ޚަބަރު

ކުނި ވަކިކޮށްގެން ނެރުނަސް ޚިދުމަތުގެ އަގަކަށް ބަދަލެއް ނާންނާނެ: ޝައުނާ


އަންނަ މަހުންފެށިގެން މާލެ ސަޙައްދުގެ ގޭބިސީތަކުން އުފައްދާ ކުނި ވަކިކުރުމަށްފަހު ނެރެން އެންގިނަމަވެސް ޚިދުމަތަށް ނަގާ ފީއަށް ބަދަލު ނާންނާނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. ވެމްކޯގައި ރަޖިސްޓްރީ ކޮށްގެން ޚިދުމަތް ހޯދާ ގޭބިސީތަކުން މަހެއްގެ މައްޗަށް ނަގަނީ 150 ރުފިޔާއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީ އާމިނަތު ޝައުނާ ވިދާޅުވީ ކުނި ވަކި ކުރުމަށްފަހު ނެރުމާއި އުކާލުމުގެ މަސައްކަތަކީ ޒަމާންތަކެއްވީ ކުނީގެ މައްސަލަ ހައްލުކުރަން ފަށާފައިވާ މަސައްކަތުގެ ތެރެއިން ކުނި މެނޭޖްކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. މިގޮތުން ދުވާލެއްގެ މައްޗަށް މާލެ ސަރަހައްދުން ގާތްގަޑަކަށް 1200 ޓަނުގެ ކުނި ތިލަފުއްޓަށް ޖަމާކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރު ކުނިތައް ވަކި ކުރަމުން އަންނަނީ ވެމްކޯގެ މުވައްޒަފުން އެތަކެތި ތިލަފުއްޓަށް ގެންގޮސްގެންކަމަށެވެ. އަދި ކުނިތައް މިހާރު މެނޭޖްކުރަމުންދަނީ މެޝިނެއްގެ އެހީގައި ކުނިތައް އެއްކޮށް ފިއްތާލުމަށްފަހު ކުނިތައް ޕެކްކޮށްލުން ނުވަތަ ބެއިލްކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންނަމަވެސް ގޭބީސީތަކުން ކުނި ނެރޭއިރު ކުނި ވަކިކޮށްގެން ނެރުމަކީ މިމަސައްކަތަށް ލުޔެއް ލިބިގެންދާނެ ކަމެއް ކަމުގައި މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ. މިގޮތަށް ކުނި ބެއިލްކުރުމުގެ މަސައްކަތް ކުރިއަށްދާނީ ކުނިން ހަކަތަ އުފެއްދޭ ނިޒާމު ތިލަފުށީގައި ގާއިމުކުރެވެންދެން ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

މީހުން ދިރިއުޅޭ އެހެނިހެން ރަށްތަކާއި ސިނާއީ ރަށްތަކާއި ރިސޯޓްތަކުން ކުނި އުކާލާއިރު ހަތަރު ބަޔަކަށް ބަހާލަން ޖެހޭނެއެވެ. އެއީ ކުނިވާޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކް ފުޅި، މައުދަނާއި ބިއްލޫރީގެ ބާވަތްތައް އަދި އެހެނިހެން ބާވަތްތަކެވެ.

ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ތިލަފުށީގައި 30 އަހަރުވީ ކުނި ފަރުބަދައިން އަރާ ކަޅު ބޯ ދުން އެރުން ވަނީ ހުއްޓުވާފައެވެ. އަދި މި ނޫނަސް ރއްކާތެރި ގޮތުގައި ކުނި ނައްތާލުމަށްޓަކައި ތިލަފުށީގައި އަންނަނީ ބޮޑު މަޝްރޫޢޫއެއް ހިންގަމުންނެވެ. މިގޮތުން ކުނިން ހަކަތަ އުފެއްދޭނެ ނިޒާމެއް ޤާއިމްކޮށް އެއިން ދުވާލަކު 10 މެގަވޮޓާއި 12 މެގަވޮޓާ ދެމެދުގެ މިންވަރަކަށް ހަކަތަ އުފެއްދޭނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.