އަންނަ ބުރާސްފަތި ދުވަހުން ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައި ގަންނަން ފަށާނެކަމަށް އިސްލާމިކް މިިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިނިސްޓްރީން ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނާނެ ކަމަށާއި މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ޒަކާތް ބަލައިގަންނަމުން ދާނެކަމަށެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ. މާލެ ސިޓީގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ހޯލުގައެވެ. ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތަކަކީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށެވެ.
ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސްފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00، މެންދުރުފަހު 13:00 އިން 14:30 އަށް އަދި ރޭގަނޑު 21:00 އިން 22:30 އަށެވެ.
އިސްލާމިކް މިނިސްޓްރީން އެންމެފަހުން އާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 11 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި މާލެއިން 8 ލައްކައަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. މިގޮތުން ރޯދަމަހުގެ ފުރަތަމަ ދިހައެއް ނިމުނު އިރު މިހާތަނަށް 19523 މީހުންވަނީ ޒަކާތް ދައްކާފައެވެ. އެއީ 878،646.00 ( އަށްލައްކަ ހަތްދިހަ އަށްހާސް ހަސަތޭކަ ސާޅީސް ހަ) ރުފިޔާއެވެ.
ޒަކާތް ބަލައިގަތުން އިސްލާމީ މަރުކަޒުގެ ހޯލުންވެސް ކުރިއަށްގެންދާއިރު މި އިންތިޒާމު ހަމަޖެހިފައިވަނީ އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށެވެ.
މިނިސްޓްރީން ޒަކާތް ބަލައިގަންނަމުންދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އަކުން މެންދުރު 1:00އާ ހަމައަށެވެ.
އޮންލައިންކޮށް ދިރާގުގެ ދިރާގުޕޭ، އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އޮންލައިންކޮށް ފައިސާ ރަމަޟާންމަހުގެ 28 ވަނަ ދުވަސް ވަނަދުވަހުގެ ނިޔަލަށެވެ. ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނީ މިނިސްޓްރީގެ ކައުންޓަރުތަކަށާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮށެވެ.
މިނިސްޓްރީގެ ކައުންޓަރުތަކުން ޒަކާތް ބަލައިގަތުން ރަމަޟާންމަހުގެ އެންމެފަހު ދުވަހުގެ އިރުއޮއްސި 6:00 ޖެހުމާއި ހަމައަށް ކުރިއަށް ދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
ފިޠުރު ޒަކާތް ބަހާނީ ރަމަޟާންމަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. ފިޠުރު ޒަކާތް ދޭނީ ފަޤީރުންގެ ލިސްޓުގައިވާ މީހުންނަށެވެ. މިއަހަރުގެ ފަޤީރުންގެ ލިސްޓުގައި ހިމެނެނީ 8984 މީހުންނެވެ. ފަޤީރުންގެ ދަފްތަރު އަޕްޑޭޓްކޮށްފައިވަނީ މިހިނގާ ރަމަޟާންމަސް ފެށުމުގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ. މިދިޔަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނީ 7778 މީހުންނެވެ.