ޚަބަރު

ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުރީ ރަނގަޅު މިސްރާބަކަށް: ރައީސް


ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވަމުންދާ ކަންކަމާއި، ދިމާވާ އެކި ހާދިސާތަކުގެ ސަބަބުން އިޤްތިޞާދީ ގޮތުން ރާއްޖެއަށް ގޮންޖެހުންތަކެއް ހުރިކަމަށާއި، ނަމަވެސް ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުރީ ރަނގަޅު މިސްރާބަކަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ދެ ދުވަހުގެ ނިޔަލަށް އުކުޅަހުގައި ބޭއްވި ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ދުނިޔެއަށް ދިމާވާ ކޮންމެ ހާދިސާއެއްގެ ގެއްލުން އަބަދުވެސް އެންމެ ބޮޑަށް ކުރާ ޤައުމަކީ ރާއްޖެކަމަށެވެ. އަދި މިދިޔަ ދެ އަހަރެއްގެ ތެރޭގައި ރާއްޖެ ތަހައްމަލު ކުރީ ވަރަށް އުނދަގޫ އަދި ގޮންޖެހުން ބޮޑު ދުވަސްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން މުޅި ރާއްޖެ ބަންދުކޮށް، އިޤްތިޞާދީ ހުރިހާ ހަރަކާތެއް ހުއްޓި ދިމާވި ގޮންޖެހުންތަކުން އަރައި ނުގަނެވިގެން އުޅެނިކޮށް ދުނިޔޭގެ އިޤްތިޞާދީ ބޮޑު ބާރަކުން ހަނގުރާމައެއް ފެށުމަކީ މުޅި ދުނިޔެއަށް އެކަމުގެ ނޭދެވޭ އަސަރު އިންތިއަށް ކުރަމުންދާ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރަޝިއާ-ޔޫކްރައިން ހަނގުރާމައިގެ އަސަރު އިންތިހާއަށް ރާއްޖެއަށް ކުރަމުންދާއިރު، ކުރިއަށް އޮތްތަނުގައި ތަރައްޤީގެ ބައެއް މަސައްކަތްތަކަށް ބަދަލު ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިއާއަށް އުފުލުމާއި، ޤައުމުތަކުގެ މާލީ ހާލަތަށް ދިމާވާ ކަންކަމުގެ އަސަރު ރާއްޖެއަށް ކުރާނެކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެއްކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އިޤްތިޞާދީ ދަތިކަން ވީހާވެސް ކުޑަކުރުމަށްޓަކައި މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅު އަޅައި، ބައެއް މަޝްރޫޢުތަކަށް ގެންނަން ޖެހޭ ބަދަލު ގެނެސް، ރަނގަޅު މިސްރާބަށް އަމާޒު ހިފާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ކޮވިޑަކީ އަޅުގަނޑުމެންނައި ބެހޭ އެއްޗެއްނޫން. އެހެން ނަމަވެސް މުޅި ޤައުމު އެއްކޮށް ބަންދުކޮށްގެން ތިބެންޖެހިއްޖެ. ކޮމިޑާއި ގުޅިގެން ދަތުރު ފަތުރު ހުއްޓި ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއްވި. މާލީ އެތައް ބުރައެއް އުފުލަން ޖެހުނު. މިއަދު ޔުކްރެެއިންގައި ހިނގަމުން އެދާ ހަނގުރާމައިގެ އަސަރު އިންތިހައަށް އެބަކުރޭ. ގޮދަނާއި ކާބޯތަކެތި އެންމެ ގިނައިން އުފައްދާ ދެޤައުމުގެ ތެރޭގައި ހިމެނޭ ދެޤައުމު. އެދެޤައުމުން އެއްޗިއްސެއް ބޭރެއް ނުކުރެވޭ. މުދަލުގެ އަގު އިންތިހާއަށް ބޮޑުވެއްޖެ. އަޅުގަނޑުމެން ބަޖެޓްކޮށްފައި ހުރި މިންވަރުގެ އެތައް ގުނައެއް ޚަރަދު ކުރަން އެބަޖެހޭ" ރައީސް ޞާލިހު ވިދާޅުވިއެވެ.

އިޤްތިޞާދީ ގޮންޖެހުންތަކުގެ އިތުރުން ތިމާވެށީގެ ގޮތުންވެސް ދުނިޔެއަށް ކުރިމަތިވާ ކޮންމެ ނޭދެވޭ އަސަރެއް އެންމެ ބޮޑަށް ތަހައްމަލު ކުރަންޖެހިފައިވާ އެއް ޤައުމަކީ ރާއްޖެއަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދުނިޔެއަށް ވިހަ ގޭސް ދޫކުރާ 20 ޤައުމުގެ ތެރޭގައި ރާއްޖެ ނުހިމެނުނު ކަމުގައި ވީނަމަވެސް ރާއްޖެއަކީ މިކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާ އެއް ޤައުމުކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކޮންފަރެންސަކީ ކައުންސިލްތަކުގައި ހުރި ކަންބޮޑުވުންތަކުގެ އަޑު އަހައި، ހައްލު ހޯދުމަށް ބޭއްވި ކާމިޔާބު ކޮންފަރެންސެއް ކަމުގައެވެ. މިކޮންފަރެންސަށްފަހު ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލޭންޑް ޔޫސް ޕްލޭނަކީ ސީދާ ރައްޔިތުންގެ މަޝްވަރާއާއެކު ރަށުގެ ކަންކަން ނިންމުމަށް އެކުލަވާލާ ޕްލޭނެއްކަމަށެވެ. ނަމަވެސް މިހާރު ހުރި އުސޫލުތަކަށް ބަދަލު ގެނެސް ރައްޔިތުންގެ މަޝްވަރާގެ މަތީން ޕްލޭން ހެދުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެހިގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މިކޮންފަރެންސުގައި ސަލާމަތީ ބާރުތަކުން ފާހަގަކުރެއްވި ގޭންގު ކުށްތަކާއި، ޑްރަގުގެ ވަބާއަކީ ސަލާމަތީ ބާރުތަކާއި ކައުންސިލްތަކުގެ ދައުރު ބޮޑު ކަމަކަށްވާއިރު، ކުށްތައް މަދުކުރުމަށް ކައުންސިލްތަކުން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު ވަނީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.