ޚަބަރު

ސިއްޙީ މަރުކަޒުތައް އިމާރާތް ކުރާނީ ކުރިއަށްއޮތް 23 އަހަރުވެސް ބަދަލު ނުގެންނަ ގޮތަށް


ރަށްރަށުގައި ސިއްޙީ މަރުކަޒުތައް އިމާރަތް ކުރުމަށް ހަމަޖެހިފައިވަނީ 2045 ވަނަ އަހަރު އަންނައިރުވެސް އިމާރާތަށް އިތުރު ބަދަލުނުގެނެސް ވާނެ ގޮތަކަށް ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ އަލަށް އިމާރާތް ކުރާ ސިއްހީ މަރުކަޒުތަކުގެ ތެރެއިން ބައެއް މަރުކަޒުތައް 2 ފަންގިފިލާއަށްވެސް އިމާރަތް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ސަރުކާރުން ސިއްޙީ ދާއިރާއަށް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން އަތޮޅުތެރޭގައި އެ ޚިދުމަތްތައް ފުޅާކޮށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ޚާއްސަކޮށް އުމްރާނީ ވަޞީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރަމުން އަންނައިރު މީގެ ތެރޭގައި ސިއްހީ މަރުކަޒުތުގެ އާބާތުރަ ފިލުވުމާއި އައު ސިއްހީ މަރުކަޒުތައް އެޅުމާއި ކުދި ހޮސްޕިޓަލްތައް އިމާރާތް ކުރުމުގެ އިތުރަށް ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައްވެސް އިމާރާތް ކުރުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ.

އެގޮތުން މިހާރުވެސް ކުވައިތް ފަންޑްގެ އެހީގައި 30 އެނދުގެ ހޮސްޕިޓަލްތައް އިމާރާތްކުރަން ވަނީ ޓެންޑަރަށް ލާފައެވެ. އަދި ސިއްހީ މަރުކަޒުތަކަށާއި ހޮސްޕިޓަލްތަކަށް އިތުރުކުރަން ޖެހޭ 17 މަޝްރޫއެއްގެ ތެރެއިން 8 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. މީގެ އިތުރަށްވެސް އިތުރު މަޝްރޫޢުތައް ޓެންޑަރަށް ލުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. ސަރުކާރުން މި މަޝްރޫޢުތައް ކުރިއަށް ގެންދަނީ ދަޢުލަތުގެ ބަޖެޓުންނާއި ބޭރުގެ އެކި ފަރާތްތަކުގެ އެހީތެރިކަމާއެކުގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް ވިދާޅުވީ ރަށްރަށުގައި އަލަށް އިމާރާތް ކުރާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ކުރިން ނުލިބޭ ޚިދުމަތްތައް ލިބިގެން އަންނާނެކަމަށެވެ. އަދި އަލަށް އިމާރަތް ކުރާ ސިއްހީ މަރުކަޒުތަކުގެ ތެރެއިން ބައެއް މަރުކަޒުތައް 2 ފަންގިފިލާއަށް އިމާރާތް ކުރުމަށް ނިންމާފައިވާކަމަށާއި ހުރިހާ ހެލްތު ސެންޓަރުތައްވެސް އިމާރާތްކޮށް ޚިދުމަތް ދެމުން އަންނާނީ ދުނިޔޭގެ ސިއްހީ ނިޒާމްގެ މިންގަނޑުތަކަށް ފައްތައިގެންކަމަށެވެ. އަދި ސިއްހީ މަރުކަޒުތަކުގައި ސޯލަރ ހަރުކުރާނެކަމަށާއި ޓާޝަރީ ހޮސްޕިޓަލްތަކުގައިވެސް 300 ކިލޯވޮޓްގެ ސޯލަރ ހުންނާނެކަމަށް އާދިލް ވިދާޅުވިއެވެ. މިއާއެކު ޚަރަދު ކުޑަވެ ތިމާވެއްޓަށްވެސް ކުރާ މަސައްކަތުގައި އިތުރު ކުރިއެރުމެއް ލިބޭނެކަމަށް އާދިލް ވިދާޅުވިއެވެ. އާދިލް ވިދާޅުވީ ތިނަދޫއާއި ކުޅުދުއްފުށީގައި އަޅާ ޓާޝަރީ ހޮސްޕިޓަލްގެ ކުރެހުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަކަމަށެވެ.

މިހާރު ޓެންޑަރ ކޮށްފައި ހުރި މަޝްރޫޢުތަކާއި އަލަށް ހަވާލު ކުރާ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަން ފާހަގަކުރައްވާ އާދިލް ވިދާޅުވީ ސިއްހީ މަރުކަޒުތަކުގެ މަސައްކަތް އަންނަ އަހަރު ނިންމާ ޚިދުމަތް ދޭން ފަށާނެކަމަށެވެ. އަދި މިއީ ރާއްޖޭގައި މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުކުރާހާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައްކަންވެސް އާދިލް ފާހަގަކުރެއްވިއެވެ.

ސިއްޙީ މަރުކަޒުތައް ތަރައްޤީކުރުމުގެ މަސައްކަތުގައި ވެއިޓިން އޭރިއާގެ ޖާގަ އިތުރުކުރުމާއި، ޑޮކްޓަރުން ބަލާ ކޮޓަރި އިތުރުކޮށް ބަލި މީހުން އެޑްމިޓްކުރާ ވޯޑުތަކުގެ ޖާގަ އިތުރުކުރުން ހިމެނެއެވެ.

ސަރުކާރުން ގެންދަވަނީ ހޮސްޕިޓަލްތަކަށް ވަސީލަތްތައް ހަމަކޮށްދިނުމުގެ މަސައްކަތްވެސް ކުރިއަށްގެންދަމުންނެވެ. އެގޮތުން ހޮސްޕިޓަލްތަކަށް ކޮމްޕިއުޓަރ ސިސްޓަމްތައް ހޯދުުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށާއި މިއަހަރު ނިމެންވާއިރަށް، މުވައްޒަފުންގެ ދަތިކަންވެސް ޙައްލުވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.