަ އުފެދިގެން އައިއިރު އެކުލަވާލި ޓީމުގައި ހިމެނޭ މެމްބަރެކެވެ. ދިވެހި އެފްއެމްއާގުޅުމުގެ ކުރިން ފަހީ މަސައްކަތް ކޮށްފައިވަނީ ދިވެހިރާއްޖޭގެ އަޑުގައެވެ. އަޑުގެ ޚިދުމަތާ ފަހީ ގުޅުނީ 31 އޮކްޓޯބަރ 2002 ގައެވެ. މިހާރު ފަހީ އަދާކުރަމުންދަނީ ސީނިއަރ ޕްރެޒެންޓަރ ޕްރޮޑިއުސަރގެ މަޤާމެވެ.

ފަހީއަކީ މުނިފޫހިފިލުވުމުގެ ދާއިރާއާގުޅުންހުރި ތަފާތު އުފެއްދުންތައް އުފެއްދުމަށް އަބަދުވެސް ޝަޢުގުވެރިވާ މީހެކެވެ. އޭނާ އަޑުގައި މަސައްކަތްކުރި މުއްދަތުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ޕްރޮގްރާމްތައް އުފެއްދި ނަމަވެސް، އެންމެ ބޮޑަށް މީހާ ކުރިއަށްދާން ބޭނުންވި ރޮނގުން ކުރިއަށްދިއުމުގެ ފުރުޞަތު ފަހިވީ، ދިވެހި އެފްއެމް ވުޖޫދުވުމާއެކުއެވެ.

ދިވެހި އެފްއެމްގައި މަސައްކަތް ކުރަން ލިބުމަކީ ވަރަށް ކުރާ ހިތުން ކުރާ މަސައްކަތެއްކަމަށް ފަހީ ބުނެއެވެ. އަދި އެފްއެމް އުފެއްދުނީންސުރެ މިއަދާހަމައަށްވެސް އެފްއެމްގެ ޚިދުމަތުގައި ދެމިހުރުމުގެ ސިއްރަކީ ޓީމުގެ މެދުގައި އޮތް އެކުވެރިކަމާއި ގާތްކަންކަމަށް ފަހީ ބުނެއެވެ.

"މިތަނުގައި ވޯކްކުރަނީ ވަރަށް ކުޑަ ޓީމެއް. މި ޓީމުގެ ތެރޭގައި އަބަދުވެސް ވަރަށް އެކުވެރިކަން އޮވޭ. އަބަދުވެސް އެންމެން އެކަކު އަނެކަކަށް ވަރަށް އެހީތެރިވެދީގެން އެންމެންވެސް ކޮންމެ ކަމެއްގައިވެސް ބައިވެރިވެެގެން އުޅޭނީ. އެންމެ ފަސޭހަކަމަކީ އެއީ" ފަހީ ބުންޏެވެ.

ދިވެހި އެފްއެމް މެދުވެރިކޮށް މިވަގުތު ފަހީ ގެނެސްދޭ ޕްރޮގްރާމަކީ "ބަލާލަން ސަޅި" މި ޕްރޮގްރާމެވެ. މިއީ އޭނާ އެންމެ އުފައްދާ ހިތުން އުފައްދާ ޕްރޮގްރާމްވެސްމެއެވެ. މިއީ ފިލްމާ ސީރިސްތަކަށް ލޯބިކުރާ ފަރާތްތަކަށް ޚާއްސަ ޝޯވއެކެވެ. މީގެ އިތުރުން ދިވެހި އެފްއެމުން ގެނެސްދޭ "ޕްލޭ ބީޓް"އަކީވެސް ފަހީގެ ޕްރޮޑަކްޝަނެކެވެ. މިއީ ކަވަރ ލަވަތަކާއި ރިމިކްސް ލަވަތަކަށް ޚާއްސަކޮށްގެން ގެންނަ ޝޯވއެކެވެ.

ފަހީދާގެ އުފެއްދުންތަކުގެ ތެރެއިން އެހުންތެރިންނަށް އެންމެކަމުދާ، އަދި އަމިއްލައަށްވެސް އެންމެ ހިތްހަމަޖެހޭ މަސައްކަތެއްގެ ގޮތުގައި ކުރެވުނު މަސައްކަތަކީ "ކޮފީ ކޯނަރ" ކަމަށް ފަހީ ބުނެއެވެ. މިފެށޭ ރަމަޟާންމަހު ފަހީގެ ބައިވެރިވުން އެންމެ ބޮޑަށް ފެނިގެންދާނީ ދިވެހި އެފްއެމުން މުޅިން އަލަށް ގެނެސްދިނުމަށް ތައްޔާރުވާ ލަވަ ބާޒީ މުބާރާތުންނެވެ.

ޝަހުދާ މަހަމޫދު

ޝަހޫދާ މަހަމޫދު ދިވެހި އެފްއެމް ޓީމާގުޅުނީ 28 ސެޕްޓެމްބަރ 2015 ގައެވެ. މިވަގުތު އަދާކުރަމުންދަނީ ޕްރެޒެންޓަރ ޕްރޮޑިއުސަރއެއްގެ މަޤާމެވެ.

ދިވެހި އެފްއެއެމް ޓީމާ ގުޅުމުގެ ކުރިން ޝަހޫ ވަނީ ތަޢުލީމީ ދާއިރާގައި ޓީޗަރެއްގެގޮތުގައި މަސައްކަތްކޮށްފައެވެ. ނަމަވެސް ދާއިރާ ބަދަލުކޮށްލީ ސްކޫލް ދައުރުން ސުރެއް ވާހަކަ ކިޔުމާއި ވާހަކަ ލިޔުމަށް ހުރި ޝަޢުގެއްގެ ބޮޑުކަމުންނެވެ. ޝަހޫ ބުނިގޮތުގައި ތަފާތު އެކި މައުލޫތަކާއި އިޖްތިމާޢީ ކަންކަމަށް ޚާއްސަކޮށްގެން އަމިއްލައަށް ވާހަކަލިޔެ ޑްރާމާއެއްގެ ސިފައިގައި އާއްމުންނަށް ގެނެސްދިނުމުގެ ފުރުޞަތު ރޭޑިއޯގެ ތެރެއިން ވަރަށް ބޮޑަށް ލިބިގެންދެއެވެ.

"ފުރަތަމަ ބުނެވިދާނެ ޝަހޫއަކީ ލަވައާއި ވަރަށް ދުރު މީހެކޭ. އެކަމު މިތަނަށް އައިސައޭ ބޮޑަށް ލަވަތައް އަޑުއަހާ ޑްރާމާއަށް ލަވަލާންޖެހޭތީ ލަވަ އަޑުއަހާ އެކަހަލަ ގޮތަކަށް ބޮޑަށް ބަދަލުވީ. މިހާރު އުނދަގޫވެސްވާނެ ކަންނޭނގެ ލަވައެއް ނުލާ ޑްރާމާއެއް ހަދަންވެސް، ނޫނިއްޔާ ވާހަކައެއް އެއްޗެއްވެސް ލިޔަން. މިހާރު އަމިއްލައަށްވެސް ވާހަކަ ލިޔާއިރުވެސް ލަވައަކާ ގުޅުވާފައި އެ މަންޒަރެއް އެބަ ލިޔަން. އެލަވައެއް އެތަނަށް ލެވޭގޮތަށް" ޝަހޫ ބުންޏެވެ.

ދިވެހި އެފްއެމް އަޑުއެހުންތެރިންގެ ތެރޭގައިވެސް ޝަހޫ ބޮޑަށް މަޤުބޫލުވެފައިވަނީ އޭނާގެ އަސަރުގަދަ ރޭޑިއޯ ޑްރާމާ ސިލްސިލާތަކުގެ ސަބަބުންނެވެ. ޝަހޫއަށް ތައްޔާރުކުރަން ބޮޑަށް ފަސޭހައީ، އެންމެ ގިނައިން ތައްޔާރުކުރެވެނީވެސް އަދި އެހުންތެރިންގެ މެދުގައިވެސް އެންމެ ބޮޑަށް ގަޔާވަނީ ބިރުވެރި ޖޯންރާގެ ވާހަކަތައްކަން ޝަހޫ ފާހަގަކުރެއެވެ. އަމިއްލައަށް ވާހަކަ ލިޔެ ރޭޑިއޯ ޑްރާމާތައް އުފެއްދުމުގެ އިތުރުން ޝަހޫއަކީ ތަފާތު ކެރެކްޓަރތަކަށް އަޑުއެޅުމުގައިވެސް ފާހަގަކޮށްލެވޭ ޕްރެޒެންޓަރެެކެވެ.

ޝަހޫ މިހާތަނަށް ތައްޔާރުކުރި ރޭޑިއޯ ޑްރާމާ ސިލްސިލާތަކުގެ ތެރެއިން އެހުންތެރިން އެންމެ ބޮޑަށް ބަލައިގަތް މަސައްކަތަކީ ޝަހޫ ބުނިގޮތުގައި މިދިޔަ އަހަރުގެ ރަމަޟާންމަހު ގެނެސްދިން ސަސްޕެންސް ތްރިލަރ "އާ މޫނެކޭ" އެވެ. އަދި "އެރެއަށްފަހު" އަކީ ވާހަކަ ލިޔުމުގެ ކެރިއަރގެ ތެރެއިން މިހާތަނަށް ކުރެވުނު އެންމެ ހިތްހަމަޖެހޭ އެއް މަސައްކަތްކަމަށް ޝަހޫ ބުނެއެވެ.

މިޒްނާ އަޙްމަދު

މިޒްނާ އަޙްމަދު ނުވަތަ މިޒޫއަކީ މާ ބޮޑު ތަޢާރަފަކަށް ބޭނުންވާނެ މީހެއްނޫނެވެ. އޭނާއަކީ ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ރޭޑިއޯ އަދި ޓީވީ ޕްރެޒެންޓަރެވެ.

މިޒޫ އެންމެ ފުރަތަމަ ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތާގުޅުނީ 2001 ވަނަ އަހަރު، ލައިބްރޭރިއަނެއްގެގޮތުގައެވެ. އަދި ދިވެހި އެފްއެމް ޗެނަލް އުފެދުނީންސުރެ މިއަދާ ހަމައަށްވެސް މަސައްކަތް ކުރަމުންދަނީ އެތަނުގައެވެ. މިހާރު އަދާކުރާ ވަޒީފާއަކީ އެގްޒެކެޓިވް ޕްރޮޑިއުސަރ އަދި ދިވެހި އެފްއެމް ޗެނަލްގެ ހެޑްކަމެވެ.

ރޭޑިއޯ ޕްރެޒެންޓިންގ ދާއިރާއަށް މިޒޫގެ ޝަޢުގުވެރިކަން އުފެދުނު ހިސާބަކީ އަޑުގެ ލައިބްރެރީގައި މަސައްކަތްކުރި ދުވަސްވަރުކަމަށް މިޒޫ ބުންޏެވެ. އޭރު ދާއިރާއާބެހޭ މާ ގިނަ ކަންތައްތަކެއް ދަސްވެފައިނެތްނަމަވެސް ލައިބްރަރީއަށް އާކައިވްކުރުމަށް ގެންނަ ޕްރޮގްރާމްތައް އަޑުއެހުމާއި ޚަބަރުތައް އަމިއްލައަށް ކިޔަންފެށުމުން މިކަން ކުރުމަށް ވަރަށް ބޮޑު ޝަޢުގެއް އުފެދުނުކަމަށް މިޒޫ ބުންޏެވެ. ޕްރޮޑަކްޝަން ކޯހެއް ފުރިހަމަކުރުމަށްފަހު މި ދާއިރާއިން އިތުރަށް ކުރިއަށްދިއުމުގެ ފުރުޞަތު އެފްއެމްގެ ތެރެއިން މިޒޫއަށް ލިބިގެންދިޔައެވެ.

"ހުރިހާ ޓެންޝަނެއް ވޯކްއަށް އައީމަ ފިލައޭ ވަރަށް މީހަކު ނުބުނާނެ ކަންނޭންގެ. އެކަމު މިޒޫއަށް ވޯކްއައިމަ ވަރަށް ރިލީފްވޭ. ވަރަށް އަންނަހިތުން ވޯކްއަށް އަންނަނީ. އެހެންވީމަ ސްޓްރެސް ރިލީފްކޮށްދޭ ތަނެއްގެ ގޮތުގައި ވޯކް ފާހަގަކުރެވެނީ" މިޒޫ ބުންޏެވެ.

މިޒޫއަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެކިއެކި ސެލެބްރިޓީންނާއި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޝަޙްސިއްޔަތުތައް ސްޓޫޑިއޯއަށްގެނެސްގެން ކުރިއަށްގެންދިޔަ "ކޮފީ ކޯނަރ"އަކީ ފާހަގަކޮށްލެވޭ މަސައްކަތެއްކަމަށް މިޒޫ ބުނެއެވެ. އަދި ޓެކްސީތަކަށް އަރާ މީހުންނަށް ވަގުތުން ލާރިދީގެން ކުރިއަށްގެންދިޔަ "ޓެކްސީ ދަތުރު ވިތް ދިވެހި އެފްއެމް"އަކީވެސް ކުރެވުނު ތަފާތު މަސައްކަތެއްކަމަށް މިޒޫ ބުންޏެވެ. މީގެ އިތުރުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވި މީހުންގެ ވާހަކަތައް ގެނެެސްދިން "ދަ ޖަރނީ" އަކީވެސް ވަރަށް ގިނަ ބަޔަކު ބަލައިގަތް މަސައްކަތެއްގެގޮތުގައި މިޒޫ ސިފަކުރެއެވެ.

މިޒޫ ރޭޑިއޯއާއި ޓީވީއަށްވެސް ޕްރެޒެންޓްކުރިއެއްކަމަކު، އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ ޓީވީން ފެނުމަށްވުރެ، އަޑުން މީހާ ދެނެގަނެ ވަކިކޮށް، އެކޮށްލާ ކޮމެންޓްތަކުން ކަމަށް މިޒޫ ބުނެއެވެ. އަދި އަސްލު މިޒޫ މިޒޫގެ ގޮތުގައިވެސް ފެންނާނީ އަޑުންކަމަށް މިޒޫ ބުނެއެވެ. އަދި މި ދާއިރާގައި މިހާދުވަހު މަސައްކަތްކުރުމަށްވެސް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އާއްމުން ބަލައިގަތް ބަލައިގަތުމާއި އެހުންތެރިންގެ ފަރާތުން ލިބޭ ލޯބިކަން މިޒޫ ފާހަގަކުރެއެވެ.

ޕްރެޒެންޓިންގެ ތެރެއިން މިޒޫއަށް އެންމެ ފަސޭހައީ މާ ސީރިއަސް ނޫން ޚާއްސަކޮށް އެންޓަޓައިމެންޓާ ގުޅުންހުރި ރޭޑިއޯ ޓީވީ ޕްރޮގްރާމްތަކާއި ގޭމް ޝޯވތަކެވެ.

އާޝިދާ ޢަބްދުލްކަރީމް

އާޝިދާ ޢަބްދުލްކަރީމަކީވެސް ދިވެހި އެފްއެމް އުފެދުނީންސުރެއް މިއަދާ ހަމައަށް އައިއިރު އެހުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ޕްރެޒެންޓަރެކެވެ.

އާޝިދާ މި ދާއިރާއަށް އެންމެ ފުރަތަމަ ނިކުތީ 2002 ވަނަ އަހަރު ދިވެހިރާއްޖޭގެ އަޑާގުޅުނު ހިސާބުންނެވެ. މިއަދު އޭނާ އަދާކުރަމުންދަނީ ދިވެހި އެފްއެމްގައި ސީނިއަރ ޕްރެޒެންޓަރ ޕްރޮޑިއުސަރެއްގެ މަޤާމެވެ.

ވަގުތު މެނޭޖްކުރަން އެނގޭނަމަ މިއީ އަންހެނުންނަށްވެސް މަސައްކަތް ކުރަން ފަސޭހަ ދާއިރާއެއްގެ ގޮތުގައި އާޝިދާ ދެކެއެވެ. އާޝިދާ ބުނާގޮތުގައި ޕްރެޒެންޓްކުރުމަށްވުރެވެސް ބޮޑަށް އޭނާ ކުރާ ހިތް ވަނީ ޕްރޮޑަކްޝަންގެ މަސައްކަތެވެ. އަދި އެންޓަޓައިމަންޓުގެ ތެރެއިންވެސް އެންމެ ޝައުގުވެރި ވަނީ މީހުންގެ ބަޔޮގްރަފީ ހެދުމަށްކަމަށް އާޝިދާ ބުނެއެވެ. އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އޭނާ އެންމެ ހިތްހަމަޖެހޭ މަސައްކަތަކީ "20 ތަރި" ޕްރޮގްރާމެވެ.

"އޭގައި ގެނެސްދިނީ އެންޓަޓައިމެންޓް އިންޑަސްޓްރީން ދުނިޔެ ދޫކޮށްފައިވާ މީހުންގެ ބަޔޮގްރަފީތައް. ހަމަ ލަވަކިޔުންތެރިންނާއި ފިލްމީ ދާއިރާއިން ބޭރުންނާއި ރާއްޖޭން. އެކަމު ބޮޑަށް ހަމަ ފާހަގަކޮށްލެވުނީ ރާއްޖޭން މިގޮތަށް ހެދުނު ބަޔޮގްރަފީތައް. މިސާލަކަށް ނައިފަރު ދޮހޮއްކޮށް، ޚާޖަރާ، ޢަބްދުﷲ ޙަސަން، ހަމަ ވަރަށް ފާހަގަކޮށްލެވުނު މިބޭބޭފުުޅުންގެ ވަރަށް މަޢުލޫމާތު ލިބިފައި. އަނެއްކާ އޭރު އެބޭބޭފުޅުން ކުރެއްވި މަސައްކަތްތަކުގެ ތެރެއަށްވެސް ވަރަށް ބޮޑަށް ވަދެވުނު. އެހުންތެރިންވެސް ހަމަ ވަރަށް ބަލައިގަތް ޝޯވއެއް އެއީ" އާޝިދާ ބުންޏެވެ.

އާޝިދާގެ އުފެއްދުންތަކުގެ ތެރެއިން "ފިނިބުރު" މިއީވެސް އެހުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔަ ޝޯވއެެކެވެ. މިއީ ކުރީގައި ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ތެރޭގައި ކޮންމެ ހަފްތާ ބަންދެއްގައިވެސް ކޮންމެވެސް ރަށަކަށް ދަތުރުކޮށް، އެރަށުން ހަވީރު ގަޑީގައި ރައްޔިތުންނާއި ވާހަކަދައްކާލާ އިނާމު ދީގެން ކުރިއަށްގެންދިޔަ ޝޯވއެކެވެ.

މިހާރު އާޝިދާ އުފައްދާ ޕްރޮގްރާމްތަކުގެ ތެރޭގައި "ދިވެހި އެފްއެމް ޓޮޕް 10" އަދި "ބޭރަށް ދަތުރެއް" ހިމެނެއެވެ. އަދި މި ފެށޭ ރަމަޟާންމަހަށް ޚާއްސަކޮށްގެން "އޭރުގެ ފުން ހަނދާން" މި ނަމުގައި ޝޯވއެެއް އެހުންތެރިންނާއި ހަމައަށް ގެނައުމަށް އާޝިދާ އަންނަނީ ތައްޔާރުވަމުންނެވެ. މިއީ ކުރީ ޒަމާނުގެ ލަވަތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޝޯވއެކެވެ.

އައިމިނަތު ރަމްލާ

އައިމިނަތު ރަމްލާ ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއަށް ވަނީ 14 އޯގަސްޓް 2000 ގައި ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތާ ގުޅުނު ހިސާބުންނެވެ.

ދިވެހިރާއްޖޭގެ އަޑުގައި ގާތްގަނޑަކަށް 5 އަހަރު ދުވަހު މަސައްކަތްކުރުމަށްފަހު، ދިވެހި އެފްއެމް އުފެއްދުމާއެކު، ރަމްލާވެސް އެފްއެމް ޓީމާގުޅުނެވެ. އެފަހުން މިހާތަނަށްވެސް އޭނާ މަސައްކަތް ކުރަމުން އަންނަނީ ދިވެހި އެފްއެމްގައެވެ. މިހާރު އަދާކުރަމުންދަނީ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ މަޤާމެވެ.

ރަމްލާއަކީވެސް ދިވެހި އެފްއެމްގެ އެހުންތެރިންގެ މެދުގައި ބޮޑު ލޯތްބެއް ހޯދާފައިވާ ފަރާތެކެވެ. ދިވެހިރާއްޖޭގެ އަޑުގައި މަސައްކަތްކުރުމަށްފަހު، އެފްއެމްއާއި ގުޅުނުފަހުން ކޮންމެ ދުވަހަކުވެސް އެތައް ބަޔަކާ ގުޅާ ވާހަކަދެއްކުމުގެ ފުރުޞަތުލިބި، އެހުންތެރިންނާއި ގާތްގުޅުމެއް މިވީ އަހަރުތަކުގެ ތެރޭގައި އުފެދުނުކަން ރަމްލާ ފާހަގަކުރެއެވެ.

"އަޑުގައިވެސް ވަރަށް މަޖާކޮށް ވަރަށް ގުޅިގެން އެންމެން މަސައްކަތްކުރީ. އެކަމު އުފައްދާ ޕްރޮގްރާމްތަކުގެ ޒާތުން އެހުންތެރިންނާއި ކޮންމެ ދުވަހަކު ކޮންމެ ދުވަހަކު އެތައް ބައިވަރު އެހުންތެރިންނާއި މިހެން ވާހަކަދައްކާލާ އެކަމުގައި ވަރަށް ބޮޑަށް އުޅެވޭ ފީލް މިހާރު ވަނީ. ވަރަށް ގުޅިގެން. ކޮންމެ ޕްރޮގްރާމެއްވެސް ބައްޓަންކޮށްފައި މި އިންނަނީ އެހުންތެރިންގެ ބައިވެރިވުން ހިމެނޭހެން" ރަމްލާ ބުންޏެވެ.

ރަމްލާ ބުނިގޮތުގައި އޭނާއަށް ބޮޑަށް ފަސޭހައީ އަދި ޝައުގު ހުންނަނީވެސް ގޭމްޝޯވތައް ތައްޔާރުކޮށް ގެނެސްދިނުމަށެވެ. އެގޮތުން މިހާރުވެސް "ޑަޑަން" މި ނަމުގައި އޭނާ އަންނަނީ ޚާއްސަ ގޭމްޝޯވއެއް ގެނެސްދެމުންނެވެ. މިއީ ލަަވަކިޔުންތެރިންނާ ގުޅޭގޮތުން އެކި ސުވާލު އެހުންތެރިންނަށް ކުރިމަތިކުރުވާ ގޭމްޝޯވއެކެވެ. ރަމަޟާން މަހަށް ރަމްލާ މިފަހަރު ގެނެސްދޭން ހަމަޖެހިފައިވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާގުޅޭ ޝޯވއެކެވެ.

ރަމްލާގެ ދިވެހި އެފްއެމްގެ ހަޔާތުގައި އުފެއްދުނު އެންމެ ޚާއްސަ އުފެއްދުމެއްގެ ގޮތުގައި އޭނާ ފާހަގަކުރަނީ ޙަސަން ޙަލީމާއެކު އުފެއްދި މިއުޒިކަލް ރޭޑިއޯ ޑްރާމާ "އުމުރުއަށް ތިޔަ ނަމުގާ"އެވެ. މި ޑްރާމާއަކީ އާއްމުކޮށް ރޭޑިއޯއިން ގެނެސްދޭ ޑްރާމާތަކާ ޚިލާފަށް، ކެރެކްޓަރތަކަށް އަޑުއެޅި މީހުން ހަމަ އަމިއްލައަށް ލަވަވެސް ކިޔައިގެން ގެނެސްދިން ޑްރާމާއެކެވެ.

ފާތުމަތު ޒައިނާ ޢަބްދުލްޣަނީ

ފާތުމަތު ޒައިނާ ޢަބްދުލްޣަނީއަކީވެސް ދިވެހި އެފްއެމްގެ އެހުންތެރިންގެ މެދުގައި ފާހަގަކޮށްލެވޭ ޕްރެޒެންޓަރެކެވެ. ޒައިނާ ދިވެހި އެފްއެމްއާއި ގުޅުނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. މިހާރު އޭނާއަކީ ޕްރެޒެންޓަރ ޕްރޮޑިއުސަރއެއްގެގޮތުގައި އެފްއެމްގައި މަސައްކަތް ކުރާ ފަރާތެކެވެ.

ރޭޑިއޯ ޕްރެޒެންޓިންގ ދާއިރާއަށް ނިކުމެވުނީ ސީދާ މި ދާއިރާއިން ކުރިއަށްދާން ބޭނުންވެގެން ނުވަތަ ޝައުގު ހުރެގެނެއްނޫންކަމަށް ޒައިނާ ބުންޏެވެ. އެގޮތުން 2009 ވަނަ އަހަރު ސްކޫލް ނިންމުމަށްފަހު ވަޒީފާއެއްގެ ބޭނުމުގައި މި ދާއިރާއަށް ވަދެވުނީއެވެ. ނަމަވެސް ދުވަހެއް ދުވަަހަކަށް މި ދާއިރާއަށް ޒައިނާގެ ހިތުގައި ޝައުގުވެރިކަން ދިޔައީ އުފެދެމުންނެވެ.

ދިވެހި އެފްއެމްގެ ޓީމާގުޅުމުގެ ކުރިން ޒައިނާ ވަނީ އަމިއްލަ ދެ ރޭޑިއޯ ޗެނަލެއްގައިވެސް މަސައްކަތްކޮށްފައެވެ. ދިވެހި އެފްއެމްގައި މަސައްކަތް ކޮށްލުމަކީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެކެވެ.

"އެފްއެމްގެ ޓީމަކީ މިހާރު ހަމަ ފެމެލީއެއް. މި ފީލްޑްގައި ވޯކްކުރަމުން އައިއިރު އަބަދުވެސް ހިތަށް އަރާ އެއްޗެއް ދިވެހި އެފްއެމް އޭ ބުނީމަ އަސްލު މި ފެށުމޭ އެއީ. އެހެންވީމަ އެތަނަށް ދެވިއްޖެޔާމުން އިޓް ވިލް ބީ އަ ޑްރީމް ކަމް ޓްރޫއޭ. އެހެންވީމަ ބުނެވިދާނެ ހުވަފެން ހަގީގަތަކަށް ވީއޭ މިތަނަށް އައީމަ" ޒައިނާ ބުންޏެވެ.

ޒައިނާ ބުނާގޮތުގައި އޭނާ މި ދާއިރާގެ ތެރެއިން ޕްރެޒެންޓްކުރުމަށްވުރެ ބޮޑަށް ޝައުގު ހުންނަނީ ރޭޑިއޯ ޕްރޮޑަކްޝަން އަދި އެޑިޓިންގ މަސައްކަތްތައް ކުރުމަށެވެ. އޭނާއަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން "އަރުޝީފު" މި ޕްރޮގްރާމަކީ ވަރަށް ޚާއްސަ އަދި ގިނަ ބައެއްގެ މަޤުބޫލުކަން ލިބިގެންދިޔަ ޕްރޮގްރާމެކެވެ. އެއީ ދިވެހިރާއްޖޭގެ އަޑާއި، ދިވެހި އެފްއެމްގެ އިތުރުން ޓީވީއެމުން އެކި ދުވަސްވަރު ގެނެސްދީފައިވާ ޕްރޮގްރާމްތަކާއި ބެހޭގޮތުން އެ ޕްރޮގްރާމްތައް އުފެއްދުމުގައި ހަރަކާތްތެރިވި މީހުން މެދުވެރިކޮށް މަޢުލޫމާތު ހިއްސާކުރުމަށް ގެނެސްދިން ޕްރޮގްރާމެކެވެ.

ރަމަޟާން މަސް އައުމާއި ހަމައަށް ޒައިނާ މައިގަނޑުގޮތެއްގައި މަސައްކަތް ކޮށްފައިވަނީ ރޭޑިއޯ ޑްރާމާ "ހިތް އަވަސް ވާ ގޮތް ވަނީ އޭ" އާއި ކަރޯކޭ ޗެލެންޖުގެ ޕްރޮޑަކްޝަންގެ މަސައްކަތެވެ. މި ފެށޭ ރަަމަޟާންމަހުވެސް އެހުންތެރިންނަށް ތަފާތު އިހްސާސްތަކެއް އެކުލެވޭ ހިތްގައިމު ރޭޑިއޯ ޑްރާމާ ސިލްސިލާއެެއް ގެނެސްދިނުމަށް ޒައިނާވެސް އަންނަނީ ތައްޔާރުވަމުންނެވެ.

އިސްމާޢީލް ޙައްސާން

އިސްމާޢީލް ޙައްސާނަކީ ދިވެހި އެފްއެމް ޓީމާ އެންމެފަހުން ގުޅުނު މެންބަރެވެ. އޭނާ ދިވެހި އެފްއެމް ޓީމާ ގުޅުނީ އެސިސްޓެންޓް ޕްރެޒެންޓަރ ޕްރޮޑިއުސަރެއްގެގޮތުގައި މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.

ޙައްސާން ދިވެހި އެފްއެމް ޓީމާގުޅުމުގެ ކުރިން މީގެ ކުރިން ޕާޓްޓައިމްކޮށް އެކި ފަހަރުމަތިން އެފްއެމްއަށް މަސައްކަތްކޮށްފައިވެއެވެ. އޭނާ މި ދާއިރާއަށް ވަނީ ދާއިރާއަށް ހުރި ޝަޢުގެއްގެ ބޮޑު ވަރަށް ކުރާހިތުން ކުރާ މަސައްކަތެއްގެގޮތުގައި ދެކިގެންކަމަށް ޙައްސާން ބުންޏެވެ. ޙައްސާންގެ ލޯ މި ދާއިރާއަށް ހުޅުވިގެންދިޔައީ ރާއްޖެ އެފްއެމްއިން މީގެކުރިން ކުރިއަށްގެންދިޔަ ރިއަލިޓީ ޝޯވއެއްކަމަށްވާ އާރް.ޖޭ ހަންޓުގައި ބައިވެރިވި ހިސާބުންނެވެ.

"މި ދާއިރާއަށް އޮތް ލޯތްބެއްގެ ބޮޑުކަމުން އެންމެ ފުރަތަމަ އާރްޖޭ ހަންޓުގައި އެސް.އެމް.އެސްކޮށްގެން ބައިވެރިވީވެސް. އޭރު ހިއެއްވެސް ނުކުރަން އާރްޖޭ ހަންޓުގެ ޓޮޕް 10 ގައި ހިމެނި ދާއިރާއިން ކުރިއަށްދާން ފުރުޞަތު ލިބޭނެއޭވެސް. އެކަމު ދިވެހި އެފްއެމްއާއި ގުޅުނު ހިސާބުން ވަރަށް ފަން ވަރަށް އެކްސައިޓިން ހަމަ" ޙައްސާން ބުންޏެވެ.

އެންޓަޓައިންމަންޓް ދާއިރާގެ ތެރެއިން ޙައްސާން ބޮޑަށް ގެނެސްދޭން ޝަޢުގުވެރިވަނީ ހެއްވާ މަޖާ ޝޯވތަކާއި، ގޭމް ޝޯވތަކެެވެ. އޭނާ މިވަގުތު އުފައްދާ ޕްރޮގްރާމްތަކުގެ ތެރޭގައި ފެޝަނަަށް ލޯބިކުރާ ފަރާތްތަކަށް ޚާއްސަ "ސްޓައިލް ގައިޑް" އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޚަބަރުތައް ހިމަނައިގެން ގެނެސްދޭ "އެންމެފަސް" ޝޯވ ހިމެނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ އަޑަށްވެސް "ފިލްމީ ދުނިޔެ" މި ނަމުގައި ޚާއްސަ ޝޯވއެއް ޙައްސާން އަންނަނީ ގެނެސްދެމުންނެވެ. ހަމައެހެންމެ ދިވެހި އެފްއެމްގެ ކަރޯކޭ ޗެލެންޖުގައިވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި ޙައްސާން ވަނީ މަސައްކަތްކޮށްފައެވެ.

ޙައްސާން ޤަބޫލުކުރާގޮތުގައި އޭނާއަށް މިހާތަނަށް އުފެއްދުނު ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ޚާއްސަ އެއް ޝޯވއަކީ "ވެލްކަމް" މި ނަމުގައި ސެލެބްރިޓީން ގެނެސްގެން ގޭމްޝޯވއެއް ގޮތަށް ކުރިއަށްގެންދިޔަ ޝޯވއެވެ. އަދި ޓްރެޝަރ ހަންޓް ސްޓައިލަށް އޭނާ ގެނެސްދިން "މިޑްނައިޓް މޭޒް"އަކީވެސް ގިނަ އެހުންތެރިންތަކަކަށް ކަމުދިޔަ ޝޯވއެކެެވެ.