ސޯލާ ހަކަތައާއި ބެޓެރީ ބޭނުންކޮށްގެން ދުއްވާ ކަޓަމަރާން ޕެސެންޖަރ ފެރީއެއް ބަންނާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ފަށައިފިއެވެ.
މިއީ ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ އެހީގައި ހިންގަމުންދާ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބްލް އެނަރޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ އެޑިޝަނަލް ފައިނޭންސިންގގެ ދަށުން ހިންގާ މަޝްރޫޢެއްކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އެ މިނިސްޓްރީން ވަނީ ސޯލާ ހަކަތައާއި ބެޓެރީ ބޭނުންކޮށްގެން ދުއްވާ ކަޓަމަރާން ޕެސެންޖަރ ފެރީއެއް ޑިޒައިން، ބިލްޑް އަދި ސަޕްލައި (އޮޕެރޭޝަން، މެއިންޓެނަންސް އަދި ޓްރެއިނިންގް ހިމެނޭގޮތަށް) ކޮށްދޭން ޝަޢުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
މި ޕްރޮޖެކްޓަކީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން، އޭ.ޑީ.ބީގެ ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ. އަދި ބީލަން ހުށަހެޅޭނީ އޭ.ޑީ.ބީ މެންބަރު ޤައުމުތަކުގެ ބީލަންވެރިންނަށެވެ. ބީލަމުގައި ބައިވެރިވާ ކުންފުނިތަކަކީ ފާއިތުވި 3 އަހަރުގެ ކުންފުނީގެ މާލީ ތަނަވަސްކަމުގައި އެވެރޮޖްކޮށް 4 ލައްކަ އެމެރިކާ ޑޮލަރު ހުރި، އަދި ފާއިތުވި 5 އަހަރު ތެރޭގައި މިބާވަތުގެ 2 މަސައްކަތްކޮށްފައިވާ ކުންފުންޏަކަށް ވާންޖެހޭނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެއިން ކޮންމެ މަސައްކަތެއްގެ އަގު މަދުވެގެން 2.5 ލައްކަ އެމެރިކާ ޑޮލަރަށް ވާންޖެހޭނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް 100 ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ. އަދި ބިޑް ސެކިޔުރިޓީގެ ގޮތުގައި 7500 ޑޮލަރު ދައްކަން ޖެހެއެެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 208 ދުވަހެވެ. އަދި ބީލަން ހުޅުވުން އޮންނާނީ 20 ޖުލައި 2022 ވާ ބުދަ ދުވަހުގެ 11:00ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.