ޚަބަރު

މިދިޔަ ހަފްތާގައި ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ 312 މީހުން


ނިމުނު ހަފްތާގައި ރާއްޖޭން 312 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން އާއްމުކުރި ތަފާސް ހިސާބުތަކާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު މިހާރު ވަނީ އެއްލައްކަ ހަތްދިހަ ނުވަ ހާހުން މައްޗަށް އަރާފައެވެ.

ކޯވިޑް ފެތުރޭ ނިސްބަތް ރާއްޖޭގައި ދަށްވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗް.ޕީ.އޭއިން ވަނީ ކޮންމެ ދުވަހަކު ރިޕޯޓުކުރުން ހުއްޓަލާ ހަފްތާއަކު އެއްފަހަރު ތަފާސްހިސާބު ޢާއްމުކުރަން ފަށާފައެވެ. އެގޮތުން އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ މިދިޔަ ހަފްތާގެ ތަފާސްހިސާބަށް ބަލާއިރު 24 އޭޕްރީލުން 7 މެއިގެ ނިޔަލަށް 312 މީހަކު ވަނީ ކޯވިޑް ޕޮޒިޓިވްވެފައެވެ.

މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 43 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވެފައިވާ 222 މީހެކެވެ. މީގެ އިތުރުން އެހެނިހެން ތަންތަނުން ވަނީ 47 މީހަކު ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ޕޮޒިޓިވްވީ ޖުމްލަ މީހުންގެ ޢަދަދުވަނީ 179،483 އަށް އަރާފައެވެ.

ކޯވިޑް ފެތުރެން ފެށިފަހުން ފާއިތުވެދިޔަ ދެއަހަރުތެރޭގައި ރާއްޖެއިން މިބައްޔަށް އެއްލައްކަ ހަތްދިހަ ނުވަހާހަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު މިބަލީގައި ރާއްޖެއިން ވަނީ 298 މީހަކު ނިޔާވެފައެވެ.

ކޯވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމާއެކު ރާއްޖޭގައިވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކޮށްފައެވެ. 2020 ވަނަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު ޢިއުލާންކުރި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާފައިވަނީ މިދިޔަ މާޗްމަހުގެ 13 ވަނަ ދުވަހުއެވެ. އެއާއެކު ކޯވިޑުން އަރައިގަތުމަށް އަޅާފައިވާ ފިޔަވަޅުތައްވަނީ އުވާލާފައެވެ. އެހެންނަމަވެސް ރައްކާތެރިކަމަށްޓަކާ މާސްކު އެޅުމަށާއި ޢާއްމު ސާފުތާހިރުކަމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.