ޚަބަރު

ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރުން މިމަހު 26ގައި


މިއަހަރު ރާއްޖެއިން ޙައްޖަށްދާ ފުރަތަމަ ގުރޫޕް މިމަހުގެ 26 ވަނަ ދުވަހު ޙައްޖަށް ދިއުމަށް ފުރާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދަޅުވެއްޖެއެވެ.

މިފަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ލިބިފައިވަނީ 453 ޖާގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިސްމާޢިލް ޙަމީދު ވިދާޅުވީ ރައްޖެއިން މިފަހަރު ޙައްޖަށް މީހުން ގެންދިޔުމަށް ހަމައެކަނި އެ ކޯޕަރޭޝަނަށް ލިބުމާއެކު އެންމެ ފުރިހަމައަށް އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އޭނާ ވިދާޅުވީ ފުރަތަމަ ބުރުގައި ޙައްޖަށްދާ މީހުން މިމަހުގެ 26 ވަނަ ދުވަހުގައި ފުރާނެކަމަށެވެ. އަދި ފުރަތަމަ ބުރުގައި 157 މީހުން ޙައްޖަށް ދިއުމަށް ފުރާނެކަމަށް އޭނާ ވިދާޅުވިއެވެ. އެއަށްފަހު އެކި ދުވަސްތަކުގެ މަތިން މީހުން ޙައްޖަށް ދިއުމަށްޓަކައި ފުރުވަމުން ގެންދާނެކަމަށް އިސްމާޢިލް ޙަމީދު ވިދާޅުވިއެވެ..

މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ލިބުނު 453 ޖާގަ އެއްކޮށް ދީފައިވަނީ ޙައްޖު ކޯޕަރޭޝަނަށެވެ. އޭގެ ތެރެއިން 352 ޖާގަ ޚާއްސަކޮށްފައިވަނީ ހައްޖަށް ދާން އެ ކޯޕަރޭޝަންގެ ކިއުގައި މިވަގުތު ތިބި މީހުންނަށެވެ. އަދި ބާކީ 100 ޖާގަ އައްމުކޮށް ހުޅުވާލައިގެން މީހުން ހޮވުމަށް ވަނީ ނިންމާފައެވެ. މިހާރު ފޯމް ބަލައިގަތުމުގެ މުއްދަތު ހަމަވެފައިިވާއިރު ގުރުއަތު ނެގުން އަންނަ ހޯމަ ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ހޯމަ ދުވަހުގެ މެންދުރު 14:30 އިން 17:30 އަށް ކުރިއަށްގެންދާ ގުރުއަތުނެގުން ޕީއެސްއެމް ނިއުސްއިން ލައިވްކޮށް ދައްކާނެއެވެ.


އާއްމުކޮށް ހުޅުވާލައިގެން ހައްޖަށް ދިއުމަށް 100 ޖާގަ އޮތްއިރު މި 100 ކޯޓާގައި ހައްޖަށް ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76960 ރުފިޔާއެވެ. މި ކޯޓާގައި ޙައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހެއެވެ.

ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ޙައްޛު ދުވަހަކީ އަންނަމަހުގެ 8 ވަނަ ދުވަހެވެ.