ޚަބަރު

އިންތިޚާބުތަކަށް ހިނގާ ޚަރަދުބޮޑު، ހައްލު ހޯދަންޖެހޭ މައްސަލައެއް!


ޑިމޮކްރަސީއާއެކު، ރާއްޖޭގެ ހިންގުމަށް އައި އެންމެބޮޑު އެއްބަދަލަކީ، ބަސްބުނުމުގެ ފުރުސަތާއި، ކަންކަން ތަންފީޒު ކުރުމުގެ ބާރު ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުކުރާ މީހުންނަށް ލިބިގެން ދިއުމެވެ. ރާއްޖޭގައި ޒަމާނުއްސުރެ އައްޔަން ކުރަމުންދިޔަ އެތައް މަޤާމެއް އިންތިޚާބީ މަޤާމުތަކަށް ބަދަލުކޮށް، ވޯޓުން ކަންކަން ނިންމާ އުސޫލާއިއެކު ރާއްޖޭގެ ހިންގުމަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ވޯޓުން އިޤާނޫނީ ބޮޑެތި ވާރުތަކެއް ލިބިފައިވާ އިންތިޚާންތިޚާބު ކުރެވޭ ނިޒާމަކަށްވާއިރު، ރަށްރަށުގެ ވެރިން ކަނޑައެޅުމަކީވެސް ރައްޔިތުންގެ ސީދާ ނިންމުމަކުން، ހޮވޭ އިންތިޚާބީ މަޤާމުތަކަކަށް ވަނީ ވެފައެވެ. ޒަމާނާއި އެއްގޮތަށް ޤާނޫނަށް އަންނަ ބަދަލުތަކާއިއެކު އިންތިޚާބު ކުރެވޭ މަޤާމުތަކާއި، އިންތިޚާބު ކުރެވޭ މީހުންގެ ޢަދަދުވެސް ވަނީ އިތުރު ވެފައެވެ. ހަމައެކަނި ކައުންސިލްތަކަށް ބަލައިލި ކަމުގައިވާނަމަވެސް އާޤާނޫނާއެކު އިންތިޚާބު ކުރެވޭ ކައުންސިލަރުންގެ އަދަދުވަނީ 982އަށް އަރާފައެވެ. ކުރީގެ ޤާނޫނުގެ ތެރެއިން އިންތިޚާބު ކުރަނީ 650 މެމްބަރުންނެވެ.

އިންތިޚާބުތަކަށް ކުރެވޭ ޚަރަދު

ޤާނޫނުގެ ތެރެއިން ރައްޔިތުންނަށް ބަސް ބުނުމަށް ލިބޭ ފުރުސަތުތަކަކީ އޭގެ ހެޔޮ ބަދަލުވެސް އަންނަމުންދާ ކަންކަމެވެ. ރަށުގެ ތަރައްޤީއާއި، އަތޮޅުގެ ތެރައްޤީއާއި، ޤައުމުގެ ތެރައްޤީގައިވެސް ބޮޑެތި ކުރިއެރުން އަންނަމުންދާތަން ފެނެއެވެ. ކޮންމެ އިންތިޚާބީ މަޤާމަކީވެސް އެތަކެއް ވައުދުތަކާއިއެކު 5 އަހަރުގެ މުއްދަތަކަށް އިންތިޚާބުވާ މެމްބަރުންނެވެ. ރާއްޖޭގައި އިންތިޚާބުތަކަށް ކުރެވޭ ހޭދައަކީ ނިސްބަތުން ބޮޑު ހޭދައެކެވެ.

ކޮންމެ ފަސް އަހަރަކުން ބާއްވާ ރިޔާސީ އިންތިޚާބަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ކަނޑައެޅުމަށް ބައްވާ އިންތިޚާބެވެ. ފާއިތުވެދިޔަ އިންތިޚާބަށް 65 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ކައުންސިލް އިންތިޚާބަށް 78 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، މަޖިލިސް އިންތިޚާބަށް 45 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިތިން އިންތިޚާބުގެ ޚަރަދުތަކަށް ބަލާއިރު، ޖުމްލަ 188 މިލިޔަން ރުފިޔާވަނީ އިންތިޚާބުތައް ބޭއްވުމަށް ހޭދަވެފައެވެ. މީގެ އިތުރުން ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ހުސްވި ބައެއް މަޤާމުތަކަށް އިންތިޚާބު ކުރުމަށްޓަކައި ބޭއްވުނު 20 ބައި އިލެކްޝަނަށް ވަނީ 4 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ.

އިންތިޚާބުތަކަށް ހިނގާ ޚަރަދު ކުޑަކުރުމަށް އޮތް ހައްލު

އިންތިޚާބުތަކަކީ ރައްޔިތުން ބާރުވެރިކުރުމަށް ލިބޭ އެންމެ ބޮޑު ފުރުސަތަށްވާއިރު، އިންތިޚާބުތައް ބޭއްވުމަކީ ސަރުކާރުގެވެސް ބަޖެޓް ކަނޑައަޅާއިގެން އެޖާގަދޭ ކަމެކެވެ. ރާއްޖޭގައި ފަހުގެ ތާރީހެއްހައި ދިމާވި ކޯވިޑްގެ ހާލަތުގައިވެސް ބޮޑު އިންތިޚާބެއް ވަނީ ބޭއްވިގެން ގޮސްފައެވެ. މިއިންތިޚާބާއެކީ ރާއްޖޭގެ އެތައް ރަށެއްގެ ހިންގުމަށް ބަދަލުތަކެއް އައިސް ރަށްތަކުގެ ތަރައްޤީގައި ކައުންސިލަތަކަށް އަދާކުރެވޭ ދައުރުވެސް ވަނީ ފުޅާވެފައެވެ.

އިންތިޚާބުތަކާއިއެކު އަންނަ ނަތީޖާއަކީ ރައްޔިތުން ގެންނަ ބަދަލުގެ އެންމެބޮޑު ބޭނެމެވެ. އިންތިޚާބުތަކަށް ކުރެވޭ ޚަރަދުތައް ކުޑަކުރުމަށް އޮތް ހައްލަކީ ޤާނޫނަށް އިސްލާހު ގެނައުމެވެ. މިއިސްލާމީ މީގެކުރިންވެސް ގެނައުމަށް އެތަކެއް މަޝްވަރާތަކެއް ކުރެވިފައިވާ އިސްލާހެކެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެއްފަހަރާ އިންތިޚާބުތައް ބާއްވާ އުސޫލުން ރާއްޖޭގައިވެސް ބޮޑެތި އިންތިޚާބުތައް އެއްފަހަރާ ބޭއްވޭނެ ވިސްނުމަކީ އިލެކްޝަން ކޮމިޝަންގެވެސް ވިސްނުމެކެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރަކު ވިދާޅުވީ، ޤާނޫނަށް އިސްލާހު ގެނެސް އިންތިޚާބުތައް ހިންގާ ޚަރަދު ކުޑަކުރުމަކީ ދައުލަތަށްވެސް ލިބިގެންދާނެ ބޮޑު ލުޔެއްކަމަށެވެ. ބޮޑު ތިން އިންތިޚާބު އެއްފަހަރާ ނުބޭއްވޭނަމަ ދެ އިންތިޚާބެއް އެއްފަހަރާ ބޭއްވުނަސް ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތަށް ބަދަލު ގެނެސްފިނަމަ ދައުލަތުގެ ބަޖެޓުން 80 މިލިޔަން ރުފިޔާ ސަލަމާތް ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އޮންނަ ސަރުކާރަކަށް އޮތް ގޮންޖެހުންތައް

އިންތިޚާބުތައް ގާތް ގާތުގައި ބާއްވަން ޖެހުމުން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވަނީ އެއިރެއްގައި ވެރިކަމުގައި އޮންނަ ޕާޓީއަކަށް، ނުވަތަ ކޯލިޝަނަކަށެވެ. ވެރިކަމުގެ ފަސް އަހަރުގެ ދައުރަކަށް އިންތިޚާބު ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފަށާއިރު ދައުރުގެ ތެރޭގައި ބޮޑު ދެ އިންތިޚާބެއް އޮންނާތީ، އެއިންތިޚާބުތަކަށް ސަރުކާރުން ހުސްކުރަންޖެހޭ ވަގުތު ގިނައެވެ.

ވެރިކަމާއި ހަވާލުވާތާ އަހަރެއްހާ ދުވަސްތެރޭގައި މަޖިލިސް އިންތިޚާބާއި ކުރިމަތިވާއިރު އޭގެ އަހެއްހާ ދުވަސްފަހުން އަނެއްކާވެސް ކުރިމަތިވަނީ ލޯކަލް ކައުންސިލް އިންތިޚާބެވެ. އިންތިޚާބުތަކަކީ ސަރުކާރަކާއިމެދު ރައްޔިތުންގެ އިތުބާރު ދައްކުވައިދޭ އެއްމަގެވެ. ނަތީޖާ ރަނގަޅު ކުރުމަށް ވެރިކަމުގައި ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެކަމަށް ހުސްކުރަންޖެހޭ ވަގުތާއި، ކުރަންޖެހޭ ކެޕެއިންވެސް ވަރުގަދަވެއެވެ. މިސަބަބުތަކަށްޓަކައި ވެފައިވާ ވައުދުތަކާއި، ބޭނުންވާ މިންވަރަށް ކަންކަން ހާސިލް ކުރުމަށްވެސް އެންމެ އެދެވޭ ޖާގަ ދައުރުގެ ތެރެއިން ގެއްލިގެން ދެއެވެ.

އިލެކްޝަން ކޮމިޝަނަށްވެސް އަދި ރައްޔިތުންގެ މަޖިލީހަށްވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިހާރު އޮތް ގޮތުން ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނައިރު، އިންތިޚާބީ މަޤާމުތަކުގެ ދައުރުތައް އެކުއެކީ ފަށާ، އެކީގައި ނިންމާލެވޭނެ ގޮތަށް ބަދަލު ގެނައުމެވެ. އިންތިޚާބީ ގިނަ މަޤާމުތަކަކީ މިހާރު އޮތް ގޮތުން އެކި ދުވަސްވަރު މުއްދަތު ހަމަވާ ގޮތަށް އޮތް މަޤާމުތަކަށްވާއިރު، މިއީ ޤާނޫނީ ގޮތުން ހައްލު ހޯދުމުގައިވެސް ގިންޖެހުން އޮތް މައްސަލައެކެވެ.

ނަމަވެސް ރާއްޖެފަދަ މާލީ ހާލަތު ދަށް، އަމިއްލަ ފުދުންތެރިކަން ކުޑަ ޤައުމަކުން އިންތިޚާބުތަކަށް މިކުރެވޭ ހޭދަތައް ކުޑަކުރެވޭނެ ޖާގަ ހޯދުމަކީ ކުރަންޖެހިފައިވާ ކަމެކެވެ. ދާއިމީ ހައްލެއް ބޭނުންވެފައިވާ ޤާނޫނީ ގިނަ މައްސަލަތަކެއް އެކުލެވޭ ޤައުމީ ބޮޑު މައްސަލައެކެވެ.