ޚަބަރު

އައްމަޓީ ދޫކޮށްލި މައްސަލައިގެ ހުކުމް އެހެން ދުވަހަކަށް


މަކަރާއި ހީލަތުން އެތައްބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އައްމަޓީ)، ބަންދުން ދޫކޮށްލި މައްސަލައިގެ ހުކުމް ކުރުމަށް ސުޕްރީމް ކޯޓުގައި ތާވަލް ކުރި އަޑު އެހުން ފަސްކޮށްފިއެވެ.

މިމައްސަލައިގެ ހުކުމް ކުރުމަށް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައިވަނީ މިއަދު ހެނދުނު 11 ޖެހި އިރަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކުރުމުގެ ޝަރީއަތް މިއަދު ކެންސަލް ކޮށްފައެވެ. ނަމަވެސް ފަސްކުރި ސަބަބެއްވެސް އަދި، ދެން މިމައްސަލައިގެ ހުކުމް ކުރާ ޝަރީއަތް ބާއްވާނެ ތާރީޚެއްވެސް ސުޕްރީމް ކޯޓުން އަދި ތާވަލް ކޮށްފައި ނުވެއެވެ.

އަޙްމަދު މޫސާގެ ދެ ކޮއްކޮ ޖާމިނުކޮށް ޝަރުތުތަކެއް ކަނޑައެޅުމަށްފަހު ދަށު ކޯޓުން އޭނާ ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓްގައިވެސް އިސްތިއުނާފުކުރިއެވެ. އެހެންނަމަވެސް އެ މައްސަލަ ހުށައަޅާފައިވަނީ އެބާވަތުގެ މައްސަލަތައް އިސްތިއުނާފުކުރަން އޮންނަ 48 ގަޑިއިރަށްވުރެ ފަހުންކަމަށް ކަނޑައަޅާ ހައިކޯޓުންވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.

ހައިކޯޓުގެ ނިންމުމުގައި ބުނާ 48 ގަޑިއިރު ގުނަންޖެހޭނީ ދަށު ކޯޓުން މައްސަލަ ނިންމާ ދުވަސް ނުހިމަނާކަމަށް ބުނެ ހައިކޯޓްގެ ނިންމުމަކީ ޤާނޫނީ އަސާސްތަކާއި ޚިލާފު ނިންމުމެއްކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅިއެވެ. އެ މައްސަލައިގެ އަޑުއެހުންތަކަށްފަހު އަންނަ އާދިއްތަ ދުވަހު މައްސަލަ ނިންމަން އެންމެ މަތީކޯޓުން ވަނީ ތާވަލުކޮށްފައެވެ.

މި މައްސަލަ ނިމެންދެން ދައުލަތުގެ އެއްވެސް ވެރިޔަކު އެ މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް އެއްވެސް ތާކު ނުދެއްކުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރެއްވެސް ނެރެފައެވެ. ކޯޓްގެ މި އަމުރު އައިސްފައިވަނީ މި މައްސަލައާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އޭނާގެ އަމިއްލަ ބްލޮގާއި ޓްވީޓާގައި ވާހަކަދައްކަވާފައި ވާތީއެވެ.

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ ހައްޔަރުކޮށްގެން މާލެ ގެނެސް މައްސަލަ ތަހުޤީގުކުރުމަށްފަހު އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. މިއީ އޭނާ ޚިޔާނާތްތެރިވި ކޮންމެ މީހެއްގެ ދައުވާ ވަކިވަކިންނެވެ. އަޙްމަދު މޫސާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.