އެޕަލް ކުންފުނި ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނީގެ މަޤާމު އަރަމްކޯއަށް ލިބިއްޖެއެވެ.
ސައުދީ އަރަބިއްޔާގެ ތެޔޮ އަދި ގޭސް އުފައްދާ ކުންފުނި އަރަމްކޯއަށް މި މަޤާމް ލިބިފައިވަނީ ކުންފުނީގެ މަރކެޓު ވެލިއު 2.42 ޓްރިލިއަން ޑޮލަރަށް އެރުމާއި ގުޅިގެންނެވެ. އެޕަލްގެ ސްޓޮކް މަރކެޓުވެލިއުވަނީ 2.37 ޓްރިލިއަން ޑޮލަރަށް ދަށަށް ޖެހިލާފައެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނީގެ މަޤާމު އަރަމްކޯއަށް ލިބިފައިމިވަނީ 2 އަހަރު ދުވަހުގެ މުއްދަތަކަށް ފަހުއެވެ. ސާފު ނުކުރާ ތެލުގެ އަގާއި، ގުދުރަތީ ގޭހުގެ އަގުތަައް ދުނިޔޭގެ ބާޒާރުގައި އުފުލިފައިވުމާއި ގުޅިގެން އަރަމްކޯގެ ހިއްސާގެ އަގުތައް ވަނީ އުފުލިފައެވެ.
އިންވެސްޓަރުންދަނީ ޓެކްނޮލޮޖީ ކުންފުނިތަކުގެ ހިއްސާތައް ވިއްކާލަމުންނެވެ. ސަބަބެއް ކަމަށް ބުނަނީ ކުރިމަގުގައި ފައިދާ ލިބޭ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކުންފުނިތަކުގެ ޝެއަރއަށް އިންވެސްޓުކުރުމެވެ.
އެޕަލްގެ އިތުރުން، ބިޓް ކޮއިން އަދި އެހެންވެސް ކްރިޕްޓޯ އަދި ޑިޖިޓަލް އެސެޓުތަކުގެ ހިއްސާގެ އަގުތައްވެސް ވަނީ ދަށަށް ޖެހިލާފައެވެ.
އަހަރު ފެށިގެން އައީ އެޕަލްއަށް ކާމިޔާބު އަހަރެއްގެ ގޮތުގައެވެ. އެގޮތުން ހިއްސާގެ ބާޒާރުގައި ކުންފުނީގެ އަގު 3 ޓްރިލިއަން ޑޮލަރަށް އެރި ފުރަތަމަ ކުންފުންޏަކީ އެޕަލްއެވެ. ޕެންޑަމިކާއި އެކު މާލީގޮތުން އެންމެ ބޮޑު ފައިދާއެއް ލިބުނު ކުންފުނިތަކުގެތެރޭގައި އެޕަލް ހިމެނެއެވެ. ސަބަބަކަށްވީ ގޭގައި ގިނަ ވަގުތު މީހުން ތިބެން ޖެހުމުން އައިޕެޑު ފަދަ ސާމާނު ގަންނަ މިންވަރު ފެންޑަމިކްގެތެރޭގައި ރެކޯޑު މިންވަރަކަށް އިތުރުވުމެވެ.
ސައުދީ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ އަރަމްކޯއަށް މިހާރު އެންމެ ބޮޑު ފައިދާއެއް ލިބެމުންދަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުންދާތީއެވެ. އޮޕެކުގެ ޤައުމުތަކުގެތެރެއިން ބާޒާރަށް އެންމެ ގިނަ އަދަދަކަށް ތެޔޮ ނެރޭ ކުންފުންޏަކީ އަރަމްކޯއެވެ. އަގުތައް އުފުލެމުން ދިޔުމާއި ގުޅިގެން އަރަމްކޯއަށް 2021 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 110 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. 2020ވަނަ އަހަރު މި އަދަދު ހުރީ 49 ބިލިއަން ޑޮލަރުގައެވެ.
ޕެންޑަމިކަށްފަހު އިޤްތިސާދުތައް ހުޅުވާލަމުންދިޔުމާއި ގުޅިގެން 2021ވަނަ އަހަރު ދުނިޔޭގެ ބާޒާރުގައި ތެލުގެ ޑިމާންޑު ވަރަށް ބޮޑަށް އުފުލިގެންދިޔައެވެ. އަދި މިހާރު ކުރިއަށްދާ ޔޫކްރޭން ހަނގުރާމައާއި އެކުވެސް ރަޝިއާއަށް އަޅާ ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުން އެޤައުމުން ތެޔޮ ގަންނަ މިންވަރު މަދުކުރުމަށް ޤައުމުތަކުން މަސައްކަތްކުރަމުން ދިޔުމާއި އެކު އަރަމްކޯ ފަދަ ކުންފުނިތަކަށް އޮންނަ ޑިމާންޑުވަނީ އިތުރުވެފައެވެ.