ޚަބަރު

ހުޅުމާލެ ފަރަށް ލިބުނު ގެއްލުމަށް އެއްލައްކައަށް ވުރެ ގިނަ ރުފިޔާގެ ޖޫރިމަނާއެއް


ހުޅުމާލެ ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެއްލައްކައަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މިދިޔަ މަހުގެ 1 ވަނަ ދުވަހު އޯޝަން ސަވެއަރ ނަމަކަށް ކިޔާ އުޅަނދެއް ހުޅުމާލޭގެ އިރުމަތިފަރާތު ފަރުބޭރުގައި ސަރވޭތަކެއް ކުރަމުން ދަނިކޮށް ފަރަށް ވަނީ ގެއްލުން ލިބިފައެވެ. މިބޯޓަކީ ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަަ ސަބްމެރިން ކޭބަލްގެ ސަރވޭގެ މަސައްކަތަށް އައި ބޯޓެކެވެ. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވި ހުޅުމާލޭގެ އިރުމަތިފަރާތު ފަރުބޭރުގައި ސަރވޭތަކެއް ކުރަމުން ދަނިކޮށް އެ އުޅަނދުގައި ބޭނުންކުރަމުން އައި HiPAP ސިސްޓަމްގެ USBL ޕޯލްއާއި އެ އުޅަނދުގައި ހަރުކޮށްފައި ހުރި މަލްޓިބީމް އިކޯސައުންޑަރު އެ ފަރުގައި ޖެހިފައިވާކަން އެ ފަރާތުން އެ އެޖެންސީއަށް އަންގާފައިވާކަމަށެވެ. އެހެންކަމުން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑާ ގުޅިގެން އެ އެޖެންސީން މިދިޔަ މަހުގެ 13 ވަނަ ދުވަހު އެސަރަޙައްދަށް ފީނައިގެން ކުރި ސަރވޭގައި ފަރަށް ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަ ކުރެވިފައިވާކަމަށް އީޕީއޭއިން ވިދާޅުވެއެވެ.

އެހެންކަމުން ހުޅުމާލޭގެ ފަރަށް ލިބުނު ގެއްލުންތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދުގެ ދަށުން ވަނީ އެއްލައްކަ ނުވަދިހަ އަށްހާސް އެއްސަތޭކަ ބާރަ ރުފިޔާ ހަތްދިހަ ތިންލާރި، އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކޮށްފައެވެ. އަދި، 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ އުޅަނދުގެ ދިވެހިރާއްޖޭގެ އެޖެންޓު، އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް މިދިޔަ އަންގާރަދުވަހު އަންގާފައިވާނެ ކަމަށް އީޕީއޭއިން ވިދާޅުވެއެވެ.

ދިވެހިރާއްޖެއަށް ލިބިފައިވާ ޤުދުރަތީ އެންމެ ބޮޑު ރައުސްމާލަކީ ދިވެހިރާއްޖޭގެ ފަރުތަކުގެ ނިޒާމެވެ. މިނިޒާމުގެ މައްޗަށް ރާއްޖޭގެ މުޅި އިޤްތިޞާދު ބިނާވެފައިވާ، ފަތުރުވެރިކަމާއި މަސްވެރިކަން އެއާއި ނުލާ ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ނުގެންދެވޭނެ ނިޒާމެއްވެސްމެއެވެ. އެހެންކަމުން މިފަދަ ކޮންމެ ފަރަކަށް އިހުމާލުވާ ނުވަތަ ގެއްލުމެއް ލިބެއްޖެނަމަ އެކަމުގެ ބަދަލު ހޯދުމަށްޓަކައި މީގެ ކުރިންވެސް ޖޫރިމަނާތައް ވަނީ ކޮށްފައެވެ.