ދުނިޔޭގެ ތިމާވެށީގެ ދުވަހާގުޅުވައިގެން ފުވައްމުލައް ސިޓީގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ. މިއަހަރުގެ ތިމާވެށީގެ ދިވަސް ޤައުމީ ފެންވަރުގައި ފާހަގަކުރަމުންދަނީ ފުވައްމުލައް ސިޓީގައެވެ.
މިދުވަހާގުޅުވައިގެން މިއަދު ހަވީރު ކުރިއަށްގެންދިޔަ މި ކުޑަކުދިންގެ ހަވީރު ހުޅުވައިދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤެވެ. ތިމާވެށީގެ ދުވަހުގެ މިއަހަރުގެ ޝިޢާރާގުޅުވައިގެން "އޮންލީ ވަން އާތް ކިޑްސް ފެސްޓް" ގެ ނަމުގައި ކުރިއަށްގެންދިޔަ މި ހަވީރަކީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި ފުވައްމުލައް ސިޓީ ކައުންސިލާއި، ސަރުކާރުގެ އެކި މުއައްސަސާތަކާއި، އަމިއްލަ ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު ބޭއްވި ހަވީރެކެވެ.
މި ހަވީރުގައި ކުޑަކުދިންނަށް ތިމާވެއްޓާއި ގުޅޭ ތަފާތު އެކި މަޢުލޫމާތުތައް ފޯރުކޮށްދޭ ސްޓޯލްތަކާއި، އެކި އުމުރުފުރާގެ ކުދިންނަށް ޚާއްސަ ކުޅިވަރުތައް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި އެއްފަހަރު ބޭނުންކޮށްފައި އުލާލެވޭ ޕްލާސްޓިކާއި، ކުނީގެގޮތުގައި އުކާލެވޭ އެހެނިހެން ތަކެތި ބޭނުންކޮށްގެން ފަރުމާކޮށްފައިވާ އެކި ހެދުންތައް ދައްކާލުމަށް ޚާއްސަ ފެޝަން ޝޯވއެއްވެސް މި ހަވީރުގެ ތެރެއިން ކުރިއަށްގެންގޮސްފައިވެއެވެ. މި ހަވީރަށް ބޮޑު ތަރުޙީބެއް ލިބިގެންދިޔަކަން އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.
ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެގޮތުން ފުވައްމުލައް ސިޓީގައި ކުރިއަށްގެންދާ ތަފާތު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މާދަމާ އެ ސިޓީއަށް ވަޑައިގަންނަވާނެއެވެ.
މިއަދު ބޭއްވި ކުޑަކުދިންގެ ހަވީރުގެ އިތުރުން ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް މާދަމާ ހެނދުނު ޚާއްސަ ދުވުމެއް ފުވައްމުލައް ސްޓޭޑިއަމް ސަރަހައްދުގައި ކުރިއަށްދާނެއެވެ. ހެނދުނު 6 އިން 8 ކުރިއަށްގެންދާ މި ދުވުމުގައި ކޮންމެ ބައިވެރިއަކުވެސް 5 ކިލޯ މީޓަރު ހަމަކުރަންޖެހޭނެއެވެ. އަދި ދުވުމުގައި ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް ތިމާވެއްޓާ ރައްޓެހި ސާމާނުތައް ހިމެނޭ ގިފްޓް ޕެކެއް ދިނުމަށް ހަމަޖެހިފައިވެއެވެ. މި ދުވުމުގެ އިތުރުން މާދަމާ ހަވީރު ޚާއްސަ ބައިސްކަލު ބުރެއްވެސް ފުވައްމުލައް ސިޓީގައި އޮންނާނެއެވެ.
މީގެ އިތުރުން "ނޯ މޮޓޯ ވެހިކަލް"ގެ ނަމުގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުން މަނާ ގަޑިއެއްގެ ގޮތުގައި މާދަމާ ހަވީރު 4 އިން 6 އަކަށް ކުރިއަށްގެންދާ ހަރަކާތް ފުވައްމުލައް ސިޓީގެ އިތުރުން ރާއްޖޭގެ 90 އަށްވުރެ ގިނަ ރަށުގައި ކުރިއަށްދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ޚާއްސަ ޖަލްސާ އޮންނާނީ މާދަމާ ރޭ ފުވައްމުލައް ސިޓީގައެވެ.