ޚަބަރު

ލަކުޑި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް އަޑިއަށްގޮސް ލަކުޑިތައް އޮޔާދަނީ


ލަކުޑި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ސަފާރީއެއްގައިޖެހި އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މާލޭ ހުޅަނގުފަރާތު ކަނޑުމަތިން ސަފާރީއަކާއި މުދާ އުފުލާ ދޯންޏެއް ޖެހި، އެކްސިޑެންޓެއް ހިނގުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވަމުން ދާކަމަށެވެ.

އެކްސިޑެންޓްގައި "ހުވަނދުމާ 2" ދޯނި ފަޅައިގެންގޮސް އަޑިއަށްދާތީ، ކޯސްޓްގާޑުން ވަނީ ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައެވެ. ގިނަ އަދަދެއްގެ ލަކުޑި ބަރުކޮށްފައި އޮތް "ހުވަނދުމާ 2" ދޯނި ޓީ ޖެޓީ ސަރަޙައްދަށް ވަތްފަހުން، އެ ދޯނި ވަނީ އަޑިއަށް ގޮސްފައެވެ.

ދޯނި އަޑިއަށް ގޮސްފައިވާއިރު ދޯނީގައި ހުރި ލަކުޑިތައް އޮޔާދާ ވީޑިއޯވެސް ސޯޝަލް މިޑިއާގައި ވަނީ އާންމުވެފައެވެ. އެމްއެންޑީއެފުން ދަނީ ކެރޭނެއްގެ އެހީގައި އެ އުޅަނދު ފެންމަތިކުރުމުގެ މަސައްކަތް ކުރަމުންނެވެ.