ޚަބަރު

އަލިފުށި އެއަރޕޯޓް އެޅުމަށް ބިން ހިއްކަން ފަށައިފި


ރ. އަލިފުށީގައި ސަރުކާރުން ތަރައްޤީކުރަން ހަމަޖެހިފައިވާ އެއަރޕޯޓް މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް، އެ ރަށުން ބިން ހިއްކަން މިއަދު ފަށައިފިއެވެ.

އަލިފުށީގައި އެއަރޕޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެރަށުގެ ފަޅުން ބޮޑުބައެއް ހިއްކައިގެންނެވެ. އެހެންކަމުން އަލިފުށީ ކައުންސިލުން މިހާރު ވަނީ ބިންހިއްކުމުގެ މަސައްކަތް ކުރާ ސަރަހައްދުގެ ގޮނޑުދޮށުގައި ވަޅުލާފައިވާ ބޮނބިފާތަކާއި، ލަކުޑި ފަދަ ތަކެތީގެ ނަގަން އަންގާފައެވެ. އަދި މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި މިފަދަ ތަކެތި ގެންގޮސް ނިންމުމަށާއި އެ މުއްދަތުގެ ފަހުން ހުންނަ ތަކެތި ނައްތާލެވޭނެކަމަށް ކައުންސިލުން ވިދާޅުވެއެވެ.

އަލިފުށީގައި އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 1 ވަނަ ދުވަހުއެވެ.

އަލިފުށީގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކާ އެއަރޕޯޓު ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިއީ އެއްފަހަރާ މިހާ ބޮޑު ސްކޯޕެއްގައި ސަރުކާރު ކުންފުންޏަކަށް ޕްރޮޖެކްޓެއް ޙަވާލުކުރި ފުރަތަމަ ފަހަރެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްޤީކުރާ މިމަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 451.6 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީގެ އަމާޒަކީ އަންނަ އަހަރުގެ އޮގަސްޓްމަހަށް އެއަރޕޯޓްގެ މަސައްކަތް ނިންމާލުންކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 50.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 480 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑް ހެދުމާއި، ޓާރމިނަލް ބިލްޑިންގއަކާއި ފަޔަރ ބިލްޑިންގ އެއް އެޅުމާއި، އަލިފާން ނިއްވާ އިކުއިޕްމަންޓް ބެހެއްޓުމާއި، 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

އަލިފުށީގައި އެއަރޕޯޓް ތަރައްޤީކުރުމަށް ނިންމާފައިވަނީ 1200 މީޓަރު ދިގު ރަންވޭއަކާއެކުއެވެ. މިއީ ރ. އަތޮޅުގައި ތަރައްޤީކުރާ ދެވަނަ އެއަރޕޯޓެވެ.