ދެ ރަށެއްގެ ސިއްޙީ މަރުކަޒަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. ޖާގަ އިތުރުކުރުމުގެ މަސައްކަތް ހަވާލުކުރި ދެ ރަށަކީ މ.ދިއްގަރާއި ށ.ފޭދޫއެވެ.
އެގޮތުން މ.ދިއްގަރު ޞިއްޙީ މަރުކަޒުގެ އިތުރުކުރާ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވީރު ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. 4 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 135 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ށ. ފޭދޫ ޞިއްޙީމަރުކަޒުގެ އިތުރުކުރާ އިމާރާތުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ރައިސަރ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް ކުރުމަށް އެ ކުންފުންޏަށް ހަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަސައްކަތަށް 4 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ.
ސިއްޙީ މަރުކަޒުތައް ތަރައްޤީކުރުމުގެ މަސައްކަތުގެތެރޭގައި ވެއިޓިން އޭރިއާގެ ޖާގަ އިތުރުކުރުމާއި، ޑޮކްޓަރުން ބަލާ ކޮޓަރި އިތުރުކޮށް ބަލި މީހުން އެޑްމިޓްކުރާ ވޯޑުތަކުގެ ޖާގަ އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރަށް ކައުންސެލިން ރޫމާއި މަލްޓިޕާޕަސް ހޯލާއި ބޭސް ރައްކާކުރާނެ ތަންތަނާއި އެމްބިއުލާންސް ބާއްވާނެ ގަރާޖެއްވެސް ތަރައްޤީ ކުރާނެއެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވީ ސިއްޙީ މަރުކަޒުތަކަށް ޖާގަ އިތުރުކުރުމަށް ކުރަުންދާ މަސައްކަތުގެ ދަށުން މިސިއްޙީ މަރުކަޒުގެ އިތުރުންވެސް އެހެން ރަށްރަށުގެ ސިއްހީ މަރުކަޒުގެ ކުރެހުންތައް ލިބެމުންދާވަރަކަށް މަސައްކަތް ކުރުމަށް ކުންފުނިތަކާ ހަވާލުކުރަމުން ގެންދާނެ ކަމަށެވެ.
ސަރުކާރުން އަންނަނީ ސިއްހީ މަރުކަޒުތަކަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރުވެސް 16 ރަށެއްގެ ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެކި މަރުހަލާތަކުގައި އަންނަނީ ކުރަމުންނެވެ. މިގޮތުން ބައެއް މަޝްރޫއުތައް ޓެންޑަރަސް ލާފައިވާއިރު އަނެއްބައި މަޝްރޫޢުތައް ޓެންޑަރަށް ލުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.