ދުނިޔެ

ރެފިއުޖީންގެ މައްސަލަ ހައްލުކުރުމަށް ހަނގުރާމަ ހުއްޓާލަންޖެހޭ


ސޫރިޔާގައި ކުރިޔަށްދާ ދާހިލީ ހަނގުރާމައިގެ
ސަބަބުން އަމިއްލަ ޤައުމު ދޫކޮށް އެހެން ޤައުމުތަކަށް ދަތުރުކުރާ ރައްޔިތުން
ތަހަންމަލު ކުރަމުންދާ ނިކަމެތި ހާލަތު ހުއްޓުވޭނީ އެޤައުމުގައި
ހަނގުރާމަ ކުރަމުންދާ ދެ ފަރާތުން ސުލްހަވެގެން ކަމަށް އދ.ގެ ރެފިއުޖީންނާއި ބެހޭ
ޖަމިއްޔާގެ ވެރިޔާ ވިދާޅުވެއްޖެއެވެ.



ސޫރިޔާގެ ރެޑް ކްރެސެންޓް ސެންޓަރަށް ކުރެއްވި
ޒިޔާރަތެއްގައި ވާހަކަ ދައްކަވަމުން ޔޫ.އެން.އެޗް.ސީ.އާރުގެ ވެރިޔާ ފިލީޕޯ ގްރާންދީ ވިދާޅުވީ
ސޫރިޔާގެ ދާހިލީ ހަނގުރާމައިގެ ސަބަބުން އެކަމުގެ ގެއްލުން ތަހަންމަލް ކުރަމުންދާ
ރައްޔިތުންގެ ހާލަތު ބަދަލުކުރެވޭނީ ދެފަރާތުން އެއްބަސް ވުމަކަށް
އައިސްގެންކަމަށެވެ. އޭނާ ވިދާޅުވީ ސޫރިޔާގެ ރެފިއުޖީން އަމިއްލަ ޤައުމު ދޫކޮށް
އެހެން ޤައުމުތަކަށް ދަތުރުކޮށް ނިކަމެތި ހާލުގައި އުޅޭ އުޅުން ހުއްޓުވޭނީ
އެޤައުމުގައި ކުރިޔަށްދާ ހަނގުރާމަ ހުޓުމަކަށް ގެނެސްގެންކަމަށެވެ. މިއީ ދަތި
ކަމަކަށް ވިޔަސް މިއީ މިހާރު ދިމާވެފައިވާ ރެފިއުޖީންގެ މައްސަލައަށް އޮތް
ހަމައެކަނި ހައްލުކަމަށް ގްރާންދީ ވިދާޅުވިއެވެ.



މިދަތުރުގެ ތެރެއިން ޔޫ.އެން.އެޗް.ސީ.އާރުން ވަނީ
ސޫރީޔާގެ ރެޑް ކްރެސެންޓްގެ ސެންޓަރަށް މޯބައިލް ކްލިނިކަކާއި ހަތް އެންބިއުލާންސް
ހަދިޔާ ކޮށްފައެވެ. ސޫރިޔާގައި 2011 ވަނަ އަހަރުން ފެށިގެން ކުރިޔަށްދާ
ދާހިލީ ހަނގުރާމައިގެ ސަބަބުން 4 މިލިއަނަށް ވުރެ ގިނަ ރައްޔިތުން ވަނީ އެޤައުމު
ދޫކޮށް ގޮސްފައެވެ.