ޚަބަރު

ޕްލާސްޓިކާ ދެކޮޅަށް އިސްލާމިކް މިނިސްޓްރީން ޕާލޭއާ ގުޅިގެން މަސައްކަތްކުރަނީ


ވެށްޓާއި ކަނޑުފަޅަށް ޕްލާސްޓިކް ދިއުން ހުއްޓުވުމާ ގުޅޭ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޕާލޭ މޯލްޑިވްސްއާއެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ވެށްޓާއި ކަނޑުފަޅަށް ޕްލާސްޓިކް ދިޔަނުދީ ހުޓުވުމަށްޓަކައި މިނިސްޓްރީގެ ބެލެހެއްޓުމުގައިވާ މިސްކިތްތަކާއި ބިނާތަކާއި އިދާރާތަކުގައި ޕާލޭ އެއާރސްޓްރެޓަޖީ ހިންގުމުގައި އެއްބާރުލުންދީ މަސައްކަތް ކުރެވިގެންދާނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ ވެށްޓާއި ކަނޑުފަޅަށް ޕްލާސްޓިކް ދިއުން ހުއްޓުވުމަށް މިނިސްޓްރީން އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި މިފަދަ ކަމެއްގައި އިސްނެންގެވީތީ ޕާލޭ މޯލްޑިވްސްއަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޕާލޭ މޯލްޑިވްސްގެ ފައުންޑަރ ހަމްދޫން ޙަމީދު ވަނީ ކަނޑުތަކަށް ޕްލާސްޓިކް އެޅުމަކީ ވަރަށް ގިނަ ޤައުމުތަކުން ކުރާ ނޭދެވޭ ކަމެއްކަން ފާހަގަކުރައްވާފައެވެ.

ކަނޑުފަޅު ޙިމާޔަތްކުރުމާގުޅޭ މިފަދަ އެއްބަސްވުމެއްގައި އިސްލާމިކް މިނިސްޓްރީން ސޮއިކުރުމުން އެކަމަށް ޝުކުރުއަދާކުރައްވާ މިފަދަ ކަންކަމުގައި ދީނީ އަދި އިޖުތިމާޢީ ގޮތުން އާންމުން ހޭލުންތެރިކުރުވުމަށް މިނިސްޓްރީން މަސައްކަތްކުރެއްވުމުން ރައްޔިތުންނަށް ރަނގަޅު ނަމޫނާއަކަށް ވާނެކަމަށް ވިދާޅުވިއެވެ. އަދި ކަނޑުތައް ޙިމާޔަތްކުރުމަށް މަސައްކަތްކުރުމަށް ވަރަށް ބޮޑު ހިތްވަރަކަށް ވާނެކަމަށްވެސް ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓްރީގެ ދަށުން ހިންގާ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، އިސްލާމީ މަރުކަޒު އަދި މަސްޖިދުލް މަލިކި ސަލްމާންގައި ޕާލޭ އެއަރ ސްޓްރެޓަޖީ ހިންގުމުގައި އެއްބާރުލުންދީ މަސައްކަތް ކުރާނެއެވެ.

މިނިސްޓްރީގެ ފަރާތުން ޚާއްސަ ދުވަސްދުވަހު އިންތިޒާމުކުރާ ބޮޑު ޖަމާޢަތް ނަމާދުތަކާއި އާންމު ދަރުސްތައް ބާއްވާ ސަރަހައްދުތަކުގައި ބޭނުންކުރެވޭ ޕްލާސްޓިކް މަދުކުރުމާއި ބޭނުންކުރާ ޕްލާސްޓިކް ނުއުކައި، އެއްކުރުމަށްޓަކައި ނެޓުވަށިތައް ބެހެއްޓުމާއި، މޫސުމީ ބަދަލުތަކާއި، މާކަނޑުތައް ޙިމާޔަތްކޮށް ދެމެހެއްޓުމުގެ މުހިންމުކަމާއި، ޕްލާސްޓިކްގެ ނުރައްކާތަކާބެހޭ މަޢުލޫމާތު އަންގައިދީ ހެޔޮ މިސްރާބަށް ފަރުދީ ޖަމާއަތީ އާދަތައް ބަދަލުކުރުމަށްޓަކައި، ކަމާގުޅޭ ޝިޢާރުތަކާއި ހޭލުންތެރިކުރުމުގެ މެސެޖުތަކާއި ދަރުސްތަކާއި ޚުތުބާތަކުގައި ހިމެނުމަށްވެސް ވަނީ އެއްބަސްވެފައެވެ.

މި އެއްބަސްވުމުގެ ދަށުން ޕާލޭ މޯލްޑިވްސްއިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކާއި ބިނާތަކާއި މިސްކިތްތަކުން، ވެށްޓާއި ކަނޑަށް ދިޔަ ނުދީ އޮބަހައްޓައި ޙަވާލުކުރާ ޕްލާސްޓިކްގެ ހިސާބު ބަލަހައްޓައި، އައު ބޭނުންތަކާއި ރައްކާތެރި ނެއްތުމަށް ދުވަހުން ދުވަހަށް ގެންދިއުމާއި ޕާލޭ އެއަރ ސްޓްރެޓަޖީ އަންގައިދޭ މެސެޖް ބޯޑުތައް ބެހެއްޓުމާއި ވަސީލަތްތައް ފޯރުކޮށްދިނުން އަދި ހޭލުންތެރިކުރުމުގެ މެސެޖްތަކާއި ޚުތުބާތަކުގައި ހިމެނުމަށް ބޭނުންވާ ވަސީލަތްތަކާއި މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.