ޚަބަރު

ހއ.އަތޮޅުން ފެށިގެން ވ.އަތޮޅަށް ޔެލޯ އެލާޓް


މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހއ.އަތޮޅުން ފެށިގެން ވ.އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މި އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފައިވަނީ ހެނދުނު 8:00 އިން 12:00 އަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާޢްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މި އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށްވެސް އެ އިދާރައިން ވިދާޅުވެއެވެ.

މިއަދު އިރުއޮއްސި 6:00 ޖެހުމާއި ހަމައަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރައިން ވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ހުޅަނގު ދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މެލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށިގެންވާކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. އަދި އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވަނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވަނެކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މިގޮތުން އުތުރާއި މެދު ރާއްޖެތެރެއަށް ރާޅުގެ އުސްމިން ހުންނާއި 5 ފޫޓާއި 8 ފޫޓްގައެވެ. އަދި ދެކުނުގައި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައެވެ.

އެހެންކަމުން ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަސް ސަމާލުވުމަށް އިސްކަން ދޭންޖެހެއެވެ. އަދި ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަށް ސަމާލުވެ ރައްކަތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިއްމެވެ.