ޚަބަރު

ފަނޑިޔާރު ޢަބްދުއްރައޫފާއި، ފަނޑިޔާރު ޙަމީދު ވަކިކުރުމުގެ މައްސަލަ ކޮމެޓީއަށް


ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމި މައްސަލަ މަޖިލީހުގެ ކޮމެޓީއަށް ފޮނުވައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުމަށްފަހު ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލަ ފޮނުވާފައިވަނީ ޖުޑީޝަލް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

މިދެ ފަނޑިޔާރުން ވަކި ކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ ސަރުކާރުން ފަނޑިޔާރުންނަށް ދޫކުރި ފްލެޓުތަކެއް މި ދެ ފަނޑިޔާރުން ނެންގެވީ ޤާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ޚިލާފަށްކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެއް ބެއްލެވުމަށްފަހުއެވެ. މިމައްސަލާގައި ވަނީ ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ޚާއްޞަ އަގުތަކެއްގައި ބައްލަވައިގަނެފައިވާކަމުގެ ތުހުމަތެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ޤަޟިއްޔާއެއްގެ ހުކުމް ކުރުމަށް މި ދެފަނޑިޔާރުން ނިންމެވިކަމަށް ތުހުމަތުކޮށް ޖޭއެސްސީއަށް މައްސަލައެއް ހުށަހެޅުނެވެ. މި ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ހުށަހަޅުއްވަން ޖޭއެސްސީން ނިންމެވީ މިކަން ބައްލަވައި ތަޙްޤީޤުކުރެއްވުމަށްފަހުއެވެ.

ޖޭއެސްސީން ވިދާޅުވީ ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދެއްވި ފްލެޓްތަކަކީ ޤާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން ޢިނާޔަތެއްކަމަށެވެ. ފަނޑިޔާރުންނަށް ހައުސިންގ ހަމަޖެއްސުމުގެ އުޞޫލެއް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ނެތްކަމަށާ، ހައިކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް މިގޮތަށް ފްލެޓެއް ދީފައިވަނީ، މާލީ ޚާއްޞަ ލުއިތަކަކާއެކު އަދި މި ބާވަތުގެ ހައުސިންގ ހަމަޖެއްސުމުގައި ދައުލަތުން ބަލާ އާންމު އުސޫލުތަކުގެ ވެސް ބޭރުންކަން ފާހަގަވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

އެހެންކަމުން ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ހަވާލުކުރި މި ފްލެޓްތަކާ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބުދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ހަވާލުވުމަކީ ޤާނޫނު އަސާސީއާ ޚިލާފު ޢަމަލެއްކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.