ޚަބަރު

ކައުންސިލަރުންގެ އެންމެ މުހިންމު މަޝްވަރާގައި މާލެ ސިޓީ ކައުންސިލުން ބައިވެރިނުވި


ކައުންސިލްތަކަށް ޢަމާޒުކޮށް ކުރިއަށްގެންދާ "ވިއަވެތި ރާއްޖެ" ކޮންފަރެންސުގައި މާލެ ސިޓީ ކައުންސިލުން ބައިވެރިނުވެ، ދޫކޮށްލައިފިއެވެ.

މިކޮންފަރެންސަކީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ހުރި ގޮންޖެހުންތަކާއި، މައްސަލަތައް ހައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބަލަހައްޓަވާ ކޮންފަރެންސެކެވެ.

ރާއްޖެ 3 ސަރަޙައްދަށް ބަހާލައިގެން ކުރިއަށްގެންދާ ކޮންފަރެންސްގެ ފުރަތަމަ ބައި ކުރިއަށްގެންދަނީ މެދުރާޖެތެރޭގެ އަތޮޅުތަކަށް ޚާއްސަކޮށްގެންނެވެ. މިކޮންފަރެންސުގައި ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ ރައީސުން ބައިވެރިވެވަޑައިގަތުމަށް އެލްޖީއޭއިން ވަނީ މިމަހުގެ 21 ވަނަ ދުވަހު ދަޢުވަތު ފޮނުވާފައެވެ. މި ކޮންފަރެންސުގައި ގިނަ އަދަދެއްގެ ކައުންސިލްތަކުން ވަނީ ބައިވެރިވެފައެވެ.

މާލެ ސިޓީ ކައުންސިލުގެ މެޖޯރިޓީ އޮންނަނީ އިދިކޮޅު ޕީޕީއެމްގައެވެ. މާލޭގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމާއި، ކަންކަން ވުމުގައި ހުރި ދަތިކަމުގެ ވާހަކަ މާލެ ސިޓީ ކައުންސިލުން ތަކުރާރުކޮށް ދެއްކި ނަމަވެސް ކައުންސިލަރުންގެ މިބައްދަލުވުމަށް މާލެ ސިޓީ ކައުންސިލްގެ އެއްވެސް އިޖާބައެއް ނުދެއެވެ. މާލެ ސިޓީ ކައުންސިލްގައި ހިމެނޭ ސަރުކާރަށް ނިސްބަތްވާ އެމްޑީޕީގެ ބައެއް ކައުންސިލަރުން ވަނީ މިކޮންފަރެންސުގެ ދައުވަތު ލިބުނުކަންވެސް އަންގާފައިނުވާކަން ފާހަގަކޮށްފައެވެ.

މާލެ ސިޓީ ކައުންސިލް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ކޮންފަރަންސްގައި ބައިވެރިވުމަށް ދަޢުވަތު ލިބިފައި އޮތްކަން މާލެ ސިޓީ ކައުންސިލުން އެމްޑީޕީގެ އެއްވެސް ކައުންސިލަރަކަށް އަންގާފައި ނުވާކަމަށެވެ. އަދި އެއްވެސް ކައުންސިލަރެއް ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކޮށްފައި ނެތްކަމަށް ސިޓީ ކައުންސިލުން ޖަވާބުދީފައި އޮތީ ކީއްވެތޯ ސާފުކުރުމަށް މޭޔަރާއި މާލެ ސިޓީ ކައުންސިލްގެ ސެކެޓްރީ ޖެނެރަލްގެ އަރިހުން ލިޔުމުން އެދޭނެކަމަށް ސައިފް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލަށް ހޮވިފައި ތިބި ކައުންސިލަރުންގެ ޙައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އަރިހު ޙިއްސާކުރާން ހުރި ކިތަންމެ ވާހަކައެއް، އަދި ކިތަންމެ ކަންބޮޑުވުމެއް އެބަހުރިކަމަށް ސައިފް ވަނީ ވިދާޅުވެފައެވެ.

އުކުޅަހުގައި އޮތް މިކޮންރަފެންސްގައި ބ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދުގެ އެކި ރަށްތަކުން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން 174 ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. މިކޮންފަރެންސުގައި ބައިވެރިވި ކައުންސިލަރުން ވަނީ ކައުންސިލްތަކަށް ދިމާވާ ދަތިތަކާއި، މައްސަލަތައް ހައްލު ކުރުމަށް ގިނަ ކަންތައްތަކެއް ހުށަހަޅާފައެވެ. މިއާއިއެކު ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުން ވަނީ ގިނަ ކަންތައްތަކެއް ހައްލު ގެނެސްދީފައެވެ.

މި ކޮންފަރެންސްގެ މައިގަނޑު އެއް މަޤްޞަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމެވެ. ދެ ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިޔަ މި ކޮންފަރެންސްގައި ޖުމްލަ 4 ސެޝަން ވަނީ ބާއްވާފައެވެ.

މިގޮތުން ލޭންޑް ޔޫސް ޕްލޭން ހެދުމަށް ފަސޭހަ ގޮތްތަކެއް މަގު ފަހިކޮށް ދެއްވުމާއި، ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީން ބައެއް ރަށު ކައުންސިލްތަކަށް ދިނުމަށް ސަރުކާރުން ނިންމުމާއި، މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލްތަކަށް ދިނުމަށް މިބައްދަލުވުމުގައިވަނީ ނިންމާފައެވެ. ނަމަވެސް މިބައްދަލުވުމުގައި ވެރިކަން ކުރާރަށް މާލެ ސިޓީ ކައުންސިލްގެ ކަންބޮޑުވުންތައް އަޑުއިވިގެން ނުދިއުމަކީ މާލޭގެ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ.