މިދިޔަމަހު ޗައިނާ އީސްޓަން އެއަރލައިނުގެ ބޮއިންގ ބޯޓެއް ވެއްޓި، އެއިން ދަތުރުކުރި އެންމެން މަރުވި ޙާދިސާއާ ގުޅިގެން ބޮއިންގ 737 މަރުކާގެ ބޯޓުތައް ބޭނުންކުރުން ހުއްޓާލާފައި އޮތުމަށްފަހު، ޗައިނާ އީސްޓަންގެ ދަތުރުތަކުގައި އަލުން ބޭނުންކުރަން ފަށައިފިއެވެ.
މިދިޔަމަހު ޗައިނާ އީސްޓަންގެ މަތިންދާބޯޓު ވެއްޓުނު ޙާދިސާއަކީ ޗައިނާގައި ފަހުގެ ތާރީޚުގައި ހިނގި އެންމެ ނުރައްކާތެރި ވައިގެ ޙާދިސާއެވެ. މި ޙާދިސާއާ ގުޅިގެން ޗައިނާ އީސްޓަންއިން ވަނީ ބޮއިންގ 737-800 މަރުކާގެ މުޅި ފްލީޓު އެއްކޮށް ވަގުތީގޮތުން ގްރައުންޑް ކޮށްފައެވެ. އެގޮތުން ފްލީޓުގައި ހިމެނޭ 223 ބޯޓު ބޭނުންކުރުން މަޑުޖައްސާލާފައި އޮތުމަށްފަހު، މި ބޯޓުތައް އުދުހުންތަކުގައި އަލުން ބޭނުން ކުރަން މިވަނީ ފަށާފައެވެ.
ޗައިނާ އީސްޓަން އިން ހާމަކޮށްފައިވާގޮތުން ވެއްޓުނު ބޯޓުގެ ރަޖިސްޓްރޭޝަނާއި ކައިރިކޮށް ރަޖިސްޓްރީ ކޮށްފައިވާ އެ މަރުކާގެ ބޯޓުތަކުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިޔަށެވެ. ނަމަވެސް ޓެސްޓުތައް ނިންމައި، އެއަރ ވޯތިނެސް ކަށަވަރުކޮށް ނިމިފައިވާ ބޯޓުތައް ބޭނުންކުރަން ފަށާފައިވާކަމަށް ޗައިނާ އީސްޓަން އިން ބުނެއެވެ. އެ އެއަރލައިނުން ބުނީ ބޮއިންގ 737-800 މަރުކާގެ ހުރިހާ ބޯޓެއްވެސް ދަތުރުތަކަށް ބޭނުންކުރާނީ ޓެސްޓު ދަތުރުތައް ކުރުމަށްފަހުގައި ކަމަށެވެ.
މިދިޔަމަހު 132 މީހުންނާއެކު ޗައިނާގެ ކުންމިންގުން ގުވާންޒޯއަށް ދަތުރުކުރަމުންދަނިކޮށް ބޮއިންގ 737-800 މަރުކާގެ މަތިންދާބޯޓު ވެއްޓުނު ސަބަބެއް އަދި ނޭނގެއެވެ. މި ބޯޓު ވެއްޓިފައިވަނީ ޗައިނާގެ ގުވާންޒީ ފަރުބަދަތައް ހުރި ސަރަޙައްދަށެވެ. ސަރޗް އެންޑް އޮޕަރޭޝަން ޓީމްތަކުން ވަނީ ބޯޓުގެ ދެ ކަޅުފޮށި ހޯދާފައެވެ. އެހެންކަމުން ޙާދިސާއަށް 1 މަސް ވުމުގެ ކުރިން ހާދިސާއާ ގުޅޭ ތަފްޞީލީ ރިޕޯޓު އ.ދ. ގެ އޭވިއޭޝަން އޭޖެންސީއަށް ހުށަހަޅާނެކަމަށް ޗައިނާއިން ބުނެފައިވެއެވެ.
ބައިނަލްއަޤްވާމީގޮތުން ބޮއިންގ 737-800 މަރުކާގެ އެންމެ ބޮޑު ފްލީޓެއް އޮންނަނީ ޗައިނާގައެވެ. އެގޮތުން ޗައިނާ އީސްޓަންއާއި އިތުރު 9 އެއަރލައިނަކުން މި ބޯޓުތައް ބޭނުންކުރެއެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައް ހިމެނޭހެން 248 މަންޒިލަކަށް ދަތުރުކުރާ ޗައިނާ އީސްޓަން އެއަރލައިން ހިމެނެނީ ޗައިނާގެ ސަރުކާރުން ހިންގާ އެންމެ ބޮޑު ތިން އެއަރލައިނުގެ ތެރޭގައެވެ.
ދުނިޔޭގެ ޤައުމުތަކުން ބޮއިންގ 737 މަރުކާގެ މަތިންދާބޯޓު ބޭނުންކުރުން ހުއްޓާލާފައިވަނީ 2018 އަދި 2019 ވަނަ އަހަރު ލަޔަން އެއަރ އަދި އިތިއޯޕިއަން އެއަރގެ ދެ ބޯޓެއް ކައިރި ކައިރީގައި ވެއްޓި، 346 މީހަކު މަރުވުމާ ގުޅިގެންނެވެ. އޭރު ތަޙުޤީޤުތަކުން އެނގިފައިވާގޮތުން މަތިންދާބޯޓުތައް ވެއްޓެން މެދުވެރިވީ ފްލައިޓް ކޮންޓްރޯލް ސިސްޓަމުގައި ހުރި މައްސަލަތަކެއްގެ ސަބަބުންނެވެ. އެމައްސަލަތައް ޙައްލުކުރުމަށް ބޮއިން ކުންފުނިން ވޭތުވެދިޔަ ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، ގެއްލުމުގެ ބަދަލުގެ ގޮތުންނާއި، އޯޑަރުތައް ކެންސަލްވުމުގެ ސަބަބުން އެ ކުންފުންޏަށް ބޮޑު ޢަދަދުތަކުން ގެއްލުންވެފައިވެއެވެ. ޗައިނާ ހިމެނެނީ އެންމެފަހުން އެ މަރުކައިގެ މަތިންދާބޯޓުތައް އުދުހުމުގެ ޙުއްދަދިން ޤައުމުތަކުގެ ތެރޭގައެވެ.
ބޮއިންގ 737-800 މަރުކާގެ މަތިންދާބޯޓުތަކަކީ މީހުން އުފުލުމަށް ބޭނުންކުރާ މަޝްހޫރު މޮޑެލްއެކެވެ. އެގޮތުން ކޮމާޝަން ދަތުރުތަކަށް އެކަނިވެސް މި މަރުކާގެ 4991 ބޯޓު ފަރުމާކޮށް ނެރެފައިވެއެވެ.