ޚަބަރު

ސޯސަންވިލާ ޤުރުއާން އަދި މަދަހަ މުބާރާތުގެ 1 ވަނަ ވަފާއާއި ޝައިޚާއަށް


އަވަށްޓެރި ސްރީލަންކާގައި ދިވެހި ސަރުކާރުން ހިންގަމުން އަންނަ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމް.އީ.ސީ.ސީ)އިން ނިމިގެންދިޔަ ރަމަޞާން މަހު ލަންކާގައި ދިރިއުޅޭ ހުރިހާ ދިވެހިންނަށް ހުޅުވާލައިގެން ބޭއްވި ޤުރުއާން މުބާރާތާއި މަދަޙަ މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދީފިއެވެ.

ޤުރުއާން މުބާރާތް ދެގޮތްޕަކަށް ބަހާލައިގެން ގެންދިޔަ މިމުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން، މުޅި މުބާރާތުން 1 ވަނަ ހޯދާފައި ވަނީ ފާތިމަތު ވަފާ އަބްދުލްވާޙިދެވެ. މީގެ އިތުރުން ވަފާ ވަނީ މަދަޙަ މުބާރާތުން މުޅި މުބާރާތުން 3 ވަނަވެސް ހޯދާފައެވެ. އަދި ޤުރުއާން މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 13 އަހަރުންދަށުގެ އުމުރުފުރާއިން 1 ވަނަ އާއި މަދަޙަ މުބާރާތުގެ 13 އަހަރުން ދަށުގެ އުމުރުފުރާއިންވެސް 1 ވަނަ ހޯދާފައެވެ.

އޯޕަން ޤުރުއާން މުބާރާތުގެ ނުބަލައި ކިޔެވުމުގެ ގޮފިން މުޅިމުބާރާތުން 1 ވަނަ ހޯދާފައި ވަނީ މަރިޔަމް އީޝަލް ޔާސިރެވެ. އީޝަލް ވަނީ ނުބަލައި ކިޔެވުމުގެ ގޮފިން 13 އަހަރުންދަށުގެ ޢުމުރުފުރާއިން 1 ވަނަ އާއި، އޯޕަން މަދަހަ މުބާރާތުގެ 13 އަހަރުންދަށުގެ އުމުރުފުރާއިން 2 ވަނަވެސް ހޯދާފައެވެ.

މަދަޙަ މުބާރާތުން، މުޅިމުބާރާތުން 1 ވަނަ ހޯދާފައި ވަނީ ފާތިމަތު ޝައިޚާ އިބްރާހީމެވެ. މީގެއިތުރުން ޝައިޚާ ވަނީ ޤުރުއާން މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން، މުޅިމުބާރާތުން 2 ވަނަ ހޯދާފައެވެ. އަދި ޤުރުއާން މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 15 އަހަރުން ދަށުގެ ޢުމުރުފުރާއިން 1 ވަނަ އާއި މަދަޙަ މުބާރާތުގެ 15 އަހަރުންދަށުގެ އުމުރުފުރާއިންވެސް 1 ވަނަ ހޯދާފައެވެ.
ޤުރުއާން މުބާރާތުގެ ނުބަލައި ކިޔެވުމުގެ ގޮފިން މުޅިމުބާރާތުން 2 ވަނަ ހޯދާފައި ވަނީ އަލްޔާން އަލީ މުސްތޮފާއެވެ.

ޤުރުއާން މުބާރާތުގެ މިގޮފިން މުޅިމުބާރާތުން 3 ވަނަ ހޯދާފައި ވަނީ އާލާ މުޙައްމަދު ޖަމީލެވެ. ބަލައިގެން ކިޔެވުމުގެ ގޮފިން މުޅިމުބާރާތުން 3 ވަނަ ހޯދާފައި ވަނީ އަބްދުﷲ ޔޫޢާން މުޙައްމަދެވެ. މަދަޙަ މުބާރާތުގެ މުޅިމުބާރާތުން 2 ވަނަ ދެކުއްޖަކަށް ލިބިފައިވެއެވެ. އެއީ އަލްޔާންގެ އިތުރުން އަލްވާން އަލީ މުސްތޮފާއެވެ. އަދި މިމުބާރާތުގެ 3 ވަނަވެސް ދެކުއްޖަކަށް ލިބިފައިވެއެވެ. އެއީ ވަފާގެ އިތުރުން މަރިޔަމް މީކާ މުޙައްމަދަށެވެ. ދެމުބާރާތުގެ އެންމެމޮޅު ބައިވެރިންގެ އިތުރުން ހުރިހާ ޢުމުރުފުރާ ތަކުންވެސް ވަނަ ހޮވާފައިވެއެވެ. އަދި ޚާއްސަ ތިން ފަރާތަކަށް ހިތްވަރު ދިނުމުގެ އިނާމުވެސް ދީފައިވެއެވެ.

ލަންކާގައި ހުންނަ ސޯސަންވިލާގެ ހޯލުގައި އޮތް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އިނާމުތައް ޙަވާލުކޮށް ދެއްވީ ހައިކޮމިޝަނާއި، އެމް.އީ.ސީ.ސީގެ އިސްބޭފުޅުންނާއި ދެމުބާރާތުގެ ފަނޑިޔާރުންގެ އިތުރުން ޕީޓީއޭގެ މެމްބަރުންނެވެ.