ތ. ދިޔަމިގިލީ ގަނޑުވަރު އާބާތުރަ ފިލުވައި، އެތަނުގައި ސައިޓް މިއުޒިއަމެއް ތަރައްޤީކުރުމަށް ތައްޔާރުވެއްޖެއެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވީ، ދިޔަމިގިލީ ގަނޑުވަރު އާބާތުރަ ފިލުވައި، ސައިޓް މިއުޒިއަމެއް ތަރައްޤީކުރުމުގެ މަސައްކަތް އިޢުލާނުކުރުމަށްޓަކައި ކުރަންޖެހޭ ސަރވޭކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން ސައިޓް މިއުޒިއަމް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ގަނޑުވަރުގެ ގޯތިތެރޭގައެވެ.
We have started the initial surveying of Th. Dhiyamigilee Ganduvaru to identify the work that needs to be done for conservation, restoration and repair of the building. This project is funded by the Government of India, under the HICDP grant.@MoACHmv @HCIMaldives pic.twitter.com/CFDDVqZ5Cf
— National Centre for Cultural Heritage (@HeritageMv) June 3, 2022
މިއީ އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ ހައި އިމްޕެކްޓްޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ދިޔަމިގިލީގެ އިތުރުން ނ. ލަންދޫގައި ހުންނަ މާބުދުގެ މަރާމާތުކޮށް ހެރިޓޭޖް ޕާކެއް ތަރައްޤީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި 2 ރަށުގައި ކުރިއަށްގެންދާ މި 2 މަަޝްރޫޢުއަށް އިންޑިއާ ސަރުކާރުން 5.2 މިލިއަން ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދީފައިވެއެވެ. މި އެހީ ދިނުމުގެ އެއްބަސްވުމުގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ސޮއިކޮށްފައިވަނީ މިދިޔަ އޭޕްރީލްމަހުގެ 18ވަނަ ދުވަހުއެވެ.
ދިޔަމިގިލީ ގަނޑުވަރުގެ ގޯތިތެރޭގައި ތަރައްޤީކުރާ ސައިޓް މިއުޒިއަމްގައި މިޒަމާނުގެ މިއުޒިއަމްތަކުގައި ޤާއިމުކޮށްފައި ހުންނަފަދަ ޑިޖިޓަލް އެގްޒިބިޓްތައް ޤާއިމުކޮށް، އެތަނާގުޅޭ މަޢުލޫމާތު އާއްމުންނަށް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.
ދިޔަމިގިލީ ގަނޑުވަރަކީ މީލާދީން 1704 އިން 1757 ހަމަޔއަށް ރަސްކަންކުރި ދިޔަމިގިލީ ދަރިކޮޅުގެ ރަސްރަސްކަލުން ދިރިއުޅުއްވި ގަނޑުވަރެވެ. މިއީ ދިޔަމިގިލީ ދަރިކޮޅުގެ ރަސްކަމުގެ އާސާރުތަކުގެ ތެރެއިން މިހާރު ފެންނަން ހުރި އެރަސްކަމުގެ އެންމެ މުހިއްމު ރަމްޒެވެ. ދިޔަމިގިލީ ގަނޑުވަރު ހުންނަ ގޯތީގައި ދިގުމިނުގައި 34 ފޫޓު އަދި ފުޅާމިނުގައި 30 ފޫޓު ހުރެއެވެ. މި ގަނޑުވަރު ރާނާފައިވަނީ އުވައާއި ހިރިގައު ބޭނުންކޮށްގެނެވެ. ބެލެވޭގޮތުގައި މި ގަނޑުވަރަށް މިހާރު 318 އަހަރު ވެދާނެއެވެ.