ޚަބަރު

ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ ފަންނީ މަސައްކަތްތައް ނިންމާލައިފި


ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްޓަކައި އެ ދާއިރާގެ ފަންނުވެރިންގެ ޚިޔާލުތައް ހޯދާ ނިމިފައިވާ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ޑރ.މުޙައްމަދު ފައިޒަލް ވިދާޅުވީ ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްޓަކައި މިއަހަރު ތެރޭގައިވެސް ގިނަ މަސައްކަތްތަކެއް މިހާރު ކުރެވިއްޖެކަމަށެވެ. އެގޮތުން ސިއްޙީ ދާއިރާގެ އެކި ފަރާތްތަކާ އެކު ގިނަ ބައްދަލުވުންތަކެއް ބާއްވާފައިވާކަމަށާއި މީގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރަށް އެހެން ފަންނު ވެރިންނާވެސް ބައްދަލުކޮށް ޚިޔާލު ހޯދާފައިވާކަމަށެވެ. އަދި ފަންނީ ގޮތުން ކުރަންޖެހޭ ގިނަ މަސައްކަތްތައް މިހާރު ނިންމާފައިވާކަމަށާއި މަސައްކަތް ކުރަމުން އަންނަނީ ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ވީހާވެސް އަވަހަކަށް ބަދަލު ގެނައުމަށްކަމަށް ޑރ.ފައިޒަލް ވިދާޅުވިއެވެ.

މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާމެދު ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އަޙްމަދު އަމީރު ވިދާޅުވެފައިވަނީ ސަރުކާރުގެ ވައުދަކީ ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނަށް މުސާރައިގެ ހަމަހަމަކަން ޤާއިމުކުރުން ކަމަށެވެ. އެގޮތުން އެއް މަސައްކަތެއް ކުރާ ތަފާތު ވުޒާރާތަކުގައި މުސާރައިގެ ފަރަޤު ހިމެނޭއިރު، އެއް ފަންތީގެ ވަޒީފާތަކުގެ މުސާރައިގެ ހަމަހަމަކަން ޤާއިމުކުރަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނޭޝަނަލް ޕޭ ކޮމިޝަނުން ސިއްޙީ ދާއިރާގެ ހުރިހާ ފަންނުވެރިންނާ ބައްދަލުކޮށް މަޝްވަރާ ކުރެވެމުންދާކަން ފާހަގަ ކުރައްވައި މިނިސްޓަރ އިތުރަށް ވިދާޅުވީ، ދާދި އަވަހަށް ސިއްޙީ ދާއިރާގެ އޮނިގަނޑުވެސް އެކުލަވާލެވިގެންދާނެ ކަމަށެވެ. އެ މަސައްކަތް ނިމުމާއެކު، ސިއްޙީ ދާއިރާގެ އައު މުސާރައިގެ ފްރޭމްވޯކު އެކުލަވާލެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ އެކި ދާއިރާތަކުގެ މުސާރައިގެ އޮނިގަނޑުތަކަށް ގެންނަ ބަދަލުތަކާއެކު، ބަޖެޓަށް އަންނާނެ ބުރައަށްވެސް ކުރިމަތިލެވޭނެ ކަމުގެ ޔަޤީންކަން އޮތްކަމަށް ވިދާޅުވެފައެވެ.

ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރައްވާނެކަމަށް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ށ.ކޮމަންޑޫއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ވިދާޅުވެފައެއެވެ. އެގޮތުން ރައީސް ވިދާޅުވީ ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް އެކަމާގުޅިގެން ނިންމަންޖެހޭ ކަންކަން މިއަހަރުގެ ތެރޭގައި ނިންމެވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށެވެ.