ޚަބަރު

ޑަބްލިއުއެޗްއޯގެ އެގްޒެކެޓިވް ބޯޑުގައި ދެކުނުއިރުމަތީ އޭޝިއާ ތަމްސީލްކުރަނީ ރާއްޖެ


ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ އެގްޒެކެޓިވް ބޯޑުގެ 151ވަނަ ބައްދަލުވުން، ސްވިޒަރލޭންޑްގެ ޖެނީވާގައި ހުންނަ ޑަބްލިޔު.އެޗް.އޯގެ ހެޑްކުއާރޓާރސްގައި ފަށައިފިއެވެ.

މި ބައްދަލުވުމުގައި ރާއްޖެއިން އިސްވެ ބައިވެރިވެވަަޑައިގަންނަވަނީ މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމެވެ. މިއަހަރުން ފެށިގެން ކުރިއަށްއޮތް 3 އަހަރު ދުވަހުގެ މުއްދަތަށް ޑަބްލިއުއެޗްއޯގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރެއްގެ ގޮތުގައި ދެކުނު އިރުމަތީ އޭޝިއާ ތަމްސީލްކުރާނީ ދިވެހިރާއްޖެއެވެ.

އެއްދުވަހުގެ މުއްދަތަށް މިއަދު ފެށި މިބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރު ޤައުމުތަކާއި މެމްބަރުންގެ ގޮތުގައި ނުހިމެނޭ ޤައުމުތައް ހިމެނޭގޮތަށެވެ.

މި ބައްދަލުވުމުގައި، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ 75ވަނަ ވަރލްޑް ހެލްތު އެސެމްބްލީގައި ނިންމި ނިންމުންތަކާއި، ޕްރޮގްރާމް، ބަޖެޓް އެންޑް އެޑްމިނިސްޓްރޭޓިވް ކޮމިޓީ ބައްދަލުވުމުގެ ރިޕޯޓުތަކާގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކޯވިޑް-19 ފަދަ ޞިއްޙީ ކުއްލި ނުރައްކަލުގެ ކާރިޘާތަކުން ރައްކާތެރިވުމާ ގުޅޭ މަޝްވަރާތަކެއް ހިންގުމާއި މިކަމާގުޅޭ މުހިންމު ނިންމުންތަކެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ޤައުމުތަކަށް ފޯރުކޮށްދޭ އެހީތަށް އެންމެ ފައިދާހުރި ގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުން ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ހިއުމަންރިސޯރސް އަދި ސްޓާފިންގއާގުޅޭ މަޝްވަރާތައްވެސް ކުރާނެއެވެ.

މި ބައްދަލުވުން ނިމިގެންދާއިރު، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑުގެ 152ވަނަ ބައްދަލުވުމުން ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހާއި ތަން އިޢުލާން ކުރާނެއެވެ.