ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފައިވާތީ، މި އަހަރުގެ ރޯދަމަހު ބޮޑެތި މިސްކިތްތަކުގައި ކުރިއެކޭ އެއްގޮތަށް ޖަމާޢަތުގައި ނަމާދުކުރަން ވަނީ ފަށާފައެވެ. އެހެން ރޯދަމަސްތަކާއި ޚިލާފަށް މިއަހަރު އެކި އާޘާރީ އަދި ތާރީޚީ ތަންތަނުގައި ތަރާވީޙް ނަމާދު ޖަމާޢަތުގައި ކުރަމުންދާތީ، މިކަމަށް ގިނަބައެއްގެ ޝަޢުޤުވެރިކަން ވަނީ ހުއްޓިފައެވެ.
މިއަހަރުގެ ރޯދަމަސް ފެށުމާއެކު މީސްމީޑިއާގައި އެންމެ ބޮޑަށް ދައުރުވާން ފެށި އެއް ޚަބަރަކީ ގިނަ އަހަރުތަކަކަށްފަހު ތުރުކީގެ އިސްތަމްބޫލުގައި ހުންނަ ހާޔާ ސޮފީޔާ މިސްކިތުގައި ރޯދަމަހުގެ ފުރަތަމަ ތަރާވީޙް ނަމާދުގެ ޖަމާޢަތް ބޭއްވި ޚަބަރެވެ. އެއަށްފަހު އެމެރިކާގެ ނިއުޔޯކް ސިޓީގެ ޓައިމްސް ސްކޮޔަރގައި ގިނަ ޢަދަދެއްގެ މުސްލިމުން އެއްވެ، ޖަމާޢަތުގައި ނަމާދުކުރި ޚަބަރެވެ. އަދި މަސްޖިދުލް އަޤްޞާގައި އަމާންކަމާއެކު ތަރާވީޙުގެ ޖަމާޢަތް ބޭއްވި ޚަބަރެވެ.
މިއިން ކޮންމެ ތަނަކީ ދުނިޔޭގެ ތާރީޚާއި ޘަޤާފަތުގައި މުހިއްމު މަޤާމެއް ދެވިފައިވާ ތަންތަނެވެ. އަދި ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލުތަކެވެ. އެހެންކަމުން މުސްލިމުންގެ އެންމެ މާތް މައްސަރުގެ އަޅުކަން އަދާކުރަން މި ތަންތަން ޚިޔާރުކުރުމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަފާތު ދީންތަކުގެ މީހުން ވަނީ ޝަޢުޤުވެރިކަމާއެކު މުސްލިމުންގެ އެއްބައިވަންތަކަން ފާހަގަކޮށް، ރޯދަމަހުގެ މުހިއްމުކަން ދޭހަވާ މަންޒަރުތައް މީސްމީޑިއާގައި ދައުރުކޮށްފައެވެ.
ހާޔާ ސޮފީޔާ މިސްކިތަކީ 1985 ވަނަ އަހަރުން ފެށިގެން ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓުތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. އެންމެ ފުރަތަމަ ކްރިސްޓިއަނުން އަޅުކަންކުރާ ތަނެއްގެ ގޮތުގައި ޢިމާރާތްކުރި މި ބިނާ، މިސްކިތަކަށް ބަދަލުކޮށްފައިވަނީ 1453 ވަނަ އަހަރު ތުރުކީގެ ރަސްކަން ބަދަލުވިއިރުއެވެ. އެއަށްފަހު 1953 ވަނަ އަހަރުން ފެށިގެން މިތަނަކީ މިއުޒިއަމެއްގެ ގޮތުގައި ތުރުކީގެ ދައުލަތުން ކަނޑައަޅާފައި އޮތުމަށްފަހު، އަލުން މިސްކިތެއްގެ ގޮތުގައި ބޭނުންކުރަން ހަމަޖެއްސީ 2020 ވަނަ އަހަރުއެވެ. ނަމަވެސް ޕެންޑެމިކާއި ގުޅިގެން ފާއިތުވި 2 އަހަރު އެތަނުގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ފުރުޞަތު ނުލިބޭކަމަށް އިސްތަމްބޫލުގެ ރައްޔިތުން ބުނެއެވެ. އާސާރީ ފަރުމާއާއި ކުރެހުންތަކުން ޖަރީކޮށްފައިވާ ހާޔާ ސޮފީޔާ މިސްކިތުގައި މިއަހަރު ޖަމާޢަތުގައި ތަރާވީޙް ނަމާދު ކޮށްފައިވަނީ 88 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.
ނިއުޔޯކް ސިޓީގެ ޓައިމްސް ސްކޮޔަރއަކީ ބައިނަލްއަޤްވާމީގޮތުން ބަލާއިރު ދުވާލަކު އެންމެ ގިނަ މީހުން އެއްތަނަކަށް ޒިޔާރަތްކުރާ ތަނެވެ. ދުވާލަކު 360000 މީހުން މި ސަރަޙައްދު ފަހަނައަޅައި ދަތުރުކުރާއިރު، އަހަރަކު މިތަނަށް 131 މިލިއަނަށްވުރެ ގިނަ މީހުން ޒިޔާރަތްކުރެއެވެ. މިތަނުގައި އެމެރިކާގެ މަޝްހޫރު ބައެއް މޮނިއުމަންޓުތަކާއި، ވިޔަފާރިތަކާއި، އޮފީސް ޢިމާރާތްތައް ހުރިއިރު، އައު އަހަރު ފާހަގަކުރުންފަދަ ކުލަގަދަ ޙަފްލާތައް މި ސަރަޙައްދުގައި ބާއްވައެވެ. ޓައިމްސް ސްކޮޔަރގައި މިއަހަރުގެ ރޯދަމަހު ރޯދަ ވީއްލުމަކާއިއެކު ފުރަތަމަ ފަހަރަށް ތަރާވީޙް ނަމާދު ބާއްވާފައިވާއިރު، މިއީ ދުނިޔޭގެ މީޑިއާގެ ސަމާލުކަން ހޯދި ކަމެކެވެ. ޓައިމްސް ސްކޮޔަރގައި ތަރާވީޙް ނަމާދުކުރި ފަރާތްތަކުން ބުނެފައިވަނީ އެމީހުންގެ ބޭނުމަކީ އިސްލާމްދީނާއި ބެހޭގޮތުން ވީހާވެސް ގިނަ ބަޔަކަށް ސައްޙަ މަޢުލޫމާތު ލިބިގެންދިޔުން ކަމަށެވެ.
މަސްޖިދުލް އަޤްޞާގައި މިއަހަރުގެ ރޯދަމަހު ތަރާވީޙް ނަމާދުކުރަން ފަށާފައި މިވަނީ ޕެންޑެމިކުގެ ސަބަބުން އައި މެދުކެނޑުމަކަށްފަހުއެވެ. މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމަށްވާ މި މިސްކިތުގައި ފަލަސްޠީނުގެ އެތައް ސަތޭކަ މުސްލިމުންނެއް މިއަހަރު ތަރާވީޙް ނަމާދު ކޮށްފައިވެއެވެ. މަސްޖިދުލް އަޤްޞާއަށް ޔަހޫދީންގެ ޙަމާލާ ޢަމާޒުވާތީ އެތަނުގެ ސަލާމަތީ ކަންކަން މިއަހަރު ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. މަސްޖިދުލް އަޤްޞާގައި އަމާންކަމާއެކު ފުރިހަމަ ތަރާވީޙެއް ކުރުމުގެ ފުރުޞަތު މުސްލިމުންނަށް ލިބުނީތީ މުސްލިމް އުއްމަތުން އެކަމާ އުފާ ފާޅުކޮށްފައިވެއެވެ.
ބަޔާންކުރެވުނު ތަންތަނުގެ އިތުރުންވެސް މެލޭޝިޔާގެ ވެރިރަށް ޕުތްރަޖާޔާފަދަ ޚާއްޞަ ތަންތަނުގައި ޖަމާޢަތުގައި މި އަހަރުގެ ރޯދަމަހު ތަރާވީޙް ނަމާދު ކުރަމުންދާތީ، އެކަމަށް މުޅި ދުނިޔޭގެ ޝަޢުޤުވެރިކަން ހުއްޓިފައިވެއެވެ. އަދި ކޮންމެ ނަމާދެއްގެ މަންޒަރު ބެލުމަށް މުސްލިމް ނޫން މީހުންގެ ގިނަ ބަޔަކު ތިބޭކަމަށް ޚަބަރުތައް ބުނެއެވެ.