މިއަހަރުގެ ފިތުރު ޢީދު ކ. މާފުށީގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާކަމަށް މާފުށީ ކައުންސިލުން ވިދާޅުވެއްޖެއެވެ. ފިތުރު ޢީދު ފާހަގަކުރުމަށް މާފުށީގައި ސަޤާފީ އަދި މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ތައްޔާރުވަމުންދާކަމަށް މާފުށީ ކައުންސިލުން ވިދާޅުވެއެވެ.
ފިތުރު އީދު ފާހަގަކުރުމަށް ވަމުންދާ ތައްޔާރީތަކާގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މާފުށީ ކައުންސިލުގެ ރައީސް ޙަސަން ސަލާޙް ވިދާޅުވީ، ފިތުރު އީދުގެ ހަރަކާތްތައް މިއަހަރު ކުރިއަށްގެންދަން ވިސްނާފައިވަނީ މުޅި ދުވަހަށް ބަހާލައިގެން ފެސްޓިވަލް ސްޓައިލަށްކަމަށެވެ. އެގޮތުން މި ހަރަކާތްތައް ފެށޭނީ ބޮޑު ޖަމާއަތުގައި ކުރެވޭ ޢީދު ނަމާދުންކަމަށާއި، ސަގާފީގޮތަށް ތައްޔާރުކުރެވޭ ހެނދުނުގެ ސައިފޮދަކާއި، މެންދުރުގެ ފަރިއްކޮޅެއް ރޭވިފައިވާކަމަށް ސަލާޙް ވިދާޅުވިއެވެ.
މީގެ އިތުރުން ކުޑަކުދިންގެ ހަވީރަކާއި، ހުރިހާ އުމުރުފުރާތަކަކަށް ޚާއްސަކޮށްގެން މިއުޒިކް ޝޯވއެއް އީދު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ. އަދި މި ހުރިހާ ހަރަކާތެއްގައިވެސް މާފުށީ ރައްޔިތުންގެ އިތުރުން ރަށަށް ޒިޔާރަތްކުރާ އާއްމުންނަށްވެސް ބައިވެރިވެވޭނެކަމަށް ކައުންސިލުން ވިދާޅުވެއެވެ.
"މިހުރިހާ ހަރަކާތެއްގައިވެސް ބައިވެރިވެ، މި އަހަރު ޢީދު ފާހަގަކުރުމަށް މާފުށީގެ ރައްޔިތުން އަދި ކައުންސިލުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވަން. އީދުގެ ސަގާފަތާއި މުޖުތަމަޢުގެ ގުޅުން އާލާކުރުމަށް އަމާޒުކޮށްގެން ބާއްވާ މި ހަރަކާތްތަކުގައި ރަށުގެ ރައްޔިތުން، ރަށުގައި އެވަގުތު ތިބި ފަތުރުވެރިން އަދި މާފުށީގައި ވަޒީފާ އަދާކުރާ ފަރާތްތަކުން ބައިވެރިވާނެ" މާފުށީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ފިތުރު އީދު ބަންދާއި ދިމާކޮށް މާފުއްޓަށް ގާތްގަނޑަކަށް 6 ހާހެއްހާ މީހުން އަރާނެކަމަށް ލަފާކުރެވޭކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއެވެ. އެހެންކަމުން އީދުގެ އުފަލުގައި ބައިވެރިވާން މާފުއްޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެކަމަޑޭޝަނާއި ދަތުރުފަތުރުގެ އިންތިޒާމް ފަސޭހައިން ހަމަޖައްސައިދިނުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުގެ އެހީގައި ކުރިއަށްގެންދާކަމަށް މާފުށީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
އެގޮތުން ޢީދު ދުވަހު މާލެއިން މާފުއްޓަށް ދަތުރުކުރާ ފަރާތްތަކަށް އެރޭ ޝޯވ ނިންމާލާފައި އަނބުރާ މާލެ އާދެވޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށް ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ.
މާފުށީގައި މިއަހަރުގެ ފިތުރު އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ތައްޔާރުވަމުންދާއިރު، މިކަމުގައި ރަށުގެ ވިޔަފާރިތަކާއި ޖަމިއްޔާތަކުގެ އެހީތެރިކަމާއި އެއްބާރުލުން ކައުންސިލަށް ލިބެމުންދާކަން ކައުންސިލުން ފާހަގަކުރެއެވެ. އަދި މާފުއްޓަށް އީދަށް ވަޑައިގަންނަވާ ފަރާތްތަކަކުން ރޫމް ބުކްކުރައްވާ އަދި ލޯންޗުގެ ޖާގަ ކުރީ ބައިގައި ކަށަވަރުކުރުމަށް މާފުށީ ކައުންސިލުން ވަނީ އިލްތިމާސްކުރައްވާފައެވެ.