ތަރައްްޤީ

މަގުހެދުމުގެ މަޝްރޫޢާއެކު ވެލިދޫ ރައްޔިތުންގެ ޒަމާންވީ ތަކުލީފަށް ނިމުމެއް


ނ. ވެލިދޫ މަގުތައް ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ޕްލޭނިންގ މިނިސްޓްރީން މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރް.ޑީ.ސީއާއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުން ފާހަގަކުރުމަށް ވެލިދޫގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކާއި، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤާއި ވެލިދޫ ކައުންސިލްގެ ރައީސް ޢާތިފް ޙުސެއިނެވެ. މި ރަސްމިއްޔާތުގައި ރަށުގެ ގިނަ އަދަދެއްގެ އާންމުންވެސް ވަނީ ބައިވެރިވެފައެވެ.

ނ. ވެލިދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުންނެވެ. މި މަޝްރޫޢުގެ ދަށުން އެ ރަށުގެ 5.2 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ބަނދަރު މަގު ހިމެނޭހެން ރަށުގެ މައި 10 މަގެއްގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެންދާނެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކު ވިދާޅުވީ، އެކުންފުނިން ވެލިދޫގެ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ 100 އިންސައްތަ ދިވެހި ލޭބަރ ފޯސްއަކާއެކު ކަމަށެވެ. އަދި ވެލިދޫގެ ރައްޔިތުންނަށްވެސް ފުރުޞަތު ހުޅުވާލައިގެން ކަމަށާއި، މަޝްރޫޢުގެ ހުރިހާކަމެއްވެސް ވަރަށް ރަނގަޅަށް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

މޫސާ އަލީ މަނިކު ވިދާޅުވީ، އާރް.ޑީ.ސީގެ އަމާޒަކީ ދީފައިވާ މުއްދަތަކަށްވުރެ އަވަހަށް މަގުތަކުގެ މަސައްކަތް ނިންމާ ވެލިދޫ ރައްޔިތުންނަށް ބޭނުންކުރަން ހުޅުވާލުންކަމަށެވެ. އަދި މަގުތަކުގެ މަސައްކަތް އެކުންފުނިން ކުރާނީ ދެވަނަ ފަހަރަށް މަގުތަކުގައި އަތްލާންނުޖެހޭހާ ފެންވަރު ރަނގަޅުކޮށްކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިއާ ޚިލާފަށް މިހާރު މި ހެދޭ މަގުތަކުގައި ހުންނާނީ ފެން ހިންދުމަށް ބޭނުންވާ ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމާއި، ލައިޓިންގއާއި ހުރިހާ އެއްޗެއް ޤާއިމުކުރެވިފައި ހުންނާނީ. ދެވަނަ ފަހަރަށް މަގުގައި އަތްލަންނުޖެހޭ މިންވަރަށް ތަރައްޤީކުރުމަށްފަހު އަޅުގަނޑުމެން ދޫކޮށްލާނީ" މޫސާ އަލީ މަނިކު ވިދާޅުވިއެވެ.

ޕީ.އެސް.އެމް ނިއުސްއާ ވާހަކަދައްކަވަމުން ވެލިދޫ ކައުންސިލުގެ ރައީސް ޢާތިފް ޙުސެއިން ވިދާޅުވީ، ވިއްސާރަވެއްޖެނަމަ މަގުތަކުގައި ފެންބޮޑުވެ، ޗަކަވުމަކީ ވެލިދޫއަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއްކަމަށެވެ. އަދި ރަށުގެ ހުރިހާ ބޮޑެތި މަގެއްގައިހެން އަނޑިގުނޑަންތައް ހެދިފައިވާކަމަށާއި، ރަށުގެ މަގުތައް ޒަމަނީ ފެންވަރަށް ހެދިގެން ދިއުމަކީ ވެލިދޫގެ ރައްޔިތުން ޒަމާންތަކެއް ވަންދެން ކުރަމުން އައި އުއްމީދެއްކަމަށް އޭނާ ވިދާޅުވިއެވެ.

ވެލިދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތުގައި އާރް.ޑީ.ސީގެ ޓީމާއެކު ރަށުގެ ރައްޔިތުން ބައިވެރިވާކަމީ ލިބޭ ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއްކަމަށް ޢާތިފް ވިދާޅުވިއެވެ.

"މިއީ މިހާ ބޮޑު މަޝްރޫޢެއް މިރަށުގައި ހިންގާ ފުރަތަމަފަހަރު. ކުރިންވެސް ކައުންސިލްތަކުން ވެލި އަޅާ މަގުތައް ލެވަލްކޮށް ހެދިން. އެކަމު އެއީ ވަގުތީ ޙައްލެއް. ރައްޔިތުން މިއަދު ތިބީ ވަރަށް އުފަލުން. ވަރަށް ހިތްހަމަޖެހިފައި. އަނެއްކާ އަޅުގަނޑުމެންނަށްވެސް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތުގައި %90 ހިއްސާ ސީދާ މިރަށުގެ ރައްޔިތުންވާތީ" ޢާތިފް ވިދާޅުވިއެވެ.

ވެލިދޫ މަގުތަކުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރް.ޑީ.ސީއާއެކު ޕްލޭނިންގ މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ގައެވެ. މި މަސައްކަތް ފުރިހަމަކުރުމަށް އެކުންފުންޏަށް ދީފައިވަނީ 450 ދުވަހުގެ މުއްދަތެކެވެ. ވެލިދޫ މަގު ހެދުމުގެ މަޝްރޫޢަށް ގާތްގަނޑަކަށް 88.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

45.5 ހެކްޓަރުގެ ވެލިދޫއަކީ ނ. އަތޮޅުގައި އެންމެ އާބާދީ ބޮޑު އެއް ރަށެވެ. އަދި އެރަށުގައި އިޤްތިޞާދީ ގިނަ ހަރަކާތްތަކެއް ކުރިއަށްދެއެވެ.