އައްޑޫ ސިޓީގައި ކުނި މެނޭޖްކޮށް ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢަށް ބޭނުންވާ ވޭސްޓު ޓު އެނަރޖީ ޕްލާންޓް އިންސްޓަލޭޝަން މަސައްކަތްތައް އަންނަ އޭޕްރީލްމަހަށް ނިންމާލެވޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދަޅުވެއްޖެއެވެ.
ރާއްޖެއިން ބޭރުން ޑިޒައިންކޮށް މެނިފެކްޗަރ ކޮށްގެން ގެނައި މި ޕްލާންޓްތައް ބެހެއްޓުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މާރޗްމަހުގެ ތެރޭގައެވެ.
ކުނިން ހަކަތަ އުފައްދާ ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ "ވޭސްޓް ޓު އެނަރޖީ" ނިޒާމު ޤާއިމުކުރަނީ އައްޑޫ ސިޓީގައެވެ.
މިއީ ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފެއްދުމަށް ޑިޒައިން ކުރެވިފައިވާ ޕްލާންޓެކެވެ. 1.5 މެގަ ވޮޓްގެ ކަރަންޓް އުފައްދާ މިޕްލާންޓުން އުފައްދާ ކަރަންޓްގެ 1 މެގަވޮޓު އައްޑޫ ސިޓީގެ ސެންޓްރަލް ގްރިޑާ ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 500 ކިލޯ ވޮޓު ބޭނުން ކުރާނީ މިފެސިލިޓީ ހިންގަންކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރައްވައެވެ.
މިއާއެކު ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި މުޅި ރާއްޖޭގެ ކުނީގެ މައްސަލައަށް އިންގިލާބީ ބަދަލެއް އަންނަ މަންޒަރު ފެނިގެންދާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވަނީ ވިދާޅުވެފައެވެ.
އައްޑޫގައި ކުނިން ހަކަތަ އުފެއްދުމުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދަނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ލޮޓަސް ކުންވަ ޖޮއިންޓް ވެންޗަރއިންނެވެ. މިއީ މޯލްޑިވްސް ގްރީން ފަންޑުން 16 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. އަދި މިއީ ގްރީން ފަންޑުން ހިންގާ މިފަދަ ފުރަތަމަ މަޝްރޫޢެވެ.
މިމަޝްރޫޢުގެ ދަށުން އަތޮޅުތެރޭގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކުގައި ކުނި އަންދައިގެން ހަކަތަ އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބޭނުންވާ އިންސިނަރޭޓަރުތައް ފަރުމާކޮށް ތައްޔާރުކޮށްފައިވަނީ ރާއްޖެއިން ބޭރުގައެވެ. މިއީ ރާއްޖޭގައި ކުނިން ހަކަތަ އުފެއްދުމަށް ހިންގާ މިފަދަ ފުރަތަމަ މަޝްރޫޢެވެ. މިއާއެކު ތިމާވެށީގެ ގޮތުގައި ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ބޮޑު ބަދަލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ކުނިން ހަކަތަ އުފައްދާ ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށް ކުރާ މަސައްކަތްތަކުގެ އިތުރަށް މިހާރު ސަރުކާރުން ވަނީ އައްޑޫ ސިޓީގައި ނުރައްކާތެރި ކުނި ރައްކާކުރަ ފެސިލިޓީއެއް އެޅުމަށްވެސް ނިންމާފައެވެ. އަދި އެކަމުގެ މަސައްކަތްތައް ފެށުމަށްތަކައި އާއްމުންގެ ޚިޔާލު ހުށައެޅުމަށްވެސް ވަނީ ހުޅުވާލާފައެވެ.