ޚަބަރު

މީޑިއާ ކައުންސިލްގެ ތިޖޫރި ފަޅާލާއި 3600 ރުފިޔާ ވަގަށް ނަގައިފި


މޯލްޑިވްސް މީޑިއާ ކައުންސިލް، އެމްއެމްސީގެ ތިޖޫރި ފަޅާލައި އޭގައި ހުރި ފައިސާ ވަގަށް ނަގައިފިއެވެ.

އިދާރާގެ ތިޖޫރީ ފަޅާލާފައި ހުރިކަން އެނގުނީ މިއަދު ހެނދުނު މުވައްޒަފުން އޮފީހަށް ދިއުމުންކަމަށް އެމްއެމްސީން ބުނެއެވެ. އެމްއެމްސީގެ ތިޖޫރީ ފަޅާލައި ވަގަށް ނަގާފައިވަނީ އޭގައިހުރި 3،600 އެއްހާ ރުފިޔާއެވެ. އިތުރު އެއްޗެއް ވަގަށް ގެންދިޔަކަން އަދި ފާހަގަވެފައިނުވާކަމަށް އެމްއެމްސީން ވަނީ ބުނެފައެވެ.

އެތިޖޫރީގައި ހުރީ ޕެޓީކޭޝްއަށް ބޭނުންކުރުމަށް ހުރި މަދު ފައިސާކޮޅެއްކަމަށާއި، އެ ފައިސާ ވަގަށް ނަގާފައިވަނީ ތިޖޫރީގެ ތަޅު ހަލާކުކޮށް ލައިގެންކަމަށްވެސް އެމްއެމްސީން ބުނެއެވެ.

އެމްއެމްސީ ހުންނަނީ މަޖީދީމަގު ބިއްލޫރި ޖެހިގޭ 2 ވަނަ ފަންގިފިލާގައެވެ. ތިޖޫރި ފަޅާލާފައިވީނަމަވެސް އެތަނަށް ވަދެ ނިކުމެ އުޅޭ އެއްވެސް ދޮރެއް ހަލާކުކޮށްލާފައި ނުވެއެވެ. އެހެންކަމުން އެތަނަށް ވަގުން ވަދެފައިވަނީ ފާހަނާގެ ފެންލައިޓުން ކަމަށް ލަފާކުރެވޭކަމުގައި އެމްއެމްސީން ވަނީ ބުނެފައެވެ. އެ މައްސަލަ މިހާރުވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.