ޚަބަރު

އަހަރުގެ މިހާތަނަށް ރާއްޖެއަށް 7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން


އަހަރުގެ މިހާތަނަށް ރާއްޖެއަށް 7 ލައްކައަށް ވުރެގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 706468 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 55 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ 2019ވަނަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 6 އިންސައްތަ ދަށް އަދަދެެކެވެ.

އަހަރުގެ މިހާތަނަށް ކޮންމެ މަހަކު ރާއްޖެއަށް އައި ފަތުރުވެރިންގެ ޢަދަދުތަށް:

- ޖެނުއަރީމަހު – 131764 ފަތުރުވެރިން
- ފެބްރުއަރީ – 149008 ފަތުރުވެރިން
- މާރޗު – 150739 ފަތުރުވެރިން
- އޭޕްްރީލް – 145279 ފަތުރުވެރިން
- މޭ – 125522 ފަތުރުވެރިން

މަހުން މަހަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، މި ނިމުނު މޭ މަހަކީ ކާމިޔާބު މަހެކެވެ. އެގޮތުން އެމަހު ރާއްޖެއަށް 125522 ފަތުރުވެރިން އައިސްފައިވާއިރު، މި އަދަދަކީ ކޯވިޑުގެ ކުރިން 2019ވަނަ އަހަރުގެ މޭމަހު ރާއްޖެއަށް އައިސްފައިވާ 103023 ފަތުރުވެރިންނާއި އަޅާ ބަލާއިރު 21.8 އިންސައްތަ އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް އަންނަނީ އިންޑިއާ ފަތުރުވެރިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް 99614 ފަތުރުެވރިން އައިސްފައިވެއެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ 14.1 އިންސައްތައެވެ.

ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެޤައުމުން ރާއްޖެއަށް 88043 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. 67088 ފަތުރުވެރިންނާއެކު 3 ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 4146 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.

ރާއްޖެއިން ވަނީ މިއަހަރުތެރޭ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައެވެ. އަދި ރާއްޖެއަށް އަހަރުގެ މިހާތަަނަށް 706468 ފަތުރުވެރިން އައިސްފައިވާއިރު، މިއަހަރަށް ކަނޑައަޅާފައިވާ އަމާޒު ހާސިލްކުރުމަށް ދެން ބޭނުންވަނީ 893532 ފަތުރުވެރިންނެވެ. އެއީ ކޮންމެ މަހަކު މަދުވެގެން 148922 ފަތުރުވެރިންނެވެ.