ޚަބަރު

ޝަރީޢަތްތައް އޮބްޒާވް ކުރުމުގެ ހުއްދަ ރައީސް ނަޝީދުގެ ވަކީލުންނަށް ދީފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރެރިސްޓް ހަމަލާގެ ޝަރީއަތްތައް އޮބްޒާވުކުރުމުގެ ފުރުސަތު އެމަނިކުފާނުގެ ވަކީލުންނަށް ދިނުމަށް ކްރިމިނަލްކޯޓުން ނިންމަވައިފިއެވެ.

މިދޔަ އަހަރުގެ މޭ 6 ވަނަދުވަހު ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ އެންމެ ބޮޑު ޝިކާރައަކަށްވީ ރައީސް ނަޝީދަށް ކަން ފާހަގަކުރައްވާ އެ މައްސަލާގައި ކުރިޔަށް ގެންދާ ޝަރީއަތް އޮބްޒާވުކުރުމަށް އެމަނިކުފާނުގެ ވަކީލުންނަށް ފުރުސަތު ދެއްވުމަށް ކޯޓްގައި އެދިވަޑައިގަތީ ރައީސް ނަޝީދުގެ ވަކީލު އަދި ކޮއްކޯފުޅު ނާޒިމް ސައްތާރެވެ. މާދަމާއިން ފެށިގެން ޝަރީއަތްތައް އޮބްޒާވުކުރުމުގެ ފުރުސަތު ކޯޓުން ދެއްވާފައިވާކަމަށް ނާޒިމް މިއަދު ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ ފަރާތްޕުޅުން ޝަރީއަތް އޮބްޒާވުކުރުމުގައި ހަރަކާތްތެރިވުމަށް 4 ވަކީލަކު ހަމަޖައްސަވާ ދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. އެއީ މި މައްސަލާގައި އެމަނިކުފާނުގެ ފަރާތްޕުޅުން ވަކާލާތުކުރައްވާ ވަކީލު އަދި ކޮއްކޯފުޅު ނާޒިމް ސައްތާރާއި ފަތުހުﷲ އަލީ އާ އަހްމަދު ނިޔާޒެވެ. މި ހުރިހާ ވަކީލުންނަކީވެސް ނާޒިމާއި އެކު މި މައްސަލާގައި މަސައްކަތް ކުރައްވާ ވަކީލުންނެވެ. މީގެއިތުރުން މި މައްސަލަ ކުރިޔަށްދާ ގޮތް ބެއްލެވުމަށް ރައީސް ނަޝީދުގެ ފަރާތުން ކަނޑައެޅުއްވި ކާސްޓީ ބްރިމްލޯއަށްވެސް އޮބްޒާވަރެއްގެ ގޮތުން މަސައްކަތް ކުރެއްވުމުގެ ފުރުސަތު ކްރިމިނަލްކޯޓުން ވަނީ ދެއްވާފައެވެ.

މި މައްސަލާގައި 10 މީހެއްގެ ޝަރީއަތް ކޯޓުގައި ދަނީ ހިނގަމުންނެވެ. މީގެތެރެއިން ދެ މައްސަލައެއްގެ އަޑުއެހުން މާދަމާ ހެނދުނު 09:00 ވަނީ ތާވަލުކޮށްފައެވެ. މިދިޔަ އަހަރުގެ މޭމަހުގެ 6 ވަނަދުވަހު ރައީސް ނަޝީދު އަވަހާރަކޯސްލަން ދިން ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމު ވަނީ އޭނާގެ ކުށަށް އިއުތިރާފުވެފައެވެ. އޭނާގެ މައްޗަށް ކޯޓުން ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އެ ހަމަލާގައި ދެން އެންމެ އިސްކޮށް އުޅުނު މުހައްމަދު ތަސްލީމާއި، އަބްދުﷲ އަލި މަނިކުގެ ޝަރީއަތް އަންނަ ސެޕްޓެމްބަރަށް ނިންމާލުމަށް އެމައްސަލަ ބައްލަވާ ގާޒީ ވަނީ ތާވަލުކޮށްފައެވެ. އެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި ތަހުމީން އަހުމަދާއި މުޖާޒް އަހުމަދާއި އަލީ ހައިޝަމް އާއި މުހައްމަދު ނާޒިމް އާއި އިސްހާގާއި ފަހުމީ އަލީގެ މައްސަލަތައް އުޅެނީ ކޯޓު މަރުހަލާގެ ކުރީކޮޅުގައެވެ.