ރ. އަލިފުށީގައި ސަރުކާރުން ތަރައްޤީކުރަން ހަމަޖެހިފައިވާ އެއަރޕޯޓް މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް، އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން ތައްޔާރުވެއްޖެއެވެ. މިއީ އެމް.ޓީ.ސީ.ސީގެ ތާރީޚުގައިވެސް އެކުންފުނިން މިހާތަނަށް ހިންގާ އެންމެ ބިޔަ އަދި އެންމެ އަގުބޮޑު މަޝްރޫޢެވެ.
އަލިފުށީގައި އެއަރޕޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެރަށުގެ ފަޅުން ބޮޑުބައެއް ހިއްކައިގެންނެވެ. މި މަސައްކަތަށް ބޭނުންވާ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު އެއްވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ކޮންސެޕްޓް ޑިޒައިންކުރުމާއި އީ.އައި.އޭގެ މަސައްކަތްތައް އެމްޓީސީސީން މީގެކުރިން ވަނީކޮށްފައެވެ. އަދި އެކުންފުނިން މިހާރުވަނީ ޢަމަލީ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވާން ފަށާފައެވެ. އެގޮތުން މަޝްރޫޢަށް ބޭނުންވާ ސައިޓް މިމަހުގެ 9 ވަނަ ދުވަހު މޮބިލައިޒްކޮށް، މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ރަށަށް ފޮނުވާފައިވާކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.
ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި 9 އޭޕްރީލް 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި.#MTCCProjects #RayyithungeKunfuni pic.twitter.com/lKbxy3zLnG
— MTCC Plc (@MTCCPlc) April 12, 2022
އަލިފުށީގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކާ އެއަރޕޯޓު ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިއީ އެއް ފަހަރާ މިހާ ބޮޑު ސްކޯޕެއްގައި ސަރުކާރު ކުންފުންޏަކަށް ޕްރޮޖެކްޓެއް ޙަވާލުކުރި ފުރަތަމަ ފަހަރެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްޤީކުރާ މިމަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 451.6 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.
މި މަޝްރޫޢުގެ ދަށުން، 50.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 480 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑް ހެދުމާއި، ޓާރމިނަލް ބިލްޑިންގ އަކާއި ފަޔަރ ބިލްޑިންގ އެއް އެޅުމާއި، އަލިފާން ނިއްވާ އިކުއިޕްމަންޓް ބެހެއްޓުމާއި، 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
އަލިފުށީގައި އެއަރޕޯޓް ތަރައްޤީކުރުމަށް ނިންމާފައިވަނީ 1200 މީޓަރު ދިގު ރަންވޭއަކާއެކުއެވެ. މިއީ ރ. އަތޮޅުގައި ތަރައްޤީކުރާ ދެވަނަ އެއަރޕޯޓެވެ.