ޚަބަރު

ބިދޭސީންގެ މައްސަލަ: ދަތިތައް ދެނެގަތުމަށް ކަމާއިބެހޭ ފަރާތްތަކަށް ކޮމިޓީއަށް ހާޒިރުކުރަނީ


ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދިމާވެފައިވާ ދަތިތައް ދެނެގަތުމަށް ކަމާއި ގުޅުންހުރި އެންމެހައި އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ރަސްމީ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް އުނދަގޫތައް ކުރިމަތިވަމުންދާ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ކަމާބެހޭ އިދާރާތަކުގެ ބޭފުޅުންނާއެކު މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މިމައްސަލަ ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ހިއްސާކޮށްފައެވެ.

ފުލުހުންނާއި، ލޯކަލް ގަވަރުމަންޓް އޮތޯރިޓީއާއެކު ބޭއްވި ބައްދަލުވުމުގައި މިމައްސަލަ ހައްލުކުރުމަށް ހުރި ގޮންޖެހުންތައް އެބޭފުޅުން ވަނީ ހިއްސާކޮށްފައެވެ. އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފުލުހުން ފާހަގަކޮށްފައި ވަނީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އުޅޭ ތަނެއް ނޭގުމުގެ މައްސަލަ ކަމަށެވެ. ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ސީދާ އަދަދު ސާފުވިނަމަވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި މަސައްކަތުގައި މި މީހުން އުޅޭކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންނަކީ އަބަދުވެސް ވަރަށް އަވަހަށް އެއްރަށުން އަނެއް ރަށަށް ދައުރުވާ ބައެއްކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މިމައްސަލާގައި ފުލުހުންނާއި، އެލްޖީއޭއިން ވަނީ މިމަސައްކަތަކީ ޤައުމީ ބޮޑު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. މި ދެ މުޢައްސަސާގެ ވާހަތަކަށްފަހު ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ ކަމާއި ގުޅުންހުރި އެންމެހައި އިދާރަތައް ކޮމެޓީއަށް ހާޒިރުކޮށް، މިމައްސަލަ ހައްލު ކުރުމަށް އޮތް ގޮންޖެހުންތައް ދެނެގަތުމަށް ހުށަހަޅާފައެވެ.

އަފީފް ހުށަހެޅުއްވީ، އިމިގްރޭޝަނާއި، އިކޮނޮމިކް މިނިސްޓްރީއާއި، ޑިފެންސް މިނިސްޓްރީއާއި، އެލްޖީއޭއާއި، ފުލުހުންނާއި، ފިނޭންސް މިނިސްޓްރީވެސް ކޮމިޓީއަށް ހާޒިރު ކުރުމަށެވެ. އަފީފްގެ ހުށަހެޅުމާއި އެއްގޮތަށް، ކޮމެޓީގެ މުޤަައްރިރު ވަނީ އަންނަ ހަފްތާގެ ބުދަ ދުވަހު އެ އިދާރާތައް ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމާފައެވެ.