ޚަބަރު

އިގްތިސާދާއި އިޖްތިމާއީ ތަރައްގީއަށް ޖަޕާނުން ރާއްޖެއަށް 5 މިލިއަން ޑޮލަރުގެ އެހީއެއް


ރާއްޖޭގެ އިގްތިސާދާއި އިޖްތިމާއީ ތަރައްގީއަށް ޖަޕާނުން 5 މިލިއަން ޑޮލަރު ނުވަތަ 77 މިލިއަން ރުފިޔާގެ އެހީއެއް ދީފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ހިލޭ އެހީއާ ހަވާލުވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކުރީ އެ ގައުުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރިއެވެ.

ޖަޕާނުން ދިން އެހީގެ އެއްބަސްވުމުގައި ސޮއިކުުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރ ޚަލީލް ވިދާޅުވީ ޖަޕާނުގެ އެހީގެ ދަށުން ރާއްޖޭގެ ތަރައްޤީއަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަކަމަށެވެ. އަދި މި އެހީންވެސް ރާއްޖެއާއި ޖަޕާނާއި ދެމެދު އޮންނަ ގާތްގުޅުން ރަމްޒްކޮށްދޭކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ސޮއިކުުރުމުގެ ރަސްމިއްޔާތަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ފައިތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ފުލުހުންގެ ކެޕޭސިޓީއާއި ކޭޕަބިލިޓީ އިތުރުކުރުމަށް ޖަޕާންއާއެކު މަސައްކަތް ކުރެވުނުކަމަށެވެ. މިގޮތުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު މިހާރަށްވުރެ ހަރުދަނާކޮށް ބެލެހެއްޓުމާއި ޚާއްސަގޮތެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ކަނޑުގެ ސަރަޙައްދުގައި ހިންގާ އެހެނިހެން ކުށްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ފުޅާކުރުމަށް މަސައްކަތްތައް ކުރެވޭކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ފުލުހުންގެ ޚިދުމަތް އަތޮޅުތަކުގައި ދެމުން އަންނައިރު މައިގަނޑު ގޮތެއްގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެއްރަށުން އަނެއް ރަށަށް ދިއުމުގައި ދިމާވާ މައްސަަލަކަމަށެވެ. މިގޮތުން ޖަޕާނުން މި ފޯރުކޮށްދިން އެހީގެ ސަބަބުން މިފަދަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކޮށް ފުލުހުންގެ ޚިދުމަތަށް ބޭނުންވާ އުޅަނދުތައް ހޯދޭނެކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ މި އެހީގެ ދަށުން އަތޮޅުތަކަށް އޮޕަރޭޝަންތަކަށް ބޭނުމަށް އެއް އުޅަނދު ހޯދާނެކަމަށާއި އޮޕަރޭޝަންސްތަކުގެ އިތުރަށް ފަސިންޖަރުން އުފުލުމަށްވެސް 9 ނުވަތަ 10 އުޅަނދު ހޯދާނެކަމަށެވެ. އަދި 35 އާއި 40އާ ދެމެދުގެ ކާރާއި ޓްރެފިކް މެނޭޖްކުރުމަށްޓަކައި ސްޕީޑް މެޝަރކުރާ ލޭޒަރ ސްޕީޑް ބަޑިވެސް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ރާޢްޖެއަށް ލިބޭ އެހީން ރާއްޖޭގެ މެރިން ޕޮލިސްއާއި ޓްރެފިކް ޕޮލިހުން ހިދުމަތްތައް ހަރުދަނާ ކުރަން ހޭދަކުރާނެކަމަށެވެ. އެގޮތުން ޓެރަރިޒަމްގެ ޢަމަލުތަކާއި ޑްރަގްގެ މައްސަލަ ފަދަ ކަންކަން ހުއްޓުވުމަށްޓަކައި ކަނޑުމަތީގައި މެރިން ޕޮލިހުން ބޭނުންކުރާނެ އުޅަނދުތައް ހޯދުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރަށް އެންމެ ޒަމާނީ ފެންވަރުގެ ޓްރެފިކް ޕޮލިސް މެނޭޖްމެންޓާއި ރޯޑް ސައިޑް ރެގިއުލޭޝަނާ ގުޅޭ އިކުއިޕްމެންޓް ހޯދުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ޖަޕާނު ސަރުކާރުން އަންނަނީ ރާއްޖޭގެ އުމްރާނީ ތަރައްޤީއަށްވެސް ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންނެވެ. މިގޮތުން ތަޢުލީމީ ދާއިރާއާއި ސިއްޙީ ދާއިރާއަށްވެސް މީގެކުރިން ވަނީ އެހީތައް ފޯރުކޮށްދެއްވާފައެވެ. މިގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުމަހުވެސް ޖަޕާނުން ވަނީ 1.2 މިލިއަން ރުފިޔާގެ އެހީއެއް ދީފައެވެ.