ޚަބަރު

އިންޕްލޭޝަން އިތުރުވެ، ތުރުކީގައި ތަކެއްޗާއި ހިދުމަތުގެ އަގުތައް އަތްނުފޯރާފަށަށް


މިދިޔަ ފެބްރުއަރީމަހު ތުރުކީގައި އިންފްލޭޝަން މައްޗަށް މުދަލާއި ހިދުމަތްތަކުގެ އަގު އިންތިހާއަށް އުފުލެމުންދާކަން އެ ޤައުމުގެ ރަސްމީ އިދާރާތަކުން ނެރުނު ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ފެބްރުއަރީމަހުގެ ނިޔަލަށް ތުރުކީގައި ތަކެތީގެ އަގު 54 އިންސައްތައިން 61 އިންސައްތައަށް މައްޗަށް ވަނީ ޖެހިފައި ވެއެވެ. މިއާއެކު އެ ޤައުމުގެ ޢާއްމު ދިރިއުޅުމުގެ ޙާލަތު އިތުރަށް ގޯސްވެދާނެކަމަށް މިވަނީ ބެލެވެން ފަށާފައެވެ. މީ މިދިޔަ 20 އަހަރުގެ ތެރޭގައި ތުރުކީގެ އިންފްލޭޝަން އެންމެ ބޮޑަށް މައްޗަށް ދިޔަ ފަހަރެވެ.

އިންފްލޭޝަން މައްޗަށް ޖެހުނު ސަބަބުތަކުގެ ތެރޭގައި ރަޝިޔާ- ޔޫކްރެއިން ހަނގުރާމައާއި، ތުރުކީގެ ރަސްމީ ފައިސާ ކަމަށްވާ ލީރާގެ އަގު ވެއްޓުން ހިމެނެއެވެ. މީގެއިތުރުން ތުރުކީގެ ސަރުކާރުން ގެންގުޅޭ އިންޓްރެސްޓް ރޭޓް ޕޮލިސީއަށް އަމާޒުވި ފާޑިކިޔުންތައްވެސް މީގެ ސަބަބެއްކަމަށްވެއެވެ.

ތުރުކީއަށް އެންމެ ގިނައިން ހަކަތަ ފޯރުކޮށްދޭ ޤައުމަކީ ރަޝިޔާއެވެ. އަދި ތުރުކީގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އެންމެ ބޮޑު މާކެޓެއް އޮންނަނީވެސް ރަޝިޔާއިންނެވެ. މީގެ އިތުރުން ކެއިންބުއިމަށް ބޭނުންކުރާ އަސާސީ މާއްދާއެއް ކަމަށްވާ ގޮދަން އެތެރެކުރަނީ ޔޫކްރެއިނުންނެވެ. ހަނގުރާމައިގެ ސަބަބުން ހަކަތައާއި ކާބޯތަކެތީގެ އަގު ބޮޑުވެ، ތަކެތި ލިބުން ވަނީ ދަތިވެފައެވެ. އަދި ރަޝިޔާ މާކެޓުން ފަތުރުވެރިން އައުންވެސް ވަނީ ހުއްޓިފައެވެ. ވުމާއެކު ތުރުކީގެ އިޤްތިޞާދަށް ހަނގުރާމައިގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާކަމަށް އެ ޤައުމުގެ އޮފިޝަލުން ހާމަކުރައްވައެވެ.

ލީރާގެ މިހާރުގެ ޙާލަތަށް ބަލާއިރު ޑޮލަރަކަށް 14.7 ގެ ރޭޓުން އަދި ޔޫރޯއަކަށް 16.2 ގެ ރޭޓުން ބާޒާރުގައި ލީރާގެ އަގު މިވަގުތު ވަނީ ހިފެހެއްޓިފައެވެ. ނަމަވެސް ރަޝިޔާ- ޔޫކްރެއިން ހަނގުރާމަ ކުރިއަށްދާނަމަ އިޤްތިޞާދީ ޙާލަތު ދާނީ ދުވަހެއް ދުވަހަކަށް ގޯސްވަމުން ކަމަށް ތުރުކީގެ އޮފިޝަލުން ބުނެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ތުރުކީގައި އެންމެ ބޮޑަށް އަގު އުފުލުފައިވަނީ ކާބޯތަކެއްޗާއި ދަތުރު ފަތުރުކުރުމުގެ އަގުތަކެވެ. ތުރުކީގެ އިންފްލޭޝަން މައްޗަށް ޖެހެމުންދާއިރު އެ ޤައުމުން ގެންގުޅޭ އިޤްތިޞާދީ ސިޔާސަތާއިމެދު ތަޖުރިބާކާރުންގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ހަމައެހެންމެ ރަސްމީ އިދާރާތަކުން ހާމަކުރާ ތަފާސްހިސާބުތަކުން އިންފްލޭޝަންގެ އަޞްލު ޙާލަތުގެ ނާޒުކުކަން ހާމަކޮށް ނުދޭކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުޙުމަތުކުރަމުންނެވެ.