އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް، ދިވެހި ސިވިލް ސަރވިސްގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ 40 މުވައްޒަފަކު އިންޑިއާއަށް ފުރައިފިއެވެ.
މީގެތެރޭގައި މިނިސްޓްރީތަކާއި، ސުކޫލްތަކާއި އަދި ކައުންސިލް އިދާރާތަކުގެ މެނޭޖިރިއަލް ފަންތީގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނެއެވެ.
"ޓްރެއިނިންގ ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޮރ ސިވިލް ސަރވެންޓްސް އޮފް މޯލްޑިވްސް" ގެ ނަމުގައި އިންޑިއާގެ "ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް" އިން، މެއި 9 އިން 21 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމްގައި އިންޑިއާގެ ސިވިލް ސަރވިސް އާ ބެހޭގޮތުންނާއި، އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި އެކި އެކި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ސެޝަންތައް ހިމެނިގެންދާނެކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ.
އެ ކޮމިޝަނުން ވިދާޅުވީ މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ސިވިލް ސަރވިސްގެ ދާއިރާގައާއި ސަރުކާރު ހިންގުމުގައި އިންޑިއާގެ ތަޖުރިބާ ބައިވެރިންނާ ހިއްސާ ކުރެވިގެންދާ ގޮތަށްކަމަށެވެ.
މި ތަމްރީނު ދަތުރުގެ ފުރަތަމަ ހަފުތާ ބައިވެރިން ހޭދަކުރުމަށް ހަމަޖެހިފައިވަނީ މަސޫރީ، އުއްތަރުކަންޑުގައި ހުންނަ ލާލް ބަހާދުރް ޝާސްތްރީ ނޭޝަނަލް އެކެޑަމީގައެވެ. މި އެކެޑަމީއަކީ އިންޑިއާގެ ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރާ މައި މަރުކަޒެވެ. އަދި ދެވަނަ ހަފްތާގެ ސެޝަންތައް ކުރިއަށް ގެންދެވޭނީ ދިއްލީގައެވެ. މީގެ އިތުރުން މި ދަތުރުގައި މަސޫރީ އަދި ދިއްލީގެ ސަޤާފީ ތަންތަނަށް ބައިވެރިން ޒިޔާރަތްކޮށް، ދެ ޤައުމުގެ ސަޤާފީ ހަރަކާތްތަކެއް ދައްކުވައިދޭ ހަފްލާއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ، ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމުގެ ގޮތުން ސަރވިސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2019 ވަނަ އަހަރު އެން.ސީ.ޖީ.ޖީ އާއެކު ސޮއިކުރެވުނު އެމް.އޯ.ޔޫގެ ދަށުން މި ތަމްރީނުގައި ބައިވެރިވުމަށް އިންޑިއާއަށް ފުރި 11 ވަނަ ބެޗެވެ. މި ވަފުދުގެ އިސްފަރާތެއްގެ ގޮތުގައި ހަރަކާތްތެރި ވާނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއިބްރާހިމް ސަމީރުއެވެ.