ޚަބަރު

ލާމުގެ ފަޅޯ ދަނޑުތަކުން ކޮންމެ ހަފްތާއަކު 100 ކިލޯގެ ފަޅޯ ބާޒާރަށް


ދަނޑުވެރިންނާއި ގުޅިގެން އެގްރޯނެޓުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ލ. އަތޮޅުގެ ފަޅޯ ދަނޑުތަކުން ކޮންމެ ހަފްތާއަކު 100 ކިލޯގެ ފަޅޯ ބާޒާރަށް ނެރެވޭނެ ކަމަށް އެގްރޯނެޓުން ހާމަކޮށްފިއެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އުފައްދާފައިވާ އެގްރޯނެޓް ކުންފުނީގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރެވޭނެ ގޮތްތަކެއް އަމަލީގޮތުން ދަނޑުވެރިންނަށް ދެއްކުމެވެ.

ލާމު އަތޮޅުގައި ދަނޑުވެރިންނާއި ގުޅިގެން ހައްދާފައިވާ ފަޅޯ ދަނޑުތަކާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން އެގްރޯ ނެޓުގެ ހެޑު އޮފް ސޭލްސް އެންޑު މަރކެޓިންގ އަޙުމަދު ޒަކީ ވިދާޅުވީ، ލ. އަތޮޅު ގަން އަދި އިސްދޫގެ ފަޅޯ ދަނޑުތަކުން މިހާރު ބާޒާރަށް ފަޅޯ ލިބެން ފަށާފައިވާއިރު، މީގެން ކޮންމެ ދަނޑަކުން ކޮންމެ ހަފްތާއަކު 100 ކިލޯގެ ފަޅޯ ބާޒާރަށް ނެރެވޭނެ ކަމަށެވެ.

މި ފަޅޯ ދަނޑުތަކަކީ ރާއްޖޭގައި އާއްމުކޮށް ހައްދާ ވަތްތަރުގެ ދަނޑުތަކެއް ނޫން ކަމަށާއި، މިއީ ބަލާލަންވެސް ވަރަށް ރީތި ދަނޑުތަކެއްކަން ޒަކީ ފާހަގަކުރެއްވިއެވެ. އެގްރޯ ނެޓުން ދަނީ މިފަދަ ފަޅޯ ދަނޑުތައް ރާއްޖޭގެ އެހެން ހިސާބުތަކުގައިވެސް ހެއްދުމުގެ މަސައްކަތް ކުރަމުންނެވެ.
ޒަކީ ވިދާޅުވީ ދަނޑުތަކުގައި ހައްދާ ތަކެތި އެ ރަށަކަށް ބޭނުންވާ ވަރަށް ބެހެއްޓުމަށްފަހު، ކައިރި ރަށްތަކަށާއި، ރިސޯޓުތަކަށް ފޮނުވަނީ ކަމަށެވެ. އަދި ދެން ބާކީ ހުންނަ ބައި މާލެއަށް ގެނެސް ހޯލްސޭލަރުންނަށް ވިއްކަނީ ކަމަށްވެސް ޒަކީ ވިދާޅުވިއެވެ.

ރޯދަމަހު ބާޒާރުގައި ފަޅޯގެ އިތުރުން އެހެން ބައެއް ދަނޑުވެރިކަމުގެ އުފެއްދުމުގެ އަގު އުފުލޭތީ އެގްރޯނެޓުން މިއަހަރުގެ ރަމަޟާންމަސް ފެށުމުގެ ކުރިން ވަނީ މިތަކެތި ހެއްދުމުގެ މަސައްކަތް ފަށާފައެވެ.

އެގޮތުން އެގްރޯ ނެޓުންވަނީ ބާޒާރަށް މިއަހަރު ގިނަ އަދަދަށް ކަރާވެސް ނެރެފައެވެ. އެގްރޯނެޓުން ހާމަކުރާގޮތުން މިއަހަރުގެ ރޯދަމަހު މިހާތަނަށް 56 ޓަނު ކަރާ ނެރެފައިވާއިރު، ރޯދަމަސް ނިމޭއިރު، 120 ޓަނު ކަރާ ނެރެވޭނެ ކަމަށެވެ.

އެގްރޯނެޓަކީ ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ރައީސް ސާލިހުގެ ސަރުކާރުން އުފައްދާފައިވާ ކުންފުންޏެވެ. މި ކުންފުނި އުފެއްދީ 2020 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ.